ބޮޑެތި ގޯސްތަކެއް! ދައުލަތަށް 10 މިލިއަން ރުފިޔާގެ ބުރައެއް

ވެރިއަކު ނެތި ތިލަފުށިން ނެގުމަށް އަމުރުކުރި އެމްވީ ސީހޯމް ސަފަޔާ ބޯޓު

ޖުލައި، 2012 އިން ފެށިގެން ކ. ތިލަފުށި ފަޅުތެރޭ ވެރިއަކު ނެތި ބާވެ ދަނގަޑަށް ވަމުން އަންނަ ބޯޓް "އެމްވީ ސީހޯމް ސަފަޔާ"ގެ ސަބަބުން އެ ރަށް ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)އަށް އައީ އެތައް ކަމަކަށް ހުރަސްއެޅެމުން އެވެ. އެ ބޯޓްގެ ކިބައިން ސަލާމަތްވާން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި 2017، ޖޫންގައި ހުކުމް ކުރީ އެ ބޯޓްގެ އެންމެހާ ހައްގުތަކާއި އެ ބޯޓް ނެގުމާއި ނައްތާލުމުގެ ހުރިހާ ހުއްދައެއް ދައުލަތަށް ދީފަ އެވެ.

ދައުލަތުގެ މައްޗަށް ދިން އެ އިހުތިޔާރުތަކާ އެކު ޖީއެމްއައިޒެޑްއިން ފިނޭންސްގެ ލަފާ ހޯދައި އެ ބޯޓް އެތަނުން ނަގައި ނައްތާލުމަށް ހަމަ އެ އަހަރު މަސައްކަތް ފެށި އެވެ. އެންމެ ފުރަތަމަ ބެލީ ބޯޓް އަގުމަގުކޮށް، ބޭނުން ހިފޭނެ ހާލަތެއްގައި ބޯޓް އޮތްތޯ ބަލާށެވެ.

އެކަމަކު، ސަރުކާރު ބަދަލުވެ، ފިނޭންސުން ކުންފުނީގެ ބޯޑަށް ލަފާދިނީ އެ ބޯޓް އެތަނުން ނެގުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައިގަންނާށެވެ. ސަބަބަކަށް ވީ، ބޭރުގެ ހިލޭ އެހީގައި ތިލަފުށީގައި ކުނި އަންދާ މެޝިނެއް ބެހެއްޓުމުގެ މަޝްރޫއު ލަސްނުކޮށް ފަށަން ސަރުކާރުން ބޭނުންވުމެވެ. އެ ބޯޓް އެތަނުގައި ބާއްވައިގެން އެ މަޝްރޫއު ކުރިއަށް ގެންދެވެން ނެތީ އެވެ.

އެއާ އެކު، "އެމްވީ ސީހޯމް ސަފަޔާ" ތިލަފުށީ ފަޅުން ނަގައި ނައްތާލުމުގެ މަސައްކަތް ކުރުމަށް، "ޕާކަވަން އިންވެސްޓްމަންޓާ" މިދިޔަ މާޗް، 26 ވަނަ ދުވަހު ހަވާލުކުރި އެވެ. އެކަމަކު، އެކި ހުރަސްތައް ކުރިމަތިވެ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ނުނިންމި، އެންމެ ފަހުން އެ ކުންފުނިން ވަނީ ޖީއެމްއައިޒެޑް އިން މަކަރާ ހީލަތް ހެދި ކަމަށް ތުހުމަތުކޮށް ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ދޭން ކުންފުންޏަށް އަންގައިފަ އެވެ.

ޖީއެމްއައިޒެޑް ކުންފުނިން ހިންގި އެންމެ މަސައްކަތަކުން، ބޮޑު ފައިސާގެ އަދަދެއް ދައުލަތުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ހިސާބަށް ދިޔައީ ކީއްވެ ހެއްޔެވެ؟ މިކަމުގައި ބަޔަކު އިހުމާލުވޭ ހެއްޔެވެ؟

ބޯޓް އަގުކުުރުމަކާ ނުލައި މަސައްކަތް ފެށި!

ޖީއެމްއައިޒެޑްއެލް މެނޭޖްމަންޓުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ ބޯޓު އަގުކުރުމުގެ މަސައްކަތްތަކެއް ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް، މިނިސްޓްރީން އެންމެ ފުރަތަމަ އެންގި ގޮތަށް އެ ބޯޓު އަގުނުކޮށް މަސައްކަތް ފެށުމަކީ ހެދި ފުރަތަމަ ގޯހެވެ.

"ދެ ފަހަރެއްގެ މަތިން އެ ބޯޓު އަގުކޮށްދޭނެ ފަރާތެއް ހޯދުމަށް ޖީއެމްއައިޒެޑުން އިއުލާން ކުރި. ދެވަނަ ފަހަރަށް އިއުލާންކޮށް އެ މަސައްކަތް ބަޔާކާ ހަވާލުވެސް ހަވާލުކުރި. ނަމަވެސް ފަހުން ނިންމީ އަގުނުކޮށް ކުރިއަށްދާން،" އޮފިޝަލް ވިދާޅުވި އެވެ.

މި މަސައްކަތް ހިންގި ގޮތާ ގުޅޭ ގޮތުން "ސަން" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިނިސްޓްރީން ބޯޓުގެ އަގުކުރުމަށް އަންގާފައިވަނިކޮށް އަނެއްކާވެސް ޖީއެމްޒެޑްއެލްއިން ވަނީ އެ ބޯޓު އެތަނުގައި އޮތުމުގެ ސަބަބުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ދަތިވާ ކަމާއި، އެ ބޯޓާމެދު އަމަލުކުރާނެ ގޮތުގެ ލަފައަކަށް އަނެއްކާވެސް އެދިފަ އެވެ.

އެއާއެކު، މިދިޔަ ޖެނުއަރީ 14 ގައި މިނިސްޓްރީން ހުއްދަ ދިނީ، އެ ބޯޓު އެތަނުން ނެގުމުގެ މަސައްކަތް ކުރުމަށެވެ. އަދި އަގުކުރުމަށް ހަވާލުކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުންވެސް ބާތިލުކުރީ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، މެނޭޖުމަންޓަށް އައި ބަދަލާއި މިނިސްޓްރީން އެ ބޯޓު ނެގުމުގެ ހުއްދަ ލިިބިފައިވުމެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) "ސަން"އަށް ވިދާޅުވީ، ބޯޓު އެތަނުގައި އޮވެ ގިނަ ދުވަސްވުމުން ދައުލަތަށް މާ ބޮޑު ގެއްލުންތައް ލިބެމުން ދިޔަ ކަމަށެވެ. އަދި ބޯޓު އަގުނުކުރީ، ލިބޭ ގެއްލުން މާ ބޮޑުވާތީ ކަމަށް އޭނާ ވިދާޅިވި އެވެ.

"އެވަލުއޭޝަން ހެދުމަށް އަޅުގަނޑުމެން ވޯކްއައުޓު ކުރިން... ފުރަތަމަ ކަމަކީ ސަރުކާރު އެއްވެސް ކުންފުންޏަކު ނެތް އޭތި ސެލްވޭޖު ކުރުމަށް ޓެކިނިކަލް އެކްސްޕަޓިސް އެއް. ދެވަނަ ކަމަކީ ބަޔަކާ ހަވާލުކޮށްގެން ބޯޓު ބާ ދަގަނޑަށް ކިރާނަމަ، ކޮށާލާނަމަ ކޮށަނީ 167 ޑޮލަރަށް ޓަނެއް. އެހެން ވިއްޔާ އޭގެން ލިބޭ އެއްޗަކަށްވުރެ ކުރަން ޖެހޭ ހޭދަ ބޮޑު އަޅުގަނޑުމެން އެކަން ކުރީމަ،" އިބޫ ވިދާޅުވި އެވެ.

ޖީއެމްއައިޒެޑްއެލް ގެ އެމްޑީ އިބްރާހިމް ރަޝީދު: ބޯޓު އެތަނުގައި އޮވެ ގިނަ ދުވަސްވުމުން ދައުލަތަށް މާ ބޮޑު ގެއްލުންތައް ލިބެމުން ދިޔަ ކަމަށް އޭނާ ވިދާޅުވި --- ފައިލް ފޮޓޯ

އިބޫ ވިދާޅުވީ، ބޯޓު ވީހާވެސް އަވަހަކަށް ނެގުމަށް މަޖުބޫރުވީ، 165 މިލިއަން ޑޮލަރު ކުންފުންޏަށް ގެއްލުންވާތީ ކަމަށެވެ.

"ތިލަފުށީ ކުނި މެނޭޖް ކުރާ ޕްރޮޖެކްޓް އެއީ އޭޑީބީގެ 165 މިލިއަން ޑޮލަރުގެ ފަންޑުން ކުރިއަށްދާ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓަށް ހަމަޖައްސާފައިވާ ފައިސާ އަނބުރާ ގެންދާނެ ކަމަށް އެޑީބީ އިން ލިޔުމުން [ޖީއެމްއައިޒެޑްއެލް] އަށް އެންގީ އެ އެއްޗެހި އެތަނުން ނުނެގިގެން، މަސައްކަތް ކުރިއަށް ނުގޮސްގެން. އެހިސާބުން ނެގުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށް މަޖުބޫރުވީ،" އިބޫ ވިދާޅުވި އެވެ.

ޖީއެމްއައިޒެޑުން އެ ބޯޓު އެތަނުން ނެގުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރުމަށް ފެބުރުއަރީ 17 ގައި އިއުލާނެއް ކުރިކަން ލިޔުންތަކުން އެނގެ އެވެ. އެ އިއުލާނަށް 24 ފަރާތަކުން ޝައުގުވެރިކަން ހުށަހެޅި އެވެ.

އެ އިއުލާން ކުރީ، ބޯޑުން ފާސްކޮށްގެން ކަަމަށް އިބޫ ވިދާޅުވި ނަމަވެސް، ޖީއެމްއައިޒެޑްގެ ޗެއާމަން ސައުދުﷲ އަހްމަދު އިބޫގެ ވަހާކަތައް ދޮގުކުރައްވަ އެވެ. ސައުދު "ސަން"އަށް ވިދާޅުވީ ބޯޓް އެތަނުން ނެގުމަށް ނިންމީ އޭނާއަށާއި ކުންފުނީގެ ބޯޑަށް އެނގުމަކާ ނުލާ ކަމަށެވެ.

"އަޅުގަނޑަށް އެކަން އެނގުނު ހިސާބުން ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައި، އުސޫލުތަކާ ހިލާފަށް ކޮށްފައި އޮތް ކަމަކަށް ވުމުން،" ސައުދު ވިދާޅުވި އެވެ. އަދި އެކަންކަމާ ގުޅިގެން އިންޓާންލް އޮޑިޓެއްވެސް ހެދި ކަމަށާއި އޮޑިޓު ރިޕޯޓުވެސް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައި ވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެމްޑީ އިބޫ އެވާހަކަތައް ދޮގު ކުރައްވާ ވިދާޅުވީ އެ ބޯޓް ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ބާރު ބޯޑުން ކުންފުނީގެ އެމްޑީއަށް ދީފައިވާ ކަމަށެވެ. އިބޫ "ސަން"އާ ހިއްސާކުރެއްވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު، ޑިސެމްބަރު 2016 ގައި ކޯޓަށް މައްސަލަ ލުމުގެ ކުރިން ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަން އެކެވެ.

އެ ރިޒޮލިއުޝަންގައި ބުނެފައި ވަނީ؛ "ބޯޓް ނައްތާލުމަށް ބޭނުންވާ ކޯޓް އަމުރު ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށާއި އެ މައްސަލައިގައި ކޯޓްގައި ކުރިއަށްދާ މަރުހަލާގައި އެ ކޯޕަރޭޝަން ތަމްސީލް ކުރާނެ ފަރާތެއް އައްޔަން ކުރާނެ ފުރިހަމަ ބާރާއި އިހުތިޔާރު މެނޭޖިން ޑިރެކްޓަރު، އަހުމަދު ނާސިފް"އަށް ދޭ ކަމަށެވެ. ނާސިފް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކުންފުނީގެ އެމްޑީ އެވެ.

ބިޑް ކާމިޔާބު ކުރީ އަލަށް އުފެއްދި ކުންފުންޏަކުން!

އެމްވީ ސީހޯމް ސަފަޔާ ---

ބޯޓް ތިލަފުށީ ފަޅުން ނެގުމަށް ބަޔަކާ ހަވާލުކުރުމަށް 17 ފެބުރުއަރީގައި އިއުލާން ކުރީ ތިން ދުވަސްތެރޭ މައުލޫމާތު ކަރުދާސް ނެގުމަށެވެ. މައުލޫމަތު ކަރުދާސް އެ މުއްދަތުގައި ހުށަހެޅީ 24 ކުންފުންޏަކުންނެވެ. އެ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއައިއޯ) ހުށަހެޅީ ދެ ކުންފުންޏަކުންނެވެ. މަސައްކަތް އަވަސް ކުރަން ބޭނުންވާތީވެ، ވީހާވެސް އަވަހަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ދެ ކުންފުންޏަށް ޖީއެމްއައިޒެޑް އިން އެންގި އެވެ.

ނަމަވެސް ބިޑް ކާމިޔާބު ކުރުމަށް ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ހުށަހެޅީ ހަމައެކަނި "ޕާކް ވަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"އިންނެވެ. ޕާކްވަން އިން ހުށަހެޅީ، 1.5 މިލިއަން ރުފިޔާގެ ޕާފޯމަންސް ގެރަންޓީއާ އެކު އެއް މަސްދުވަސްތެރޭ މަސައްކަތްކޮށް ނިންމުމަށެވެ. އެވަލުއޭޝަން ކޮމިޓީގެ 70 ޕޮއިންޓާއެކު ޕާކްވަން އިން އެ ބިޑް ކާމިޔާބު ކުރި އެވެ. އެކަން އެ ކުންފުންޏަށް އެންގީ މާޗު 26 ގައެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޕާކްވަން އިން ޕާފޯމަންސް ގެރެންޓީ އެބަސްވުމުގައި ދައްކަންޖެހޭ މުއްދަަތުގައި ދައްކާފައި ނުވެ އެވެ. އަދި ޖީއެމްއައިޒެޑްއެލް އިން އެ މުއްދަތު އެ ކުންފުޏަށް ދެތިން ފަހަރެއްގެ މަތިން އިތުރުވެސް ކޮށްދީފައިވެ އެވެ.

ޕާކްވަން ކުންފުންޏަކީ، އެ މައްސަކަތައް އިއުލާން ކުރި ދުވަސް ފެބުރުއަރީ 17 ގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރި ކުންފުންޏެއްކަން އެ މިނިސްޓްރީގެ މައުލޫމާތުތަކުން އެނގެ އެވެ. އެހެން ކަމުން އެ ކުންފުނީގައި އެވަރުގެ މާލީ ގާބިލުކަމެއް ނެތުމަކީ އެކަށީގެންވާ ކަމެކެެވެ.

ނަމަވެސް އިބޫ އެވާހަކަތައް ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ އިސް ބޭފުޅުންނަށް ތިބީ އެފަދަ މަސައްކަތެއް ކުރަން ރާއްޖޭގައި މިވަގުތު ތިބި އެންމެ ގާބިލު ފަރާތްތައް ހިމެނޭ ކުންފުންޏެއް ކަމަށާއި ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ ބިޑް އިއުލާން ކުރި ދުވަހު ނޫން ކަމަށެވެ.

"ޕާކްވަން އިން އެ މަސައްކަތް ކުުރުމަށް އިސް މީހަކަށް ނަން ޖަހާގައި އޮތީ އަހްމަދު އަފްރާހް. އޭނާ އަކީ، ރާއްޖޭގައި އެންމެ ގިނައިން ސެލްވޭޖް އޮޕަރޭޝަންތައް ހިނގައިފައި ހުރި މީހާ. އަޅުގަނޑުމެން ބެލިން އެމީހުން މަސައްކަތް ކުރަން ހުށަހަޅާފައިވާ ޓީމް. 100 ޕަސަންޓް [ގާބިލު ކުންފުންޏެއް އެއީ]،" ޕާކްވަން އެމްޑީ އިބޫ ވިދާޅުވި އެވެ. "ކުންފުނީގެ ހިސްޓްރީއެއް އޮތްތޯ ނެތޯ ނުބަލަން. ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ޓީމް ގާބިލުތޯ ކަށަވަރު ކުރީ،"

އިބޫ ވިދާޅުވީ، ޕާފޯމަންސް ގެރެންޓީ އެ ކުންފުނިން ދިން ކަމަށާއި ނަމަވެސް އެ ފައިސާ ދެއްކުމަށް ދިން މުއްދަތު އިތުރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް އެނގިވަޑައި ނުގަންނާވަ ކަމަށެވެ. އަދި މަސައްކަތް ނިމުމުން އެ ފައިސާ މިހާރު އަނބުރާ ޕާކްވަންއާ ހަވާލުވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭސީސީއިން ވެސް މައްސަލަ ބައްލަވާފައި އޮތީ އެކަމުގައި ގޯހެއް ނެތް ކަމަށް. އެއީ ކުންފުނިން ފައިސާއެއް ހަރަދު ކުރާ ކަމެއް ނޫން. އެކަމުގެ އެންމެހާ ހަރަދުތައް ކުރަނީ އެ ކުންފުނިން،" އިބޫ ވިދާޅުވި އެވެ.

އެގްރިމަންޓް އެއްކޮޅަކަށް ބުރަވެފައި!

ޕާކްވަންއާއެކު ޖީއެމްއައިޒެޑްއެލް އިން އެޕްރީލް 16 ގައި ހެދި އެއްބަސްވުމުގައިވާގޮތުން 30 ދުވަހުގެ ތެރޭ އެއްބަސްވުމުގައި ހިމޭނޭ ސަރަހައްދުން ބޭރުން ބޯޓު ބޭރުކުރުމަކީ، ޕާކްވަންގެ ޒިންމާއެކެވެ. އަދި އެކަން ކުރުމަށް ނަގަން ޖެހޭ ހުއްދަ އަކާއި ހިނގާ ހަރަދެއްގެ ޒިންމާވާނެ ފަރާތަކީވެސް ޕާކްވަން އެވެ.

ބޯޓު އެ ސަރަހައްދުން ބޭރު ކުރުމަށްފަހު، ބޯޓުގެ ހުރިހާ މިލްކުވެރިކަމެއް ޕާކްވަން އަށް ލިބެ އެވެ. އެކުންފުނިން ބޯޓް ވިއްކާލަން ބޭނުން ނަމަ ނުވަތަ އޭގެއިން ވިޔަފާރީގެ މުއާމަލާތެއް ހިންގަން ބޭނުން ނަމަވެސް އެއީ އެ ކުންފުނީގެ ހައްގެކެވެ. އަދި އޭގެއިން ލިބޭ ފުރިހަމަ ފައިދާވެސް ލިބެނީ ހަމަ ޕާކަވަން އަށެވެ.

މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޯޓަކީ ނުވަ އަހަރުވެފައިވާ ބޯޓެކެވެ. ބޯޓެއްގެ އުމުރުން ބަލާނަމަ އެއީ ވަރަށްވެސް ކުޑަ މުއްދަތެކެވެ. ނަމަވެސް ކޯޓު އަމުރަކުން ދައުލަތައް ދީފައިވާ ބޯޓެއް ދައުލަތައް ފައިދާއެއް ނުވާ ގޮތަށް އެހެން ބަޔަކަށް މި ވަނީ ދީފަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ބޯޓް ބިއްކައިގެން ފައިދާއެއް ލިބުނަސް އެ އޮތީ އެ އަމިއްލަ ކުންފުންޏަށެވެ.

ކުރިން ވާހަކަ ދެއްކި ޖީއެމްއައިޒެޑްއެލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެއީ ކުންފުނިން ހެދި ވަރަށް ބޮޑު ގޯހެކެވެ. އަދި ކޯޓު އަމުރުގައި ބަޔަކަށް ބޯޓު ހިލޭ ދިނުމަށް ނުހިމެނޭ އިރު ޖީއެމްއައިޒެޑްއެލްއަށް އެ ގޮތަށް ނުނިންމޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ބޯޓު އެހެން ބަޔަކަށް ދިނުމަށް ފިނޭންސްގެ ހުއްދައެއްވެސް ނެތެވެ.

އިތުރު މައްސަލަތަކާ އެކު ބޮޑު ބަދަލެއްގެ ބުރަ!

ބޯޓް ނައްތާލުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތާ އެކު، އެކަމުގައި މަސްލަހަތު ހިމެނޭ އަމިއްލަ ފަރާތަކުން ކ. ގުރައިދޫ ކޯޓަށް ލީ މައްސަލައަކާ އެކު، އެ ކޯޓުން ފުލުހުންގެ މައްޗަށް މިދިޔަ މޭ 19 ގައި އަމުރެއް ނެރުނީ އެ ބޯޓުން އެތަނުން ނަނަގއި ނައްތާލުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުވައި ދިނުމަށެވެ.

ފުލުހުން އެ މަސައްކަތް ހުއްޓުވުއިރު ޕާކަވަން ކުންފުނިން ވަނީ ބޯޓް އެތަނުން ނަގައިގެން ތިލަފުށީގެ އެހެން ސަރަހައްދަކަށް ގެންގޮސް ބޯޓް ނައްތާލުމުގެ މަސައްކަތް ކުރަމުން އެވެ. އޭރުވެސް ކުންފުނިން އެެެދެމުން ދިޔައީ، އެ އެއްބަސްވުމުގައި ބުނާ މުއްދަތުގައި މަސައްކަތް ނުނިންމޭނެތީ، އެއްބަސްވުން އިތުރުކޮށް ދިނުމަށެވެ.

ފުލުހުން އެ މަސައްކަތް ހުއްޓުވުމުން ޕާކަވަން ކުންފުނިން ޖީއެމްއައިޒެޑްއަށް ސިޓީ ފޮނުވީ، "ފްރޮޑިއުލަންޓް މިސްރެޕްރެޒެންޓޭޝަން"އެއް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގައި ޖީއެމްއައިޒެޑްއަށް ހިންގާފައިވާ ކަމަށެވެ. އެހެންވެ، 10.9 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކޯޓަށް ދާން އެ ކުންފުނިން ނިންމި ކަމަށް ސިޓީގައިި ބުންޏެވެ.

ޖީއެމްއައިޒެޑްގެ ލިޔުންތަކުން ފެންނަ ގޮތުގައި އެ ބޯޓް އަދިވެސް އޮތީ، ތިލަފުށީގައި އަމިއްލަ ކުންފުންޏަކުން ހަދާފައިވާ ރޭމްޕެއްގައި ބާއްވައިފަ އެވެ. ބޯޓްގެ ބޮޑުބައި އޮތީ އަދިވެސް ތިލަފުށީގެ ފަޅުގެ ތެރޭގަ އެވެ.

ނަމަވެސް ފަހުން ހައިކޯޓުން ވަނީ، ގުރައިދޫ ކޯޓުން ނެރުނު އަމުރު ބާތިލްކޮށްފަ އެވެ. އެހެން ނަމަވެސް، ބޯޓް ނައްތާލުމުގެ ހުއްދަ ފުލުހުން ޕާކަވަން ކުންފުންޏަށް ދީފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން "ސަން"އަށް ބުނީ، އެ ބޯޓާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ފިނޭންސުގައި ފުލުހުން ސިޓީއަކުން އެދުނު ކަމަށެވެ. އެހެން ނަމަވެސް ފިނޭންސުން ޖަވާބު ދީފައި ވަނީ އެ ބޯޓް ނައްތާލުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް ބުނެ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ބޯޓް ނައްތާލުމުގެ މަސައްކަތް މިހާރު ހުއްޓުވާފައި ވަނީ ފިނޭންސުން އެދިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސަން"އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ބޯޓް އެތަނުގައި އޮތުމުގެ ސަބަބުން އެ ބޯޓް ނައްތާލުމަށް އަމިއްލަ ކުންފުންޏަކާ އެކު ހެދި އެއްބަސްވުމުގެ މަގުސަދު ހާސިލްވެފައެއް ނުވެ އެވެ. އަދި އެއްބަސްވުން ހަދާފައި ވަނީ ވެސް، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލްތައް ނެތި އެވެ. އޭގެ ސަބަބުން، މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދަތިތައް ކުރިމަތިވެ މަސައްކަތަށް ހުއްޓުން އެރީ އެވެ. މި ގޯސްތަކާ ހުރެ ދައުލަތަށް އަނެއްކާ ވެސް ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ބިރު މިވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް