ރައީސްގެ އިނާމާއެކު ރިޝްމީ އުފަލުން ފޮޅިފައި!

ބަތަލާ ރިޝްމީއަށް ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބިފައި--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމް ފިލްމީތަރި އާއިޝަތު ރިޝްމީ ރަމީޒަށް ލިބުމާ އެކު އޭނާއަށް ކުރެވުނީ އާދަޔާ ހިލާފު އިހުސާސްތަކެކެވެ.

ރިޝްމީއަށް އެ އެވޯޑް ލިބުނީ ސާކް ފިލްމު ފެސްޓިވަލްގައި އޭނާ ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރިޝްމީއަށް އެ އެވޯޑް ލިބުނީ ކާމިޔާބު ފިލްމު "ވިޝްކާ" އިން ސާކް ފިލްމު ފެސްޓިވަލުގައި އޭނާއަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމުންނެވެ.

އެ އެވޯޑާއެކު ރިޝްމީ ބުނީ މި އެވޯޑު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

ފިލްމީދާއިރާގައި ކުރާ ބުރަ މަސައްކަތް ފާހަގަވެ މި ފަދަ އެވޯޑެއް ލިބުމަކީ އޭނާއަށް ހާސިލްވި ބޮޑު ކާމިޔާބެއް ކަމަށާއި ސާކްގެ ކާމިޔާބީ އަށް ރައީސް ދެއްވި ރަން މެޑައްޔާއެކު ހުވަފެން ހަގީގަތަކަށްވެެއްޖެ ކަމަށް ރިޝްމީބުންޏެވެ.

ރިޝްމީ ވަނީ އޭނާގެ އެ ކާމިޔާބީގެ ފަހަތުގައި ތިބި ގިނަ ބަޔަކަށް ޝުކުރުއަދާކޮށްފަ އެވެ. އޭގެ ތެރޭގައި މިއުޒިކް ޕްރޮޑިއުސަރު މުހައްމަދު އިކްރާމާއި ފިލްމީ ތަރި އަހްމަދު އަޒްމީލްގެ އިތުރުން ރިޝްމީގެ މިހާރުގެ ފިރިމީހާ ރަވީ ފާރޫގު ހިމެނެ އެވެ.

އެވޯޑް އޭނާ ހާއްސަކޮށްފައިވަނީ އޭނާގެ މަންމަ އައިމިނަތު ރަޝީދާއަށާއި އޭނާގެ ދޮންތައަށެވެ.

"އުންމީދުކުރަން މަންމަ އާއި ދޮންތަ އަށް މިދެވުނު ހަދިޔާ ގަބޫލުކުރާނެކަމަށް،" ރިޝްމީ ބުންޏެވެ.

އެ އިނާމް ރިޝްމީއަށް ލިބުނުއިރު ފިލްމު "ވިޝްކާ" އިން އޭނާ އަންނަނީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކުރަމުންނެވެ. އެ އެވޯޑަށް ރިޝްމީ އާ އެންމެ ގާތުން ވާދަކުރަނީ އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ އެވެ.

"ވިޝްކާ" އަކީ ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވާލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެކެވެ.

comment ކޮމެންޓް