ކިރިޔާވެސް ރައްޔިތުންގެ ވެރިކަމެއް ލިބުނީ ސިޔާސީ ޕާޓީތަކާއެކު: ރައީސް ނަޝީދު

ރައީސް ނަޝީދު: ރައްޔިތުންގެ ވެރިކަމެއް ފެންނަ ފެށީ ސިޔާސީ ޕާޓީތަކާއެކު ކަަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިރިޔާވެސް ރައްޔިތުންގެ ވެރިކަމެއް ފެންނަ ފެށީ ގިނަ ޕާޓީތައަށް އެކުލެވޭ ސިޔާސީ ނިޒާމާއެކު ކަމަށް ކުރީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމަށެވެ.

"ޒަމާނުއްސުރެ ދެމިގެން މިއަންނަ ދިވެހިން ވެރިކަން ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަމަކަށް [ބަދަލުވީ] ކިރިޔާވެސް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްއާއެކު،" ގިނަ ޕާޓީ އެކުލެވިގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ނަޝީދު ވިދާޅުވި އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖުމްހޫރިއްޔަތެއް ބިނާ ކުުރުމަށް ގިނަ ޕާޓީ ހިމެނޭ ސިޔާސީ ނިޒާމް ދަމަހައްޓަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސްގެ މަގާމުގެ ހުވާ ކުރެއްވީ، ނޮވެމްބަރު 11، 2008 ގައެވެ. އެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ، އޭރު ދިގު 30 އަހަރުގެ ވެރިކަމެއް ކުރެއްވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ކެންޑިޑޭޓް ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވާދަކޮށެވެ.

ސިޔާސީ ޕާޓީގެ ނިޒާމް ރާއްޖެއަށް ތާއާރަފްވީ 2005 ވަނަ އަހަރު އެވެ. އެ ނިޒާމަށް 14 އަހަރު ގުނަމުންދާއިރު، މިހާރު ރާއްޖޭގައި ނުވަ ސިޔާސީ ޕާޓީއެއް ރަޖިސްޓްކޮށްގެން ހިނގަމުންދެ އެވެ. އެ ނިޒާމް އައި ފަހުން ސިޔާސީ ޕާޓީތަކުން ވާދަކޮށް، ތިން ރިޔާސީ އިންތިހާބު ވަނީ ބާއްވާފަ އެވެ.

comment ކޮމެންޓް