އިއްސެގެ މަރު ފޮރުވިކަން ދެ ބިދޭސީންގެ މައްޗަށް ސާބިތެއް ނުވި

އިހަވަންދޫ އައިސް ޕުލާންޓު: އިއްސެ މަރާފައި އޮތީ އައިސްޕްލާންޓް ތެރޭގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިހަވަންދޫ އައިސްޕްލާންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފި އޮތް ޅ. ހިންނަވަރު، އިސްމާއިލް އުމަރު، (އިއްސެ) ގެ މަރު ފޮރުވި ކަމުގެ ދައުވާ އުފުލި ދެ ބިދޭސީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނުނީ 2018 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު އެވެ. އެމައްސަލާގައި އޭރު ހަ ބިދޭސީއަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ ބިދޭސީއަކަށް ދައުވާކުރީ އެނގިހުރެ މަރެއް ފޮރުވި މައްސަލާގަ އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިކްރަމް ސެއިހް އަދި މުހައްމަދު މިލޮން އެވެ.

ދެ ބިދޭސީއިންވެސް ވަނީ އެމައްސަލާގައި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެމައްސަލަ ނިންމައި މިމަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެދައުވާ ދެ ބިދޭސީންގެ މައްޗަށް ސާބިތުވާ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.

ހެކިންގެ ގޮތުގައި ދައުލަތުން ޝަރީއަތަށް ހުށަހެޅީ މައްސަލާގައި އިއްސެ މަރާލި ކަމުގެ ދައުވާ ކޮށްފައިވާ ސުމޮން މިއާ އަދި އެ ދެ ބިދޭސީން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނެވެ. ހުކުމުގައި ބުނެފައިވަނީ ސުމޮން މިއާ އިހަވަންދޫއިން ފުރަންވެގެން ލޯންޗެއް ހަމަޖައްސަން އިކްރަމް ސެއިހް އަދި މުހައްމަދު މިލޮން މަސައްކަތް ކުރިކަން ބަޔާނުން އެނގެން އޮންނަ ކަމަށެވެ. އެހެން ނަމަވެސް އެ ދެމީހުން ސުމޮން މިއާ ފުރުވަން ލޯންޗެއް ހޯދަން އުޅުނީ އިއްސެ މަރާލިކަން އެނގިގެން ކަމެއް ނުވަތަ ނޭންގި ކަމެއް ސާފު ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ދައުލަތުން މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ސިއްރު ހެކި އަދި އެހެން ހެއްކެއްގެ ހެކިބަހުންވެސް އެ ދެ ބިދޭސީއިންގެ ރަހުމަތްތެރިއަކަށް ކުޅުދުއްފުއްޓައް ދިއުމަށް ދަތުރެއް ކޮށްދޭން އެދިފައިވާކަން އެނގޭ ކަމަށާއި އެކަމަކު އެއީ ކާކަށް ކަމެއް ހެކިންގެ ހެކިބަހުން ނޭންގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހުކުމުގައި ބުނެފައިވަނީ ހެކިންގެ ހެކިބަހަށް ބެލުމުން އިކްރަމް ސެއިހް އަދި މުހައްމަދު މިލޮންއަށް ސުމޮން މިއާ މީހަކު މަރާލާފައިވާކަން އެނގޭ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އެހާލަތުގައި ސުމޮން މިއާ ފުރަން ލޯންޗެއް ހަމަޖައްސައިދިނުމަކީ އެނގިހުރެ މަރެއް ފޮރުވުމުގެ އަމަލެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ.

comment ކޮމެންޓް