ނޮދަން އަޔަލެންޑާ އެއްވަރުކޮށް ނެދަލެންޑްސް ޔޫރޯއަށް

ނެދަލެންޑްސްގެ ކެޕްޓަން ވާގިލް ވެންޑައިކް --- ފޮޓޯ// ޖޯން ސްކިލްބެކް

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ނޮދަން އަޔަލޭންޑާ އެއްވަރުކޮށް ނެދަލެންޑްސްއިން އަންނަ އަހަރުގެ ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ނޮދަން އަޔަލެންޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ނެދަލެންޑްސް ތާވަލުގެ ދެވަނައިގައި އޮތީީ 16 ޕޮއިންޓާއެކުއެވެ. ބާކީ އެއް މެޗު އޮތް އިރު ޖަރުމަނު އެ ގުރޫޕުގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ނެދަލެންޑްސްއާ އެއްވަރު ކުރި އަޔަލެންޑްސްއަށް ލިބެނީ 13 ޕޮއިންޓެވެ.

އަޔަލެންޑުން ކުރިއަށް އޮތް މެޗުން މޮޅުވެއްޖެ ނަމަ ނެދަލެންޑްސްއާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވުނު ނަމަވެސް ފައިދާ އޮތީ އެންމެ ގޯލެކެވެ. ނެދަލެންޑްސްއިން ފައިދާގެ ގޮތުގައި 12 ގޯލު އޮތުމުން އެ އަދަދަށް ގޯލު ޖަހައި އަޔަލެންޑަށް ނެދަލެންޑުގެ މަތިން ޔޫރޯގެ ޖާގައެއް ހޯދުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އަންނަ މެޗުން މޮޅުވެގެން އަޔަލެންޑަށް ޔޫރޯގެ ޖާގައެއ ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ގޮތުގަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިންގް ފުޓުބޯޅައަށް ފެނިގެން ދިޔައިރު އަޔަލެންޑުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ. އަދި އެ ޓީމުން ވަނީ ފުރަތަމަ ހާފުގެ ތެރޭގައި ޕެނަލްޓީއެއްވެސް ހޯދައިފަ އެވެ. އެ ޕެނަލްޓީއަކީ ނެދަލެންޑްސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އެކެވެ. ނަމަވެސް ޕެނަލްޓީ ފޮނުވާލަން ގޮސް ހުރި ސްޓީވެން ޑޭވިސް އެ ބޯޅަ ފޮނުވާލީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ޓީމަށް ވެސް މެޗުގައި ގޯލު ޖަހާ ލީޑު ނަގާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ދެ ޓީމަށް ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

ޔޫރޯއަކާއި ވޯލްޑް ކަޕެއްވެސް ކޮލިފައި ނުވެ ނެދަލެންޑުން ދުއްވާލުމަށްފަހު އެ ޓީމަށް ފަހުން ހަވާލުވި ރޮނާލްޑް ކޫމަންގެ ކޯޗު ކަމުގެ ދަށުގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެ ޓީމު ވަނީ މިއަހަރު އޮތް ޔޫއެފާ ނޭޝަންސް ކަޕުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

މި ގުރޫޕުގައި ރޭ ޖަރުމަނާއި ބެލަރުސް ބައްދަލުކުރި މެޗުން ޖަރުމަނު ކުރި ހޯދީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ހަތަރު މިނަޓު ކުރިން ޖަރުމަނަށް ގޯލު ހުޅުވައިދިނީ މަތިއަސް ގިންޓާރ އެވެ. ދެވަނަ ހާފު ފެށިގެން އަނެއްކާވެސް ޖަރުމަނަށް ލެއޮން ގޮރެޓްޒްކާ ވަނީ ލީޑު ފުޅާ ކޮށްދީފައެވެ. އަދި އެއަށްފަހު 55 ވަނަ މިނަޓުގައި އެ ޓީމުން ޖެހި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޓޯނީ ކްރޫސްއެވެ. ޖަރުމަނުން މެޗުގައި ޖެހި ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ ވެސް ކްރޫސް އެވެ.

comment ކޮމެންޓް