ފިލްމު އެވޯޑްސް: އެންމެ މޮޅު ބަތަލާއަކަށް އައްޒަތަ؟ ނޫނީ ރިޝްމީތަ؟

އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކުރާ ދެ ބަތަލުން ކަމަށްވާ އައިޝަތު ރިޝްމީ ރަމީޒު އާއި އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ--- ފޮޓޯ/ އިންސްޓަގްރާމް

ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާ ފެށުމަށް ވަގުތު ކުޑަތަން ވަނީއެވެ. ގިނަ ބަޔަކު އެންމެ އުންމީދުކޮށްގެން ތިބޭނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދާނެ ބަތަލާއަކީ ކޮން ބަތަލާއެއްތޯ ބެލުމަށެވެ.

ގިނަ ދިވެހިންގެ ފޭވަރިޓުން ކަމަށްވާ އައިޝަތު ރިޝްމީ ރަމީޒް އާއި އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ ވަނީ އެންމެ މޮޅު ބަތަލާގެ ކެޓަގަރީއަށް ނޮމިނޭޓްވެފަ އެވެ. މި ފަހަރު މި ކެޓަގަރީގައި ކުރިމަތި މިލަނީ ކުޅަދާނަ ދެ ތަރިންނެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ އައްޒަ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވާނީ ފާތިމަތު ނަހުލާގެ "ބޮސް" އިން ކަމަށެވެ. ނަމަވެސް ކަންދިމާވި ގޮތުން އައްޒަ ނޮމިނޭޓްވެފައި ވަނީ ޑާކްރެއިންގެ "މީ ލޯތްބަކީ" އިންނާއި ފައްތާހުގެ "ހައްދު" އިންނެވެ. ދެ ފިލްމަކުން އައްޒަ މި ކެޓަގަރީ އަށް ވާދަކުރިއިރު އެންމެ ގާތުން މި އެވޯޑަށް ވާދަކުރަނީ ރިޝްމީ އެވެ.

ރިޝްމީއަކީ ސާކްގެ 2017 ވަނަ އަހަރުގެ އެންމެ މޮޅު ބަތަލާއަށް ހޮވުނު ތަރި އެވެ. އެހެންވެ މިއެވޯޑް ލިބުމުގެ ފުރުސަތު ބޮޑީ ރިޝްމީއަށް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ފިލްމު "ވިޝްކާ"އިން އެންމެ މޮޅު ބަތަލާގެ އެވޯޑަށް އޭނާ ވާދަކުރާއިރު އެ ފިލްމު ވަނީ އިއުލާންކުރި ފަސް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ.

ދެން މި އެވޯޑަށް ވާދަކުރާ ބަތަލާއަކީ މިދިޔަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި މަރިޔަމް މަޖުދާ އެވެ. އޭނާ މި އެވޯޑަށް ވާދަކުރަނީ ޑާކްރެއިންގެ "ވަކިން ލޯބިން" ފިލްމުންނެވެ.

ފިލްމު މަލިކާ އިން ފިލްމީދާއިރާއަށް ތައާރަފްވި ނުޒުހަތު ޝުއައިބު ވެސް ވަނީ އެ ފިލްމުން މި ކެޓަގަރީއަށް ނޮމިނޭޓްވެފަ އެވެ.

މި ތަރިންނަކީ މިވަގުތު ފިލްމު އިންޑަސްޓްރީގައި އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިންނެވެ.

ގައިމު ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބޭ ބަތަލާ މިރޭ އެނގިގެންދާނެ އެވެ. ކުޑަ އިންތިޒާރެއް ކޮށްލާށެވެ.

comment ކޮމެންޓް