ޑރ. އަފްރާޝީމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވީ މިސްކިތުން: ރިޕޯޓު

ޑރ. އަފްރާޝީމް އަލީ --- ސަންފޮޓޯ/

އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީ ފުލުހުން ސެކިއުރިޓީ މުޅިންވެސް ބޭނުންކޮށްފައި ހުރީ މިސްކިތަށް ދިއުމަށް ކަމަށާއި އެހެންކަމުން އަފްރާޝީމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވީ މިސްކިތުންކަން އެނގޭ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ޓީވީއެމްގައި ކުރިއަށްދިޔަ ދީނީ ޕްރޮގްރާމެއް ނިންމައި ގެއަށް ގޮސް ވަންތަނުން އެމަނިކުފާނު ދިރިއުޅުއްވި ހ.ފުންވިލުގޭ ސިޑިކައިރީ އެވެ. އެއީ އެކެއް އޮކްޓޫބަރު 2012 އިގެ މެންދަމުގެ ވަގުތެއްގަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް ފުލުހުންގެ ސެކިއުރިޓީ ބޭނުން ކުރައްވާފައި ވަނީ ފަހެއް ސެޕްޓެމްބަރު 2012 އިން ފެށިގެން 22 ސެޕްޓެމްބަރު 2012 އަށް ކަމަށެވެ. އެ މުއްދަތުގައި ސެކިއުރިޓީ ބޭނުންކުރީ ދެތިން ފަހަރު އަސްރު ނަމާދު އަދި ފަތިސް ނަމާދަށް ފަހު މިސްކިތުން ގެއަށް ވަޑައިގަތުމަށް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"މި އިން އެނގެނީ ޑރ. އަފްރާޝީމް ސެކިއުރިޓީ ހޯއްދެވީ ގެއިން މިސްކިތަށް ވަޑައިގަތުމަށް ނޫން ކަމަށާއި މިސްކިތުން ގެއަށް ވަޑައިގަތުމަށް ކަމަށާއި އެހެންކަމުން ޑރ. އަފްރާޝީމްއަށް އުނދަގޫކުރާ ބަޔަކު އޭނާ އަށް އުނދަގޫ ކުރަނީ މިސްކިތުން ކަމެވެ.،" މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.

އަފްރާޝީމްގެ ޖަނާޒާގެ ތެރެއިން --- ސަންފޮޓޯ/

އެވާހަކައަށް ބާރު ދިނުމުގެ ގޮތުން ކޮމިޝަނުގެ ރިޕޯޓުގައި ފުލުހުންގެ ފަރާތުން ޑރ. އަފްރާޝީމްގެ ސެކިއުރިޓީ ބެލެހެއްޓި އޮފިސަރުންނާއި ޑރ. އަފްރާޝީމާ ދެމެދު ކުރެވުނު މެސެޖް މުއާމަލާތްތައް ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޮފިސަރުންނާއި އަފްރާޝީމާ ދެމެދު 28 މެސެޖަކުން މުއާމަލާތް ކޮށްފައިވެ އެވެ.

އެގޮތުން ސެކިއުރިޓީއިންނަށް ޑރ. އަފްރާޝީމް ކޮށްފައި ހުރި މެސެޖްތަކުން ވެސް ފަތިސް ގަޑި އަދި އަދި އެހެން ބައެއް ގަޑިތަކުގައި މިސްކިތަށް ވަޑައިގަތުމަށް އަދި މިސްކިތުން ގެއަށް ވަޑައިގަތުމަށް ސެކިއުރިޓީ ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

"ސަލާމް ވަޙީދު، 3 ޖަހާއިރަށް މިސްކިތަށް ވަޑައިގެންދެއްވާ އިނގޭތޯ. ކޮންމެހެން މަޖިލިސް ކުރާ ގޭ ކައިރިއަށް ވަޑައިގަންނަވާނެ ކަމެއް ނެތް އިނގޭތޯ. ވެދުން." ޑރ. އަފްރާޝީމް ސެކިއުރިޓީ އޮފިސަރަކަށް 16 ސެޕްޓެމްބަރު 2012 ވަނަ ދުވަހު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.

"ސަލާމް ވަޙީދު، މިރޭ ފަތިހު 4:30 އމ އަށް މިސްކިތް ދޮށަށް ވަޑައިގެންދެއްވިއްޔާ ވަރަށް ހެޔޮފުޅު އިނގޭތޯ. ވ ބ ޝުކުރިއްޔާ.
އަފްރާޝީމް." ޑރ. އަފްރާޝީމް ސެކިއުރިޓީ އޮފިސަރަކަށް ފޮނުވި އެހެން މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.

ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ ފަހެއް ސެޕްޓެމްބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް ސެކިއުރިޓީއަށް އެދިވަޑައިގެންފައިވަނީ އެމަނިކުފާނަށް ކުރިމަތިވި ތްރެޓް އެނގިވަޑައިގަންނަވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭގެ ކުރިން އެއްވެސް ފަހަރަކު ފުލުހުންގެ ސެކިއުރިޓީއަށް ޑރ. އަފްރާޝީމް އެދިވަޑައިގެންފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑރ. އަފްރާޝީމާއެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ މއ. ޝޭޑީ ކެބިން ހަސަން ތައުފީގު ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިސް ގެ ފަހަތުގައި ހުންނަ މަސްޖިދުއް ސުލްތާން މުޙައްމަދު އިމާދުއްދީނަށް ދެމީހުން އެކުގައި ނަމާދަށް އަރާ ދުވަސްދުވަހު ދީނީ ގޮތުން ހަރުކަށި މީހުންގެ ފަރާތުން ވަރަށް ގިނައިން މަރުގެ އިންޒާރު އަންނަކަމަށެވެ. އަދި މިސްކިތަށް ވަދެ ނިކުންނަ ގަޑިތަކުގައި އެމީހުން ދިމާކޮށް ކޮއްޕައި ހަދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޑރ އަފްރާޝީމްގެ ޖަނާޒާގެ ތެރެއިން --- ސަންފޮޓޯ/

"އެހެންނަމަވެސް އެކަންކަމާއި މާބޮޑަށް ޑރ. އަފްރާޝީމް އަޅާނުއްލައްވައި އެކަމާ ކަންބޮޑު ނުވުމަށް އަޅުގަނޑު ގާތުގައި ބުނެފައިއެވެ.،" ކޮމިޝަނުގެ ތަހުގީގަށް ހަސަން ތައުފީގު ދީފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އެންމެ ފަހުން ވާހަކަ ދެއްކި މީހާ ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އަބަދު ވެސް "ތުނބުޅިލީމީހުން" އަފްރާޝީމްއަށް ދިމާކުރާ ވާހަކަ އެމަނިކުފާނު ދައްކަވާ ކަމަށެވެ. ނަމަވެސް އެ ތުނބުޅިލީ މީހުންނަކީ ކޮބައިކަން ބުނެފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ބޮޑު ނުރައްކަލެއް ޑރ. އަފްރާޝީމަށް އޮތީ މިސްކިތުން ކަމަށް މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ އިރު މިސްކިތުން ހުކުރު ނަމާދަށް ފަހު ފޭބި ދުވަހެއްގައި އަފްރާޝިމްގެ ދަރިކަލުންނާ އެކު ހުންނަވަނިކޮށް ފައިވާން އުކައި މީހުން ގޯނާވެސް ކުރި އެވެ.

ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެގެން ދުރާލާ ރާވައިގެންނެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލީ އެމަނިކުފާނު ދީނީގޮތުން ހާމަ ކުރެއްވި ބައެއް ހިޔާލުތަކާ، ހަރުކަށި ފިކުރުގެ މީހުންގެ ހިޔާލުތައް އެއްގޮތް ނުވުމުގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ރިޕޯޓުގައި ބުނެފައިވާ މީހުންނަކީ ހ. ލޮބީ ހުސައިން ހުމާމާއި، ހ. ހިލްޓަން، އަޒްލީފް ރައޫފު، އަދި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އެވެ.

comment ކޮމެންޓް