ޓެކްސްގެ ނިޒާމުން ބޭރުން ވެސް ދައުލަތަށް އާމްދަނީ ހޯދަން ޖެހޭ: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު-- ފޮޓޯ/ މަޖިލިސް

ޓެކުހުގެ ނިޒާމުން ނޫން ގޮތަކަށް ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރު އާމިރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީ ހޯދަން އަމާޒު ހިފާފައި ވަނީ ޓެކްސްގެ ނިޒާމުން ކަމަށެވެ.

ނަމަވެސް ޓެކްސްގެ ނިޒާމަށް އެ މިންވަރަށް ބަރޯސާވާން ރާވާފައި އޮތްއިރު، ޓެކްސް ނެގުމަށް އެއްވެސް ހުރަހެއް ދިމާވެއްޖެ ނަމަ ދެން ވާނެ ގޮތަކާ މެދު ވެސް ވިސްނާލަން ޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.

"ހަމައެކަނި ޓެކްސްގެ ނިޒާމުން ނޫން ގޮތަކަށް ދައުލަތުގެ އާމްދަނީ އެބަ ހޯދަން ޖެހޭ... އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ރައްޔިތުންނަށް ވިސްނައިދީގެން، ކަރަންޓާއި ފެނަށް ފީ ނެގޭ ފަދައިން އަޅުގަނޑުމެންނަށް ބޮޑެތި އަގުގައި ބިން ހިއްކާފައި، ބޮޑެތި އަގުގައި ބަނދަރު ހަދާފައި، ބޮޑެތި އަގުގައި މަޝްރޫޢުތައް ހިންގައިގެން އެތަނުގެ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ހެޔޮގޮތުގައި ފޯރުކޮށް ނުދެވޭނެކަން ހަމަޤައިމު ވެސް ދައުލަތަށް އާމްދަނީ ނުލިބި." އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ޓެކްސް ނޫން ގޮތްގޮތަށް ލިބޭ އާމްދަނީ މަދުވާ މައްސަލައާ ކުރިމަތިލާން ޖެހުނީ ސިޔާސީ ބޭނުމަކަށް ޓަކައި ދައުލަތުގެ ހިލޭއެހީ މާ ބޮޑުވުމުން ކަމަށެވެ.

"ހުޅުމާލޭން ގޯތި ވިއްކާފައި، މާލޭން ގޯތި ވިއްކާފައި، އެހެން ތަންތަނުން ބޮޑު އަގުގައި ބިން ހިއްކާފައި ގޯތި ހިލޭ ދޭ އުސޫލަކީ މިއީ އަދުލުވެރި އުސޫލެއްތޯ ވިސްނާލަން އެބަ ޖެހޭ." އާމިރު ވިދާޅުވި އެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތްތަކެއް ދިނުމުގައި ދައުލަތުން ފީ ނަގާ ނަމަ، މިފަދަ ބޮޑެތި މަޝްރޫޢުތަކުން ވެސް ދައުލަތަށް އާމްދަނީއެއް ލިބެން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޓެކްސްގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ހަތް ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް