މީރާގެ ބޯޑަށް މަޚްޒޫމް އައްޔަންކުރަން ފާސްކޮށްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށް މަހުޒޫމް ސަލީމް، ޝަބްނަމްގެ ކ. ކާށިދޫ، އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ މަޚްޒޫމް އާއި އިސްމާއިލް ސާޖިދު، މއ. ވިލާރޮދި އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާފައި ވަނީ މަޚްޒޫމް އަށެވެ. ކޮމިޓީން ނަންތައް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީ މަޖިލީހަށް ފޮނުވީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މީރާގެ ޑިރެކްޓަރުންގެ ބޯޑަށް، ގާނޫނީ ވަކީލު މަޚްޒޫމް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ހާޒިރުވެ ތިބި ހުރިހާ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެހެންކަމުން އިސްމާއިލް ސާޖިދުގެ ނަމަށް ވޯޓެއް އަހާފައެއް ނުވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ބަދަލު ގެނައުމަށް ދާދި ފަހުން ވަނީ ފާސްކޮށްފަ އެވެ.

މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށް ކަމަށް އިސްލާހުގައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެކުރީން އެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި މަޖިލީހުގެ ރުހުމާއެކު ރައީސް އައްޔަނުކުރައްވާ ފަސް ބޭފުޅެކެވެ.

comment ކޮމެންޓް