ސަރުކާރުގެ ދުވެލި ނަމްބަރުން ބަލައިލާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރުވާއިރު، ގިނަ މީހުން ކުރާ ޝަކުވާ އަކީ؛ މި ސަރުކާރުގެ ދުވެލި ވަރަށް ލަހެވެ. މަޝްރޫއުތަކެއް ނުހިނގަ އެވެ. އިގްތިސާދު ވަނީ މަޑުޖެހިފަ އެވެ. މިއީ ހަގީގަތެއް ހެއްޔެވެ؟ މި ސަރުކާރުގެ ދުވެލި ހުރީ ކިހިނެއް ހެއްޔެވެ؟

ހަމަގައިމުވެސް ސަރުކާރެއްގެ ދުވެލި މިންކުރެވޭނީ އެ ސަރުކާރަކުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ހިސާބު ޖަހައިގެން އެވެ.

ރައީސް އޮފީހުން "ސަން"އާ ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން 16 ދާއިރާއަކުން މަޝްރޫއުތައް ހިންގާއިރު، ޖުމްލަ 421 މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން 20 މަޝްރޫއެއް މިހާރު ނިމިފައިވާއިރު، 114 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދެ އެވެ. އެ ޕްރޮޖެކްޓްތަކުގެ އަގު، ތިން ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މަޝްރޫއުތައް ދެމެހެއްޓެނިވި ތަރައްގީއަށް

ސީދާ މި ސަރުކާރުން އުމްރާނީ މަސައްކަތްތަކަށް 91 ކޮންޓްރެކްޓް ހަވާލުކޮށްފައިވާ އިރު އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ، ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ 33 މަޝްރޫއެއް މި ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ދެން އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ ކުޅިވަރު ފެސިލީޓިތައް ތަރައްގީ ކުރަން ކަމަށްވާއިރު، އެ ދާއިރާއިން 27 މަޝްރޫއެއް ހިންގަ އެވެ. އަދި ހާބަރާއި ޖެޓީ ހެދުމަށް 20 މަޝްރޫއެއް މި ސަރުކާރުގައި ވަނީ ހަވާލުކޮށްފަ އެވެ.

އެއާޕޯޓްގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރައީސް ބައްލަވާ ލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫއަކީ ވެސް، ފެން ހިންދާ ނިޒާމު ގާއިމް ކުރުން ހިމެނޭ ގޮތުން ފުވައްމުލަކުގެ 15.9 ކިލޯ މީޓަރުގެ މަގު ތާރުއަޅައިގެން ހެދުމެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވާ އެ މަޝްރޫއުގެ އަގަކީ، 279.48 މިލިއަން ރުފިޔާ އެވެ. މަގުހެދުމުގެ ހަ މަޝްރޫއެއް މި ސަރުކާރުގައި މިހާރުވެސް ކުރިއަށްދެ އެވެ.

މަޝްރޫއުތައް ނަމްބަރުން:

  • ފެނާއި ނަރުދަމާ: 33 މަޝްރޫއު ހިންގާނެ. ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް.
  • ސްކޫލުތަކާ ގުޅޭ: 26 މަޝްރޫއު ކުރިއަށް.
  • ސިއްހީ ދާއިރާ: 15 ޕްރޮޖެކްޓެއް ކުރިއަށް.
  • މިސްކިތް އިމާތާތް ކުރުން: އަށް މަޝްރޫއެއް ކުރިއަށްދޭ.
  • ބަނދަރު މަޝްރޫއު: 14 މަޝްރޫއެއް ކުރިއަށް. އިތުރު 20 މަޝްރޫއު ހިންގާނެ.
  • މަގުހެދުމުގެ މަޝްރޫއު: ހަ މަޝްރޫއު ކުރިއަށްދާއިރު އިތުރު ދެ މަޝްރޫއު އެވޯޑު ކުރެވިފައި.
  • ގޮނޑުދޮށް ހިމާޔަތް ކުރުން: ދެ މަޝްރޫއު އެވޯޑްކޮށްފައި.
  • ބިން ހިއްކުން: ތިން މަޝްރޫއު އެވޯޑްކޮށްފައި
  • ކުޅިވަރު އިންފްރާސްޓްރަކްޗާ: 15 މަޝްރޫއު ނިންމައިފި. 13 މަޝްރޫއު ކުރިއަށް. 27 މަޝްރޫއު އެވޯޑުކޮށްފައި
  • ބޯހިޔާވަހިކަން: ދެ މަޝްރޫއު އެވޯޑް ކޮށްފައި.

ސަރުކާރުގެ މަޝްރޫއުތަކުގެ އިންފޮގުރެފިކްސް.

މަޝްރޫއުތައް މުޅި ރާއްޖެއަށް ފަތުރާލާފައި

އަބަދުވެސް އޮންނަ ޝަކުވާއަކީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ގްރޭޓާ މާލޭ ސަރަހައްދަށް ޖަމާވެފައި އޮތުމެވެ. މި ސަރުކާރުގައި ވެސް އޮތީ އެހެން ހެއްޔެވެ؟

ރައީސް ސޯލިހުގެ ޖަޒީރާ ރާއްޖެ ވައުދާ އެކު، މި ސަރުކާރުން ފަށާފައިވާ އުމްރާނީ މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހިންގަނީ، ރ. އަތޮޅަށް ނިސްބަތްވާ ރަށްތަކުގަ އެވެ. އެގޮތުން އެ އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 10 މަޝްރޫއު ކުރިއަށްދާއިރު، އެ މަޝްރޫއުތަކުގެ އަދަދު 100 މިލިއަން ރުފިޔާއާ ގާތްކުރެ އެވެ. ދެން އެންމެ ގިނަ މަޝްރޫއު އައްޑޫ ސިޓީގައި ހިންގާއިރު، އައްޑޫ ސިޓީގެ މަޝްރޫއުތަކުގެ އަދަދު 164 މިލިއަން ރުފިޔާއަށް އަރަ އެވެ.

ގިނަ މަޝްރޫއުތައް އެމްޓީސީސީ، ދެން އަމީން

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ސަން"އަށް ވިދާޅުވި ގޮތުގައި މި ސަރުކާރު އައިފަހުން އެ ކުންފުންޏަށް 2.3 ބިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނި އޮތީ އެ މަސައްކަތްތައް ނުނިންމާ އިތުރު މަސައްކަތްތަކެއް ނުނެގޭ ވަރަށް ވުރެ ބިޒީވެފަ އެވެ.

އެ ކުންފުނީގެ އަތުގައި 40 އަށް ވުރެ ގިނަ މަޝްރޫއު އެބަ އޮތެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރާއި ޖެޓީ ހެދުން އަދި މަގު ހެދުމުގެ މަސައްކަތްތައް ހިމެނެ އެވެ.

މި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކަށް ނުދީ އެމްޓީސީސީއަށް ދޭތީ އެކަމުގެ ޝަކުވާ އަމިއްލަ ވިޔަފާރިތައް ކުރެ އެވެ. އޭގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވާ ކަމުގެ ތުހުމަތު އޮވެ އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާލަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެހެން ނަމަވެސް، ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި، ބޮޑެތި މަޝްރޫއުތައް ދެން އެންމެ ގިނައިން ދީފައި ވަނީ އަމީން ކޮންސްޓްރަކްޝަންއަށެވެ. އެ ކުންފުނިން 61 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާއިރު އެ ކުންފުނީގެ އެންމެ ބޮޑު މަޝްރޫއަކީ 13 ރަށެއްގައި ޓާފް ދަނޑުއެޅުމުގެ މަސައްކަތެވެ. ދެން އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވާ ވޯޓާ ޕާކް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނިން ގިނައިން ހިންގަނީ ރަށްރަށުގެ ކުލާސް ރޫމް އެޅުމުގެ މަސައްކަތްތަކެވެ.

މީގެ އިތުރުން، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ހިންގާ ވަރަށް ގިނަ މަޝްރޫއުތައް ހަވާލުކުރަނީ އިންޑިއާގެ މޯހަން މުތާ އެސްޕޯޓްސްއަށެވެ. އެ ކުންފުންޏަށް އަށް ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ އަގު 137.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކުދި ވިޔަފާރިއަށް ބާރު، އިންސާނީ ތަރައްގީއަށް އިސްކަން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުމަކީވެސް ސަރުކާރުގެ ވައުދަކަށްވާއިރު ސަރުކާރުގެ 100 ދުވަހުގެ ތެރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބޭންކް، އެސްއެމްއީ ބޭންކު ވަނީ އުފައްދައިފަ އެވެ.

އެ ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަ ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދުގެ އިންޓްރެސްޓު ރޭޓެއްގައި ހަތަރު ދާއިރާ އަކުން ލޯނު ދޫކުރަން ވަނީ ފަށައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެސްއެމްއީ ބޭންކުން 147 ލޯނު ދޫކޮށްފައިވާއިރު ޓޫރިޒަމް ދާއިރާގެ މަސައްކަތްތަކަށް 69 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އެއީ 34 ލޯނެވެ.

އަމިއްލަ ކުދި ވިޔަފާރިތަކަށް 60 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އިރު މި ދާއިރާއިން ޖުމްލަ 67 ލޯނު ވަނީ ދޫކޮށްފަ އެވެ. ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކަށް 10 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

އެސްއެމްއީ ބޭންކު ރައީސް ސޯލިހު ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އައިޓީގެ މަސައްކަތްތަކަށް ގާތްގަނޑައަކަށް އެއް މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު ދަނޑުވެރިކަމުގެ ދާއިރާއަށް ދެ ލައްކަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

އެސްއެމްއީ ބޭންކުން ލޯނު ދޫކުރާއިރު އަންހެނުންނާއި ޒުވާނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދެ އެވެ. މިހާތަނަށް ދޫކުރި ލޯނުގެ 49 ޕަސެންޓަކީ މިފަދަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ކޮންކުރީޓް ތަރައްގީގެ ކުރިއަށް އިންސާނީ ތަރައްގީ ނެރުމެވެ. އެ ވައުދާ އެކު ހިލޭ ޑިގްރީ ޕްރޮގްރާމާއި މަތީ ތައުލީމުގެ އާ ސްކޮލަޝިޕް ސްކީމް އަދި ހިލޭ ނާސްތާ ޕްރޮގްރާމް ވަނީ ފަށައިފަ އެވެ.

މިއަހަރުގެ ތެރޭގައިވެސް މަދުވެގެން 10،000 ކުދިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ދޭނެ އެވެ. އެ ކަމަށް 24 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ހިލޭ ސްކޮލަޝިޕްތަކާއެކު ހަމަ އެކަނި މަތީ ތައުލީމަށް 750 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

ސުކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަށް އެކަނިވެސް މި ސަރުކާރުން 184 މިލިއަން ރުފިޔާ އިންވެސްޓްކުރެ އެވެ.

ސަރުކާރަށް ކޮން ރޭޓިންއެއް؟

ސަރުކާރުގެ ދުވެލި މަޑުކަމަށް ބުނި ނަމަވެސް ނަމްބަރުން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. ބޮޑެތި މަޝްރޫއުތައް ކަމަށްވާ ގްރޭޓާ މާލޭ ބްރިޖާއި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ހެދުމުގެ މަސައްކަތުގެ ބިންގާ މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ އަޅައިފި އެވެ.

އަހަރު ނިމުމުގެ ކުރިން އަދިވެސް ބޮޑެތި މަޝްރޫއުތައް ފަށަން އޮތީ ނިންމައިފަ އެވެ. ހާއްސަކޮށް މާލެ ސަަރަހައްދުގައި 4200 ސޯޝަލް ހައުސިން ޔުނިޓާއި އިތުރު 5000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށަން އޮތީ ރާވައިފަ އެވެ. އެހެން ވީމާ، މި ސަރުކާރުގެ ދުވެލި ލަސް ހެއްޔެވެ؟

comment ކޮމެންޓް