ދައުލަތުގެ އާމްދަނީ 10 ޕަސެންޓް ސޮއްސާލައިފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް މިދިޔަ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވެއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހު 927.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ބަލައިގެންފަ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއިން ވަނީ 1.03 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފަ އެވެ.

މިދިޔަ މަހުގެ އާމްދަނީ ދަށްވި މައިގަނޑު ސަބަބުތަކެއް ކަމަށް މީރާއިން ބުނީ ޓެކްސް ދެއްކުމުގެ ސުންގަޑި ހަމަވިއިރު ބައެއް ޓެކްސް ޕޭޔަރުން ފައިސާ ނުދެއްކުމެވެ. އޭގެ ތެރޭގައި ހިމެނެނީ ޖީއެސްޓީގެ ދެ ބަޔާއި ބީޕީޓީ އަދި ގްރީން ޓެކްސް އެވެ.

އޮކްޓޫބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީއިން ވަނީ 554.8 މިލިއަން ރުފިޔާ މީރާއަށް ލިބިފަ އެވެ.

ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 79 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކުހުގެ ގޮތުގައި 53 މިލިއަން ރުފިޔާ މީރާއިން ވަނީ ބަލައިގެންފަ އެވެ.

މިދިޔަ މަހު މީރާއަށް ޑޮލަރުގެ ގޮތުގައި ބަލައިގަތީ، 35 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް