ހޮންކޮންގެ ފުލުހުން، މުޒާހަރާ ކުރާ މީހުން ތިބި ޔުނިވާސިޓީ ވަށާލައިފި

ހޮންކޮންގެ ޕޮލިޓެކްނިކް ޔުނިވާސިޓީ ތެރޭ މުޒާހަރާ ކުރާ މީހުން ވަނީ ފުލުހުންނާ ދިމާލަށް ޕެޓްރޯލް ބޮން އުކާފަ -- ފޮޓޯ: ގެޓީ

ހޮންކޮން (ނޮވެމްބަރު 18): ހޮންކޮންގެ ފުލުހުން، އެސިޓީގެ އެތައް ސަތޭކަ މީހުން މުޒާހަރާ ކުރުމަށްޓަކައި އެއްވެފައި ތިބި ޕޮލިޓެކްނިކް ޔުނިވާސިޓީ ވަށާލައިފި އެވެ.

ހޮންކޮންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ބަޔަކު ޕޮލިޓެކްނިކް ޔުނިވާސިޓީގެ ކެމްޕަހުގައި ހަރަކާތްތެރިވާން ފެށީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެމީހުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފަ އެވެ.

އެގޮތުން ރޭ މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ޕެޓްރޯލު ބޮން އުކާ، ދުނި ޖަހާފަ އެވެ. އަދި ފުލުހުން ވަނީ ކަރުނަ ގޭހާއި ޕްރެޝަރުގައި ފެން ޖަހާފަ އެވެ.

މީގެ އިތުރުން މިއަދު ހެނދުނު ފުލުހުން ޔުނިވާސިޓީ ކެމްޕަސް ތެރެއަށް ވަންނަން މަސައްކަތް ކުރުމުން މުޒާހަރާ ކުރާ މީހުން ވަނީ އިތުރު ޕެޓްރޯލް ބޮމުން ހަމަލާ ދީފަ އެވެ. އަދި ފަހުން މުޒާހަރާ ކުރާ މީހުން ކެމްޕަސް ދޫކޮށް ދާން އުޅުމުން، ފުލުހުން ވަނީ އެމީހުންނާ ދިމާލަށް ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހާފަ އެވެ.

އިއްޔެ ޕޮލިޓެކްނިކް ޔުނިވާސިޓީގެ އޮފިޝަލުން ވަނީ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ޔުނިވާސިޓީ ދޫކޮށް ދިޔުމަށާއި މިހާރު ކެމްޕަހުގައި ތިބީ ހުސް "އެކްޓިވިސްޓުން" ކަމަށް ބުނެފަ އެވެ. އަދި މިއަދު އެ ޔުނިވާސިޓީގެ ވަގުތީ ރައީސް ކެން ވޫ ކުވޮކް ވަންގް ވަނީ ކެމްޕަހުގައި އަދިވެސް 600 އާއި 700އާ ދެމެދުގެ މިންވަރަށް މީހުން ތިބި ކަމަށް ވިދާޅުވެފަ އެވެ.

ހޮންކޮންގެ ފުލުހުން ވަނީ ޔުނިވާސިޓީ ތެރޭ ތިބި މީހުން ހަތީޔާރު ބެހެއްޓުމަށް ފަހު ކެމްޕަސް ދޫކޮށް ދިޔުމަށް އަންގާފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން އުޅެނީ ޔުނިވާސިޓީ ދޫކޮށް ދާ މީހުން ހައްޔަރު ކުރަން ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވަނީ ޔުނިވާސިޓީގެ ހުރިހާ ގޭޓުތައް ބަންދުކޮށްފައި ކަމަށާއި އެމީހުންގެ ތެރޭގައި ތިބި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށް ބުނެފަ އެވެ.

ހޮންކޮންގައި މިދިޔަ އޭޕްރިލް މަހު ފެށުނު މުޒާހަރާތައް ޔުނިވާސިޓީތަކުގެ ތެރެއަށްވެސް ވަދެ، ކެމްޕަސް ތެރޭ ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ފެށުނީ މިދިޔަ ހަފްތާގައި ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮންއިންނެވެ. އޭގެ ސަބަބުން އެޔުނިވާސިޓީން ވަނީ ކްލާސްތައް ކެންސަލްކޮށް، ދެން ކްލާސްތައް ފަށާނީ އަންނަ އަހަރު ކަމަށް ބުނެފަ އެވެ.

އެއަށް ފަހު ހޮންކޮންގެ އެހެން ޔުނިވާސިޓީތަކުގައި ތިބި މުޒާހަރާ ކުރާ މީހުންވެސް ވަނީ ކެމްޕަސް ތެރެއަށް ފުލުހުންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑުތައް ޖަހަން ފަށާފަ އެވެ. އަދި އެހަމަނުޖެހުންތަކާ ގުޅިގެން ޔުނިވާސިޓީތަކުގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން ވަނީ އެނބުރި ގައުމަށް ދާން ފަށާފަ އެވެ.

ހޮންކޮންގައި މުޒާހަރާތައް ފެށުނީ އެ ސިޓީގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން އެހެން ގައުމުތަކާ ހަވާލު ކުރެވޭނެ ބިލެއް އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ޗައިނާގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށާއި އެފަދަ ގާނޫނެއްގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށް ބުނެ އެތައް ހާސް މީހުން އެބިލާ ދެކޮޅަށް މުޒާހަރާ ކުރަން ފެށި އެވެ. އޭގެ ސަބަބުން ހޮންކޮން ސަރުކާރުން ބިލު އަނބުރާ ގެންދިޔަ ނަމަވެސް، އެމުޒާހަރާތައް ފުޅާވެ، ގިނަ މީހުން ދަނީ ލީޑަރު ކެރީ ލާމްގެ އިސްތިއުފާއަށާއި ހޮންކޮންއަށް އިތުރު މިނިވަންކަން ދިނުމަށް ގޮވާލާ އަދިވެސް މުޒާހަރާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް