މިހާތަނަށް ކުޅެން ޖެހުނު ހުރިހާ މެޗެއްގައި ވެސް ރެފްރީ ވަރަށް ގޯސް: އަކޫ

ގުއާމް މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިހާތަނަށް ކުޅެން ޖެހުނު ހުރިހާ މެޗެއްގައި ވެސް ޖެހުނު ރެފްރީ ވަރަށް ގޯސް ކަމަށާއި މިއަދު ކުޅޭ މެޗުގައި އެކަން ބަދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ބުނެފި އެވެ.

ވޯލްޑްކަޕް ކޮލިފައިން އަދި އޭއެފްސީ ކޮލިފައިންގެ ދެވަނަ ރައުންޑުގައި މިއަދު ގުއާމާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު މި މެޗަކީ ރާއްޖެއަށް ކޮލިފިކޭޝަނުގެ އުންމީދު ދެމެހެއްޓުމަށް ވަރަށް މުހިއްމު މެޗެކެވެ. މިފަހަރުގެ އަމާޒު ކަމުގައިވާ ގުރޫޕުގެ ތިންވަނަ ހޯދައިގެން އޭއެފްސީ ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް އަދިވެސް އޮތް ނަމަވެސް ކުރީ މެޗުގައި ފިލިޕީންސް އަތުން ބަލިވުމުން އެ ޖާގަ ވަނީ ހަނި ވެފަ އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާ އިރު މޮޅު ލިބުނީ އެންމެ މެޗަކުންނެވެ. އެއީ ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެއަށްފަހު އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗައިނާ އަތުން ވެސް ބަލިވީ 0-5 ގެ ބޮޑު ނަތީޖާ އަކުންނެވެ. އެކަމަކު ފަހު ދެ މެޗުގައި ސީރިއާ އަދި ފިލިޕީންސް އަތުން ވެސް ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާ އަކުން ހަނިގޮތަކަށެވެ. މި ހުރިހާ މެޗެއްގައި ވެސް ރެފްރީންގެ ބޮޑެތި ގޯސް ނިންމުންތަކެއް އިދިކޮޅު ޓީމުގެ ކޮޅަށް ބުރަވެގެން ނިންމާފައިވާ ކަން ރާއްޖޭގެ ކުޅުންތެރިން ވަނީ ފާހަގަ ކޮށްފަ އެވެ.

ގުއާމް މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިއަދު ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރަމުން ރާއްޖޭގެ ކެޕްޓަން އަކްރަމް ވަނީ އެކަން ފާހަގަކޮށް ވާހަކަ ދައްކާފަ އެވެ. އަކްރަމް ބުނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ދިމާވީ ގޯސް ރެފްރީންތަކެއް ކަމަށެވެ.

"ކަން ދިމާކުރާ ގޮތުން ކޮންމެ މެޗެއްގައި ވެސް މިހުންނަ ރެފްރީ ވަރަށް ގޯސް. އެކަން ފެންނާނެ ހުރިހާ ބޭފުޅުންނަށް ވެސް. މާދަމާ އޮންނަ މެޗަށް ﷲގެ އިރާދައާ އެކު އެކަން އަޅުގަނޑުމެންގެ ކޮޅަށް ބުރަވާނެ ކަމަށް މި ބަލަނީ،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަކްރަމް ބުންޏެވެ.

ރާއްޖެއާއި ޗައިނާ ބައްދަލު ކުރި މެޗުގައި އަކޫއަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އެ މެޗުގައި ޗައިނާއަށް ދެ ޕެނަލްޓީ ދިން އިރު ދެ ޕެނަލްޓީއާއި އެ ރަތް ކާޑަކީ ލިބިގެން ނުވާނެ އެއްޗެއް ކަމަށް އޭރު ވެސް އަކޫ އައީ ބުނަމުންނެވެ. އަކޫ އޭރު ބުނީ ކުޅުންތެރިޔާ ޑައިވް ކުރުމުން ރެފްރީ މާ ބޮޑު ބަލާލުމެއް ނެތި ކާޑު ދައްކާ ޕެނަލްޓީ ދިނީ ކަމަށެވެ. ހަގީގަތުގައި އެ މެޗުގެ ނަތީޖާ އެހާ ބޮޑުތަނުން ތަފާތު ވެގެން ދިޔަ އެއް ސަބަބަކީ ވެސް އެއީ އެވެ.

އޭގެ އިތުރުން މި މަހުގެ ނުވަ ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ގޯލު އޮފްސައިޑްކަން ވެސް ގިނަ ކުޅުންތެރިން ވަނީ ފާހަގަ ކޮށްފަ އެވެ. މެޗުގެ ވީޑިއޯ ބަލާލުމުން ވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ އެވެ.

"ފިލިޕީންސް އަތުން ވެސް މޮޅުވާން ނުކުތީ އެކަމަކު ކަންދިމާކުރި ގޮތުން ނަތީޖާ އެކޮޅަށް ބުރަވެގެންދިޔައީ. މި ފައިޓުގައި ދެމި އޮންނަން ބޭނުމިއްޔާ މާދަމާ (މިއަދު) ގެ މެޗަކީ ކޮންމެހެން ކާމިޔާބުކުރަން ޖެހޭ މެޗެއް ކަމުގައި އަޅުގަނޑު ދެކެނީ،"

އަކްރަމް ބުނީ އޭނާގެ ނަޒަރުގައި މިއީ ފަސޭހަކަމާ އެކު ކާމިޔާބުކުރެވޭނެ މެޗެއް ކަމަށާއި އެކަމަކު އެކަން ކުރެވޭނީ މެޗު ވަރަށް ރަނގަޅަށް ފަށައި 90 މިނެޓު ހަމަވަންދެން ބުރަކޮށް މަސައްކަތްކޮށްގެން ކަމަށް އަކްރަމް ބުންޏެވެ.

comment ކޮމެންޓް