ބޮޑު ޗުއްޓީގައި ދާންވީ ވިސާ ނަގަން ނުޖެހޭ ގައުމުތަކަށް!

ސްކޫލުތައް ބަންދުވެ އަހަރީ ބޮޑު ޗުއްޓީގެ ވަގުތު ޖެހުނީއެވެ. މާލެއާއި ރަށްރަށުގައި ތިބި ފަރާތްތަކުން އެކި ތަންތަނަށް އުދުއްސައިގަންނަންވި ދުވަސްވަރެވެ. އާންމުކޮށް ގޮސް ނޫޅޭ ތަނަކަށް ޗުއްޓީއަށް ދާ މީހުންވެސް މަދެއް ނޫނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ޗުއްޓީއަށް ދަތުރުކުރާ މީހުންގެ އަދަދު އަންނަނީ ކޮންމެ އަހަރަކު އިތުރުވަމުންނެވެ. ޗުއްޓީ ދާ ފަރާތްތަކަށް ވިސާ ނުލާ ގައުމަކަށް ދެވުމަކީ ވަރަށް އުފާވެރި ހަބަރަކަށް ވާނެއެވެ. ވިސާ ނުލާ ދެވޭ ގައުމުތަކުގެ އަދަދުތައް އިތުރުވަމުން ދިޔުމަކީ އާންމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށް ހާއްސަ އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. އެއީ ވިސާ އާ ނުލާ ރާއްޖެއިން މޮރޮކޯއަށް ދެވޭގޮތް ހެދުމެވެ. އެއާއެކު ވިސާއާ ނުލާ ދަތުރުކޮށްލުމަށް ދާދި ފަހުން ހަމަޖެއްސި ގައުމުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. އެއީ މޮރޮކޯގެ އިތުރުން ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ރަޝިއާއެވެ.

އަލަށް ހަމަޖެހުނު ހިދުމަތާއެކު މާބޮޑެތި ދަތިތަކާ ނުލާ "ވިސާ ފްރީ"ކޮށް ދަތުރުކޮށްލުމަށް ހަތަރު ގައުމަކުން ދޮރުތައް ހުޅުވިއްޖެއެވެ. ޗުއްޓީ ހޭދަކޮށްލުމަށް އާ ޑެސްޓިނޭޝަންތަކެއް ހަމަޖެހިއްޖެއެވެ. އެހެންކަމުން މިފަހަރު ޗުއްޓީ ހޭދަކޮށްލާނީ ކޮންތަނެއްގައި ހެއްޔެވެ؟

ބެންކޮކްގެ ގްރޭންޑް ޕެލަސް --- ފޮޓޯ : ބެންކޮކް ޑޮޓް ކޮމް

ރާއްޖެއިން ތައިލެންޑުގެ ވެރި ރަށް ބެންކޮކް އަށް

ތައިލެންޑުގެ ވެރި ރަށް ބެންކޮކް އަކީ ދިވެހިންނަށް މިހާރު ވަރަށް މަގުބޫލު މަންޒިލެކެވެ. ގިނަ ބަޔަކު ޗުއްޓީއަށް އަދި ވިޔަފާރިއަށްވެސް ގިނައިން ގޮސް އުޅޭ އެއްތަނަކީ ބެންކޮކެވެ. މި ލިސްޓުގައި ހިމެނޭ އެންމެ އަގުހެޔޮ މަންޒިލަކީވެސް ތައިލެންޑެވެ. ބެންކޮކަށް ގޮސް ކުރެވިދާނެ ބައިވަރު ކަންތައް އެބަހުއްޓެވެ.

· ގްރޭންޑް ޕެލަސް އަށް ޒިޔާރާތްކޮށްލުން

· "ސްކައި ޓްރެއިންސް"ގައި ދަތުރުކޮށްލުން

· ޗަތުޗަކް މާރުކޭޓުން ބާޒާރުކޮށްލުން

· ސިއާމް ޕެރަގަން އިން ހުއްޓާ ނުލާ ވިޔަފާރިކުރުން

· ބެންކޮކްގެ ނޭޝަނަލް މިއުޒިއަމްއަށް ޒިޔާރާތްކޮށްލުން

ބެންކޮކް ތަފާތު ގޮތްގޮތަށް ދެވިދާނެއެވެ. އެގޮތުން.

އެންމެ ހެޔޮ ދަތުރުގެ އަގު އުޅޭނީ މީހަކަށް ދެކޮޅަށް ގާތްގަނޑަކަށް 380 ޑޮލަރަށެވެ.

މޮރޮކޯގެ ބިން ޔޫސުފް މަދްރަސާ --- ފޮޓޯ : ޓައިމް ޓްރެވެލް

މާލެއިން މޮރޮކޯގެ ސިޓީ މަރަކޭޝް އަށް

މޮރޮކޯއަކީ ދިވެހިންނަށް ވިސާއަކާ ނުލާ ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސި އެންމެ ފަހުގެ ގައުމެވެ. ވިސާއާ ނުލާ ދަތުރުކުރެވޭ ގޮތް ހަމަޖެހުމުން މޮރޮކޯއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. މޮރޮކޯގައި ކުރާނީ ކޮން ކަމެއް؟

· ބިން ޔޫސުފް މަދްރަސާ ބަލާލަން ދިޔުން

· މޮރޮކޯގެ ލޯކަލް ކެއުންތައް ކައްކާ ކްލާހެއް ނެގުން

· ހޮޓް އެއާ ބެލޫންއެއްގައި ދަތުރުކޮށްލުން

· މަދީނާގެ ރީތިކަން ތަޖުރިބާކޮށްލުން

· ހައްމާމް އަށް ގޮސްލުން

މޮރޮކޯއަކީ ހަމަ އިންސްޓަގްރާމުގެ ފީޑަށް ތައްޔާރުކޮށްފައިވާ ތަނެއް ކަހަލައެވެ. އެހާމެވެސް ރީއްޗެވެ.

މޮރޮކޯއަށް ކުރަން ޖެހޭ ދަތުުރު ދިގުވާނެއެވެ. އެންމެ ހެޔޮ އަގުގައި މިދުވަސްކޮޅު ދެކޮޅަށް މީހަކަށް ގާތްގަނޑަކަށް 1،200 ޑޮލަރު އަރާނެއެވެ. އެންމެ އަގުހެޔޮކޮށް ކުރާ ދަތުރަކީ ޓްރާންސިޓުކޮށް ކުރާ ދަތުރަކަށް ވުމުން އެ ދަތުރަށް 20 ގަޑިއިރު ހޭދަވާނެއެވެ.

ދުބާއީގެ ކްރީކް ސަރަހައްދު --- ފޮޓޯ : ބާޔޫ

ރާއްޖެއިން ޔޫއޭއީގެ ސިޓީ ދުބާއީ އަށް

ދުބާއީއަކީ ދިވެހިންނާ އެކުވެރި ތަނެކެވެ. އަދި ހާއްސަކޮށް ވިޔަފާރިވެރިންގެ ދަތުރުތަކަށް ދުބާއީއަކީ ވަރަށް މަގުބޫލުތަނެކެވެ. އެތަނަށް ޗުއްޓީއަށް ދިޔަ ނަމަވެސް ކުރެވޭނެ ގިނަ ކަންތައް ހުންނާނެވެ.

· ދުނިޔޭގައި މިހާތަނަށް ހަދާފައިވާ އެންމެ އުސް އިމާރާތް ބަލާލުން

· ކޮސްވާހާ ބޮޑު ޝޮޕިން މޯލުން ވިޔަފާރިކޮށްލުން

· ދުބާއީ ކްރީކް އަށް ގޮސްލުން

· ހަނަފަސް ސަހަރާއަށް ގޮސްލުން

· ތާރީހީ "އަލް ފަހީދީ" އަވަށަށް މަޑުކޮށްލުން

ރާއްޖެއިން ދުބާއީއަށް ޑައިރެކްޓުކޮށް ގެންގޮސްދޭނެ ތަފާތު ފްލައިޓުތައް ހުންނާނެއެވެ. މާލެއިން ދުބާއީއަށް މިދުވަސްކޮޅުގެ އެންމެ އަގުހެޔޮ ފްލައިޓުތަކަށް އުޅެނީ ދެކޮޅަށް ގާތްގަނޑަކަށް 510 ޑޮލަރެވެ.

މޮސްކޯގައި ހުންނަ ސެއިންޓް ބޭޒިލްސް ކެތީޑްރަލް --- ފޮޓޯ : ނެޓްޖިއޯ

ރާއްޖެއިން މޮސްކޯ އަށް

ރަޝިއާގެ ކޮސްމޯޕޮލިޓަން ކެޕިޓަލް ކަމަށްވާ މޮސްކޯއަކީ ބަލާލަން ރީތި އެތައް ތަނެއް ހުރި ތަނެކެވެ. އަދި މޮސްކޯގައި ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

· މޮސްކޯގެ މެޓްރޯގެ ޓުއާއެއްގައި ބައިވެރިވުން

· މޮސްކޮވާ ކޯރުން ދަތުރުކޮށްލުން

· ބަންކަރު 42 އަދި ކޯލްޑް ވޯގެ ޓުއާއެއް ނެގުން

· ސެއިންޓް ބޭޒިލް ކެތީޑްރަލް ބަލާލަން ދިޔުން

· މޮސްކޯވްސްކީ މެޓްރޯޕޮލިޓަން ބަލާލުން

މާލެއިން މޮސްކޯއަށް، ރަޝިއަން އެއާލައިންގައި ޑައިރެކްޓް ފްލައިޓުގައި ދަތުރުކުރެވޭނެއެވެ. މިދުވަސްކޮޅުގެ އެންމެ އަގުހެޔޮ ޓިކެޓުތަކުގެ އަގު އުޅެނީ މީހަކަށް ދެކޮޅަށް ގާތްގަނޑަކަށް 755 ޑޮލަރުގައެވެ.

comment ކޮމެންޓް