ތުރުކީން އައިއެސްގެ ހަނގުރާމަވެރިން އަނބުރާ ގައުމަށް ފޮނުވަން ފަށައިފި

ތުރުކީން ވަނީ ބޭރު ގައުމުތަކަށް ނިސްބަތްވާ އައިއެސްގެ މެމްބަރުން އަނބުރާ ގައުމަށް ފޮނުވަން ފަށާފަ -- ފޮޓޯ: އޭއެފްޕީ

އަންކާރާ (ނޮވެމްބަރު 12): މެދުއިރުމަތީގައި ތިބި ބޭރު ގައުމުތަކަށް ނިސްބަތްވާ އައިއެސްގެ މެމްބަރުން އަނބުރާ ގައުމަށް ފޮނުވަން ފަށާފައިވާ ކަމަށް އިއްޔެ ތުރުކީން ބުނެފި އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުން މިހާރު ވަނީ އެމެރިކާއަށް ނިސްބަތްވާ އައިއެސްގެ މެމްބަރަކު އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި ޖަރުމަނާއި ފްރާންސާއި އަޔަލޭންޑާއި ޑެންމާކަށް ނިސްބަތްވާ 20 ހަނގުރާމަވެރިންވެސް އެގައުމުތަކަށް ފޮނުވާލަން ވަނީ ހަމަޖެހިފަ އެވެ.

ތުރުކީގެ ޓީއާރުޓީ ނޫހުން ބުނި ގޮތުގައި އެގައުމުން ދަނީ 2،500 ހަނގުރާމަވެރިން އަނބުރާ ގައުމަށް ފޮނުވާލަން މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ނަމަވެސް އަނބުރާ ފޮނުވާލާ މީހުންނަކީ ތުރުކީން ނުވަތަ ސީރިއާއިން ހައްޔަރުކޮށްފައިވާ މީހުން ކަމެއް އެގައުމުން ހާމަ ނުކުރެ އެވެ.

ތުރުކީން މިދިޔަ މަހު ސީރިއާގެ އިރު އުތުރުގައި ފެށި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން އެގައުމުން ވަނީ އެސަރަހައްދުގައި ތިބި ބައެއް އައިއެސްގެ މެމްބަރުންނާއި އެމީހުންގެ އާއިލާގެ މެމްބަރުންވެސް ހައްޔަރުކޮށްފަ އެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން، ކުރުދީން އިސްކޮށް ތިބޭ ސީރިއަން ޑިފެންސް ފޯސެސް ދުރަށް ފޮނުވާލުމަށްޓަކައި އެ އޮޕަރޭޝަން ފެށުމުގެ ކުރިން އެސްޑީއެފްއިން ހައްޔަރުކޮށްފައި ތިބި އައިއެސްގެ މެމްބަރުންގެ އަދަދު 12،000އަށް އަރަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 4،000 މީހުން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އައި އެސްޑީއެފްގެ ބެލުމުގެ ދަށުގައި ހުރި ކޭމްޕުތަކުގައި އައިއެސްގެ ހަނގުރާމަވެރިންގެ އެތައް ހާސް އާއިލާގެ މެމްބަރު ތިބެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކޭމްޕު ކަމަށްވާ އަލް ހައުލްގައި 70،000 މީހުން ތިބެ އެވެ.

ތުރުކީގެ އަސްކަރީ އޮޕަރޭޝަން ފެށުމުން، އެސްޑީއެފްގެ ޖަލުތަކުގައި ތިބި އައިއެސްގެ މެމްބަރުން ފިލަމުންދާ ކަމުގެ ހަބަރު ވަނީ ފެތުރިފަ އެވެ. ނަމަވެސް ތުރުކީން ވަނީ އެގައުމުން އެ ޖަލުތައް ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ކަމަށް ބުނެފަ އެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ދިޔަ އެގައުމުގެ މީހުންނަށް އަނބުރާ އެ ގައުމުތަކަށް ނުދެވޭ ގޮތަށް، އެމީހުންގެ ރަށްވެހިކަން އަތުލާފަ އެވެ. ނަމަވެސް ތުރުކީން ވަނީ ރަށްވެހިކަން ނެތް މީހުންވެސް އެމީހުން ދިރިއުޅުނު ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ބުނެފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި އެގައުމުގެ ޖަލުތަކުގައި އައިއެސްގެ 1،201 މެމްބަރުން އެބަ ތިއްބެވެ. އަދި އެގައުމުން ވަނީ ސީރިއާއިން 287 ހަނގުރާމަވެރިން ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް