ވަލްވާޑޭގެ ފަހަތުގައި ބާސެލޯނާގެ ބޯޑު ދެމިއޮންނާނެ: އަބިޑާލް

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ --- ފޮޓޯ// ސްޓީފެން ކްރީކް

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ފަހަތުގައި ކުލަބުގެ ބެކް ސްޓާފުންނާއި ބޯޑު އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ކުލަބުގެ ސްޕޯޓިންގް ޑިރެކްޓަރު އެރިކް އަބިޑާލް ބުނެފި އެވެ.

ފަހުގެ ތާރީހުތަކުގައި ބާސެލޯނާއިން ދުނިޔޭގެ އެންމެ ބޮޑެތި ޕްލެޓްފޯމުތަކުގައި މޮޅު ކުޅުމެއް ދައްކާ ހޯދި ބޮޑެތި ކާމިޔާބީތަކަށްފަހު އެ ކުލަަބުގެ ސަޕޯޓަރުންގެ އުންމީދުތައް ހުރީ ވަރަށް ވެސް މަތީގަ އެވެ. އެހެން ކަމުން ކުލަބުގެ ހާލަތު ގޯސްވާ ކޮންމެ ފަހަރެއްގައި ވެސް ޓީމުގެ ކޯޗު ނުވަތަ ބައެއް ކުޅުންތެރިންނަށް ފާޑުކިޔާ ހެދުމަކީ ކުލަބާއި ކުލަބުގެ ބޭރުގެ ސަޕޯޓަރުންގެ ފަރާތުންވެސް އާއްމު ކަމެކެވެ.

އެގޮތުން މިފަހަކަށް އައިސް ބާސެލޯނާ ނެރެމުން އަންނަ ނަތީޖާތަކާ އެކު ގިނަ ސަޕޯޓަރުންގެ ނުރުހުން އަންނަނީ ފާޅު ކުރަމުންނެވެ. އެޔާ އެކު އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި ވަނީ ބާސެލޯނާގެ ކޯޗު ވަލްވާޑޭ އަށެވެ. އޭނާގެ ކޯޗުކަމުގައި ދެ ސީޒަނުގައި ވެސް ސްޕެނިޝް ލީގު ތަށި ހޯދި ނަމަވެސް ދެ އަހަރު ވެސް ޗެމްޕިއަންސް ލީގުގައި ވަނީ ލަދުވެތި ގޮތަކަށް ކަޓައިފަ އެވެ. އަދި ބާސެލޯނާއިން އެންމެ ފަހުން ކުޅުނު ދެ މެޗެއްގެ ނަތީޖާ ވެސް އެކަހަލަ ގޮތަކަށް އައުމުން ގިނަ ބަޔަކު އަންނަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ނަމަވެސް އެކި ކަންކަމާ ޕްރެޝަރު ބޮޑުވެފައިވާ ވަލްވާޑޭގެ ފަހަތުގައި ބާސެލޯނާގެ ބޯޑު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކުލަބުން ވަނީ ދީފަ އެވެ.

"ވަލްވާޑޭއާ ބެހޭ ގޮތުން އަބަދުވެސް ކޮންމެވެސް ބަހުސެއް އޮންނާނެ،" ބާސެލޯނާގެ ސްޕޯޓިންގް ޑިރެކްޓަރުގެ މަގާމުގައި ހުރި އަބިޑާލް ބުނެފައިވެއެވެ.

ދެހާސް ހަތް ވަނަ އަހަރު ބާސެލޯނާއާއި ގުޅުމަށް ފަހު، އަބިޑާލް އެ ކްލަބާއެކު ހަ ސީޒަން ހޭދަކުރި އެވެ. ބާސެލޯނާ އަށް 193 މެޗު ކުޅުނު އަބިޑާލް ވަނީ އެ ކްލަބާއެކު 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ހަތަރު ފަހަރު ސްޕެއިން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ކުޅުން ހުއްޓާލުމަށްފަހު ވެސް އޭނާ އަންނަނީ ބާސެލޯނާގެ ބޯޑަށް ހިދުމަތް ކުރުމުގައި ދެމިހުންނަމުންނެވެ.

"މީގެ ދެ އަހަރު ކުރިން ރޯމުގައި ދިމާވި ގޮތަށް ވޭތުވެ ދިޔަ ސީޒަނުގައި ލިވަޕޫލް އަތުން ވެސް ބަލިވީ. ސީޒަނުގެ އެންމެ މެޗަކާ ހެދި ކޯޗުގެ އިތުބާރު ނެތް ކަމަކަށް ދެކިގެން ނުވާނެ. ބައެއް ފަހަރު ޖެހޭނެ އެއީ ކޯޗުގެ މައްސަލައެއްތޯ ނޫނީ އެހެން ކަމެއް ދިމާވެގެން ހިނގި ކަމެއްތޯ ބަލަން ވެސް،" އަބިޑާލް ބުންޏެވެ.

އޭނާ ބުނީ، ބައެއް ކުލަބުތަކަކީ ދެ ދުވަހުން ދެ ދުވަހުން ކޯޗު ބަދަލު ކުރާ ކުލަބުތަކެއް ކަމަށެވެ. އެހެން ނަމަވެސް ބާސެލޯނާއަކީ އެފަދަ ކުލަބެއް ނޫނަ ކަމަށާއި ވަލްވާޑޭ މަގާމުގައި ހުންނަން ބޭނުންވާ ހިނދަކު ފަހަތުގައި ބޯޑު ވެސް ފުރިހަމަ އެއްބާރުލުމާ އެކު ދެމިއޮންނާނެ ކަމަށެވެ.

comment ކޮމެންޓް