އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ، އޮކްޓޫބަރު މަހުގެ އާމްދަނީ ވެސް މައްޗަށް

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރާއި ރާއްޖޭން މުދާ އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާ އިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން އާންމުކުރި އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 10 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އެތެރެކުރީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޗައިނާ، ޔޫއޭއީ، ސިންގަޕޫރު އަދި އިންޑިއާގެ އިތުރުން މެލޭޝިއާއިންނެވެ.

އޮކްޓޫބަރު މަހު ރާއްޖޭން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 16 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މި އަހަރުގެ އޮކްޓޫބަރު މަހު 298 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓު ކޮށްފައި ވަނީ 257 މިލިއަން ރުފިޔާގެ މުދަލެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓުކުރި ފަސް ޤައުމަކީ ތައިލެންޑް، ފްރާންސް، ޔޫކޭ، ޔޫއެސް އަދި ޖަރމަނީ އެވެ.

އެކްސްޕޯޓުކުރި މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ މަހުގެ ބާވަތްތަކުންނެވެ. މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ ގަނޑުކުރި ކަންނެއްޔެވެ.

އޮކްޓޫބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓް ކުރި މިންވަރު އިތުރުވުމާ އެކު އެ މުއްދަތުގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް 288 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނީ 287 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

comment ކޮމެންޓް