މާލޭ ލޯކަލް މާރުކޭޓު ހިންގަން ޝައުގުވެރިވާ ދިވެހިންނާ މޭޔަރު ބައްދަލު ކުރަނީ

ދަތުރުވެރިންގެ މާރުކޭޓް ބޭރު: މަރާމާތަށް ބަންދުކުރުމަށް ފަހު އަދި ވެސް އެތަން ނުހުޅުވާ -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ދިވެހިން ބޭނުންކޮށްގެން މާލޭ ލޯކަލް މާރުކޭޓު ހިންގަން ޝައުގުވެރިވާ ފަރާތްތަކާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ބައްދަލު ކުރައްވަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ، އެ ބައްދަލުވުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ކަމަށެވެ. އަދި އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މާފަންނު ކަނބާ އައިސާރަނި ހިނގުމުގައި ހުންނަ އެ ސިޓީ ކައުންސިލް އިދާރާގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ސިޓީ ކައުންސިލުން ވަނީ ދައުވަތުދީފަ އެވެ.

މާލޭ ލޯކަލް މާރުކޭޓު މަރާމާތަށް ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެތަން ހަދައި އަލުން ބޮޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެތަން ބޮޑުކުރާއިރު ގޮޅިއެއްގައި އަށް ފޫޓު އަދި ނުވަ ފޫޓު ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން މީގެ ކުރިން "ސަން" އަށް ވިދާޅުވީ ލޯކަލް މާރުކޭޓްގެ ޕޮލީސީތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާ ޕޮލިސީގައި އިސްކަން ދޭނީ ދިވެހިން ބައިތިއްބަން ކަމަށެވެ. އަދި އެތަނުގައި ބޭރު މީހުން ގެންގުޅެވޭނީ ވެސް އެ މާރުކޭޓްގެ ގޮޅިތައް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ނަމުގައި ކަމަށް ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓްގައި މިހާރު އޮންނަ އުސޫލުގެ ތެރެއިން ގޮޅިތައް ނަގައިގެން އުޅޭ މީހުން އެހެން މީހުންނަށް އެ ތަންތަން ކުއްޔަށްދީ ހަދަމުންދެ އެވެ. އަދި އެ ގޮތަށް ހެދުމުގެ ސަބުބުން ލޯކަލް މާރުކޭޓްގެ ތަކެތީގެ އަގުތައް ވެސް އުފުލެ އެވެ.

comment ކޮމެންޓް