އަދިވެސް އެ ސުވާލު، މަރުތަކަށް އިންސާފު ލިބޭނެތަ؟

"ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ. އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިޔަށް ދިޔުމަށްޓަކައި، މި ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވައި ދެއްވި ހިތާބުގައި ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކެމްޕޭންގެ އެންމެގެ ބޮޑު ވައުދަކީ ވެސް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި، ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަދި ގޮތްނޭނގޭ އެހެންވެސް މަރުތަކުގެ ގާތިލުން ހޯދައި އާއިލާތަކަށް އިންސާފު ހޯދައިދިނުމެވެ. ކެމްޕޭނުގައި އެންމެ އަޑު ގަދަ ވައުދަކީ ވެސް އެ އެވެ.

އަފްރާޝީމްގެ ޖަނާޒާގައި އެމަނިކުފާނުގެ މަންމަ އަދި ބައްޕާފުޅު ---

އެ އުންމީދުގައި އާއިލާތަކުން ފުރިހަމަ އިތުބާރާއެކު ވޯޓުވެސް ދިނެވެ. އެކަމަކު ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަދާ ހަމައަށްވެސް މަރުވެފައިވާ މީހުންގެ އާއިލާތަކުން ތިބީ އިންސާފުގެ އިންތިޒާރުގަ އެވެ. އެކަމަކު ވެރިކަމަށް އަހަރެއް ވެގެން ދިޔައިރު ގާތިލުންގެ ތެރެއިން ހަމަ އެކަކުވެސް އިންސާފުގެ ކުރިމައްޗަކަށް އަދި ނުގެނެވެ އެވެ.

މިހާ ބޮޑުކަމެއްގައި ސަރުކާރު ފަހަތު ފަޔަށް ބުރަވެފައި ވަނީ ކީއްވެ ހެއްޔެވެ؟ މަރުތަކަށް އިންސާފު ހޯދައިދޭން ސަރުކާރުން މަސައްކަތް ނުފަށައެކޭ ބުނެވޭކަށް ނެތެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު "ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް މަސައްކަތްތައް ފެށި އެވެ. އެކަމަކު މައްސަލައަކީ އިންސާފު މުޅިން ހޯދައި ނުދެވުމެވެ.

އިންސާފު ލަސްވަނީ ކީއްވެ؟

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކުގެ ތަހުގީގަށް ރައީސް ސޯލިހު ކޮމިޝަނެއް އެކުލަވާލީ ރައީސް ކަމުގެ މަގާމާ ހަވާލުވި ދުވަހު އެވެ. އެދުވަހުން ފެށިގެން ކޮމިޝަނުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އެކަމަކު ކޮމިޝަނުގެ މަސައްކަތްތަކަށް ހުރަސް އެޅިގެން ދިޔައީ އެ ކޮމިޝަނަށް ބާރު ދިނުމަށް ސަރުކާރުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްނުކޮށް ބޭރުކޮށްލުމުންނެވެ.

އެ ބިލު ފާސްނުވުމުން މީހުންނާ ތަހުގީގުގައި ސުވާލުކުރުމާއި، ތަހުގީގީ އިދާރާތަކަށް ލިބިގެންވާ ގާނޫނީ ބާރުތައް ކޮމިޝަނަށް ނުލިބި ބޮޑު ގޮންޖެހުމެއް ކުރިމަތިވެގެން ދިޔަ އެވެ. ދެން ޖެހުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެ ހުވާ ކުރެވެންދެން މަޑު ޖައްސާލާށެވެ.

މީގެ ކުރިން ހުސްނުއްސުއޫދު ސަންގެ 50 މިނިޓް ޕްރޮގްރާމުގައި ވިދާޅުވީ، މައްސަލަތައް އޭރު ލަސްވި ސަބަބެއް ކަމަށް ސުއޫދު ފާހަގަ ކުރެއްވީ މަރު ކޮމިޝަނަށް ބާރު ދޭން ސަރުކާރުން ހުށަހެޅި ބިލު ފާސް ނުވެ މަޖިހުގައި ޕާކުކޮށްފައި އޮތް އޮތުމެވެ.

"ކޮމިޝަނުގެ މަސައްކަތްތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގެންދެވޭ. އެނގިވަޑައިގަންނަވާނެ ސަރުކާރުން ވަރަށް މުހިންމު ދެ ގާނޫނެއް ކޮމިޝަންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެ ގާނޫނު ފާސްވެފައި ނެތުމުގެ ސަބަބުން މަސައްކަތުގެ ސްޕީޑަށް ވަރަށް ބޮޑު ލަސްތަކެއް އާދޭ ހަގީގަތުގައި އަޅުގަނޑުމެންނަށް އެޕްރީލް ނިމެންވާއިރަށް ނިމުމަކަށް އަންނާނެ އެ ގާނޫނު ފާސްވެފައި އޮތް ނަމަ." ސުއޫދު ވިދާޅުވެފައިވެ އެވެ.

އެއީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރެ އެވެ. ގާނޫނު ފާސްކޮށް ކޮމިޝަންތަކަށް ބާރު ދިނީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުންވެސް މިހާރު ފަސް މަސްވެގެން ދިޔައީ އެވެ.

ކޮމިޝަނަށް ބާރު ލިބުން ފަހުން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި ކޮމިޝަނުން ވަނީ ކަމާބެހޭ އިދާރާތަކަށް ފޮނުވާފަ އެވެ. ރިލްވާން މަރާލާފައިވާކަންވެސް ކޮމިޝަނުގެ ތަހުގީގުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި މަރާލީ ކިހިނެއް ކަމާއި އޭގެ އަޑީގައި ތިބި މީހުން ހޯދުނު ކަމަށްވެސް މަރު ކޮމިޝަނުން ބުންޏެވެ.

ރިލްވާން، އަފްރާޝީމް އަދި ޔާމީން --

ރިލްވާނު މަރުގެ މައްސަލައާ ގުޅިގެން ޓެރަރިޒަމް ގާނޫނުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ ފާސްކުރި އެވެ. އެ ގާނޫނުގެ ދަށުން ރިލްވާނުގެ މަރާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ނުކުރާކަމެއް އަދިވެސް ސާފުކޮށްދީފައެއް ނުވެ އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި ނިމިދިޔަ ހަފްތާގައި ވަނީ ރައީސް އޮފީހަށް ތަހުގީގު ރިޕޯޓު ފޮނުވާފަ އެވެ. އަދި ރައީސް އޮފީހުން ވަނީ ކަމާ ގުޅުން ހުރި އިދާރާތަކާވެސް އެ ރިޕޯޓު ހިއްސާކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި އަފްރާޝީމްގެ މަރާގުޅޭ މައުލޫމާތުތައް ސަރުކާރުން ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

އިންސާފަށް އަދި ކިހާ ދުވަހެއް؟

މަރުތަކަށް އިންސާފު ހޯދައި ދިނުމުގެ ވާހަކަ ދައްކާއިރު މިދައްކަނީ އެއް އަހަރު ނުވަތަ ދެ އަހަރު ދުވަސްވެފައިވާ މަރުތަކެއްގެ ވާހަކައެއް ނޫނެވެ. އާއިލާތަކާއި ލޯބިވާ މީހުން އަދި ދިވެހި ރައްޔިތުން އިންސާފުގެ އިންތިޒާރުގައި ތިބޭތާ ހަތް އަހަރު ނުވަތަ ފަސް އަހަރު ވެގެން ދިޔައީ އެވެ. މިއަދު ރައްޔިތުން ކުރާ ސުވާލަކީ އަދި ކިހާ ދުވަހަކު އިންތިޒާރު ކުރަން ޖެހޭނެ ހެއްޔެވެ؟ ސަރުކާރުން މިއަކަށް ސާފު ޖަވާބެއް ނުދެ އެވެ. ރައްޔިތުންނަށް ވާނުވާ އޮޅުން ފިލުވައެއްވެސް ނުދެ އެވެ. ލަސްވަނީ ކީއްވެ ކަމެއްވެސް ހާމައެއް ނުކުރެ އެވެ.

ކޮމިޝަނުން ބަލަމުން ދަނީ ޖުމްލަ 27 މައްސަލަ އެކެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޖެނުއަރީ މަހުގެ ނިޔަލަށް ކޮމިޝަނުން ބަލަމުންދާ ހުރިހާ މައްސަލައެއް ނިންމައި ރިޕޯޓުތައް އާންމުކުރެވޭ ވަރުވާނެ ކަމަށެވެ.

މަރުތަކަށް އިންސާފު ހޯދުމަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ---

ކޮންމެއަކަސް ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މަރާލާފައިވާ މީހުންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންދެވޭނީ ކޮންއިރަކު ހެއްޔެވެ؟ މައްސަލަތަކުގައި ދައުވާއުފުލޭނީ ކޮންއިރަކު ހެއްޔެވެ؟ މަރުތަކުގެ އަޑީގައި ތިބި މީހުން ހިފާ ހައްޔަރު ކުރެވޭނީ ކޮންއިރަކު ހެއްޔެވެ؟ ދުރާލާ ރާވައިގެން ހިންގާ އެފަދަ ޖަރީމާތަކުން ރައްޔިތުން ސަލާމަތް ވާނެ ދުވަހެއް އަދި ނޭނގެ އެވެ. މިއީ މި ސަރުކާރަށް އަހަރެއްވާއިރު، ހައްތާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.

comment ކޮމެންޓް