ޓްރެފިކް ޖޫރިމަނާގެ ގޮތުގައި 31 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި

ޓްރެފިކް ފުލުހަކު މާލޭގެ މަގުމަތީ ޓްރެފިކް ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު 31 މިލިއަން ރުފިޔާގެ އާމްދަނީ އެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 169.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ ތެރޭގައި ހިމެނެނީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 83 މިލިއަން ރުފިޔާ އާއި ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 މިލިއަން ރުފިޔާ އާއި އެގްރިމެންޓުތަކާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 11 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މުވައްޒަފުންގެ ގަޑީ ލާރިއާއި ޖޫރިމަނާގެ ގޮތުގައި އަށް ލައްކަ ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 166،869 ރުފިޔާ، ޓްރެފިކް ވަޔޮލޭޝަން ޗާޖުގެ ގޮތުގައި 31 މިލިއަން ރުފިޔާ އަދި އެހެން ޖޫރިމަނާގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އާމްދަނީގެ ބައިތައް:

  • ޓެކްސްގެ އާމްދަނީ - 17.85 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 6.85 ބިލިއަން ރުފިޔާ
  • ހިލޭ އެހީ އަދި އެހެނިހެން - 5.22 މިލިއަން ރުފިޔާ
comment ކޮމެންޓް