ލަންކާ ޕާލިމެންޓު އުވާލަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕާޓީން އެއްބަސްވެއްޖެ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީގެ މަޖިލިސް މެމްބަރުން ވަނީ ޕާލިމެންޓު އުވާލަން އެއްބަސްވެފަ --

ކޮލަމްބޯ (ނޮވެމްބަރު 19): ސްރީލަންކާގެ ވެރިކަން ކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެގައުމުގެ ޕާލިމެންޓު އުވާލަން ޖެހޭ ކަމަށް އެކޮމިޓީން އެއްބަސްވެއްޖެ އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ކޮލަމްބޯ ޕޭޖުގައިވާ ގޮތުން ޔޫއެންޕީން އެފަދައިން ނިންމީ އެގައުމުގެ ބޮޑުވަޒީރު އަދި ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކޮށް، ސަރުކާރުން ދެން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހުގަ އެވެ.

ލަންކާގެ ސަރުކާރާ އިދިކޮޅު ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ރައީސްކަމަށް އިންތިހާބުވެ، ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޔޫއެންޕީން ބޭއްވި ބައްދަލުވުމުގައި ކެބިނެޓު މިނިސްޓަރު ވަޖިރަ އަބޭވަރުދަނަ ވަނީ އެޕާޓީން ރައްޔިތުންގެ މެންޑޭޓަށް އިހުތިރާމު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން. އަދި ރައްޔިތުންގެ މެންޑޭޓަށް އިހުތިރާމު ކުރުމުގެ ގޮތުން، މިސަރުކާރުން ޖެހޭނެ ޕާލިމެންޓު ފެށުމަށާއި މަޖިލިސް އިންތިހާބެއް ބޭއްވުމަށް އެއްބާރުލުން ދޭން،" އަބޭވަރުދަނަ ވިދާޅުވި އެވެ.

ޔޫއެންޕީގެ އިތުރު މިނިސްޓަރަކު ވިދާޅުވި ގޮތުގައި، ބޮޑުވަޒީރު ވިކްރަމަސިންހަ ވަނީ ޕާލިމެންޓު އުވާލުމާ ބެހޭ ގޮތުން ފަހު ގޮތެއް ނިންމާނީ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި ޕޮޑުޖަނަ ޕާޓީގެ ލީޑަރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރެއްވުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓު އުވާލެވޭނީ ހަތަރު އަހަރާއި ހަ މަސްވާ ފަހުން ނުވަތަ ޕާލިމެންޓު އުވާލުމަށް ތިންބައިކުޅަ ދެބައި މެމްބަރުން ރުހުން ދިނުމުންނެވެ. ލަންކާގައި މިހާރު އިންތިހާބުކޮށްފައިވާ ޕާލިމެންޓަށް ހަތަރު އަހަރާއި ހަ މަސް ވާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ. އަދި އެ ޕާލިމެންޓުގެ މެޖޯރިޓީ މިހާރު އޮތީ ޔޫއެންޕީގެ އެލަޔަންސަށެވެ. އެއީ ޕާލިމެންޓުގެ 225 ގޮނޑީގެ ތެރެއިން 106 ގޮނޑި އެވެ.

މީގެ އިތުރުން އެގައުމުގެ ގާނޫނު އަސާސީގައި ވަނީ އާ ރައީސަކު އިންތިހާބުވި ނަމަވެސް، ޕާލިމެންޓުގެ ދައުރު ނިމެންދެން ބޮޑުވަޒީރަށް މަގާމުގައި ހުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕޮޑުޖަނަ ޕާޓީން ބޭނުން ވާނީ ވީހާވެސް އަވަހަކަށް އާ ބޮޑުވަޒީރަކު އައްޔަން ކުރަން ކަމަށާއި، އެޕާޓީން އެމަގާމަށް ހުށަހަޅާނީ މަހިންދަގެ ނަން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ 52.25 ޕަސެންޓު ވޯޓާއެކުގަ އެވެ. އެ އިންތިހާބުގައި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ލިބުނީ 41.99 ޕަސެންޓު ވޯޓެވެ.

comment ކޮމެންޓް