ސެފްރޯން - 25

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

އަޒްކީލް ސެފްރަން ގޮވައިގެން ގޮސް އާކްޓިކް ކަނޑުގެ އައްސޭރި ފަށުގައިވާ ގަނޑުވަރުގެ ކޮޓަރިއަކަށް ވަނެވެ.

"ސެފްރަން އަހަރެންގެ މި ޗެލެންޖް ގަބޫލުކުރަން ވާނެ އިނގޭ. ރަސްކަމަށް ކުފޫ ހަމަވަންޏާ މިވަރުގެ ހިތްވަރެއްކޮށްލަން ކެރޭނެ...." އަޒްކީލް ދެން ބުނެލި ޖުމްލައިން ސެފްރަންއަށް ދެ ފިޔަވަޅު ފަހަތަށް ޖެހެވުނެވެ. ކަނޑުގެ އަޑީގައިވާ އެމީހުންގެ ރަށަށް ދަތުރުކުރުމަކީ އޭނައަށް ކުރެވޭނެކަމެއް ނޫނެވެ. އެހެން ހިތަށް އެރުމުންވެސް ސެފްރަންގެ މޫނުގައިވި މަޑު ރަތްކުލައިގެ މައްޗަށް ހުދު ކުލަ ވެރިވެގެން ދިޔައީ ބަލާހުއްޓައެވެ.

"ފަސްޖެހި ފިނޑިވެގެނެއް ބެންތިކް ޖިންނީންނާއި މާރިދުންގެ ވެރިއަކަށް ނުވެވޭނެ އިނގޭ. ރަސްކަމުގެ ދަރުބާރަށް ނުވަދެ މަތީގައި އުޅެގެން ވެރިކަން ކުރާނީ ކިހިނެއް ސެފް. ހިތްވަރުކޮށްފައި އާދޭ. އޭރުން ރަސްކަމުގެ ކޮއިލުގެ ހައިބަތާއި ވަރުގަދަކަން ފެންނާނީ. އަހަރެމެންގެ އުމްރާނީ ތަރައްގީއާއި ތަހުޒީބުގެ ކުލަ އަދި ސެފްއަށް ފެނިފައެއް ނެތް. ރަސްކަލަކަށް ވުމުގެ ކުރިން އެތަންތަން ދެކިލާ ރައްޔިތުންނާއި ބައްދަލުކުރަން ޖެހޭނެ. ސެފް ފިލާ އޮވެގެން ރަސްކަން ކުރަން އުޅެނީ؟" އަޒްކީލް ސެފްރަންގެ ދެ ކޮނޑުގައި އަތް ބޭއްވިއެވެ.

އަޒްކީލްގެ ވާހަކަތަކުންވެސް ކަނޑުގެ އަޑިއަށް ދިއުމުގެ ހިތްވަރެއް ސެފްރަންއަކަށް ނުލިބުނެވެ. އިންސާނުން މި ކިޔާ "ފޯބިއާ" ޖެހިފައި ބާވައެވެ. ނޫނެކެވެ. އޭނަ ނިސްބަތްވާ ނަސްލުގެ އެއްވެސް ޖިންނިންނަށް ކަނޑުގައި ވަޒަަންވެރިގެން އުޅެން ފަސޭހައެއް ނުވާނެއެވެ.


ސެފްރަން އަޒްކީލްގެ އަތް ދުރުކޮށްލާފައި އެނބުރި ނުކުތުމުން އަޒްކީލް ހިނިއަންނަގޮތްވިއެވެ. ހަށަން ބަންގޮތަށް ވައަތުން ދަތްދޮޅީގައި އަތް ވިއްދާލިގޮތަށް ސެފްރަން ލޯމަތިން ގެއްލުމުންވެސް ވިސްނުމެއްގެ ތެރޭ ހުރެވުނެވެ.


***

މިސްކިތަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭ އެތާ ތެރެއިން ފެންނަނީ ހަމައެކަނި ދެ މަޚުލޫގުންނެވެ. ރަތްދޫލައިގެ މަތީ ކުލަ ކުލައިގެ މުސައްލާ ފަތުރާފައިވާއިރު އާދަޔާ ޚިލާފު ހިމޭންކަމަކާއި ހިތްހަމަޖެހުމެއް އަދި އަރާމުދެނިވި ތަނެކެވެ. ޝޭޚު ކަހީޖުގެ އަގުހުރި ދީނީ ނަސޭހަތް ކަނުލާ އަހަން އިނދެފައި ސެފްރަން ސުވާލުކުރީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ބެހޭގޮތުންނެވެ.

"މައިންބަފައިން ދަރިންނަށް ނިކަމެތިކޮށް ހެދިކަމުގައި ވިޔަސް ދަރިންގެ ހައްގު އަދާކުރަން ވާނެ. މަންމަ ވާނީ މަންމައަށް. ގުރުއަނައި ހަދީސުގައި މައިންބަފައިންނަށް ކަމޭ ހިތަން އަންގަވާފައިވޭ. ދަރިންނަށް ސުވަރުގެ ވަދެވޭނީ މައިމީހާގެ ފައިތިލަ ދަށުންނޭ ބުނާ އަޑު ދަރިފުޅު އަހަންތަ؟ މައިންބަފައިން އެއްލައިލި ދަރިއަކަށްވިޔަސް އެމީހުން އެނބުރި އައިސްފި ކަމަށް ވަންޏާ މާފުކޮށްފައި އޯގާތެރިވައްޗޭ......."

"ކީއްކުރާނީ. ބައްޕަދެކެ މަންމަ ކުރާ ނަަފްރަތު އަޅުަގަނޑަށް އަމާޒުވީ. އާއިލާގެ ފަރާތްތަކާއި ބައްދަލުވުކަމީ ނަސީބުގައި ލިޔުއްވާފައިވާ ކަމެއްބާ. އާއިލާ ދިރިއުޅެނީ ކޮންތާކު؟ އެތައް ޒަމާނެއް ފަހުން މަންމައަކީ ކާކުކަން އެނގިއްޖެ. އެކަމަކު މަންމަ އަޅުގަނޑުގެ ސޫރަ ފެނުނަސް ރުޅިއާދޭ......................................"

"ކޮބާ މަންމައަކީ؟ " ޝޭހު އެހިއެވެ.

"ޢަޒްކީލްގެ އަންހެނުން....." ސެފްރަން ޝޭޚަށް ކުރާ އިތުބާރުގެ ސަބަބުން އެ ސިއްރު ހާމަކުރިއެވެ.

"ހިޖާބުގައި އުޅޭ މާތް އަންހެނެއް އަމިއްލަ ދަރިއަކުދެކެ އެހާ ބޮޑު ރުޅިވެރި އިހުސާސްތަކެއް ގެންގުޅޭތީ ހިތާމަކުރަން އެކަމަކު ދަރިފުޅާ ކަލޭ ކަލޭގެ ވާޖިބު އަދާކުރޭ. މައިމީހާއަށް ކަމޭ ހިތާ. ކޮންމެވެސް ދުވަހަކުން ދަރިފުޅަށް އެކަމުގެ ފޮނިކަން ފެންނާނެ......" ޝޭޚު ދަރުސްދޭން ފެށިއެވެ. ގުރުއާންގެ އާޔަތެއް ކިޔަވަން ފެށިއިރަށް ޝޭޚުގެ ލޮލަށްވެސް ކަރުނަ ޖަމާވެއްޖެއެވެ.

ސެފްރަން އަދަބުވެރިގޮތަކަށް ދެއަތް އުނގުމަތީ ބާއްވާލައިގެން އިސްޖަހާލައިގެން އިނަސް ހިތުގައި ތޫފާނެއްފަދައިން ރުޅިވެރިކަން އުތުރި އަރާ ބަންޑުންވެދާނެ ފަދައެވެ. އޭނަގެ މަންމަ އެހެން މީހުން ކުރިމަތީގައި މަލާއިކަތަކަށް ވާން މަސައްކަތްކުރިޔަސް އެއީ ޝައިތާނީ މަންމައެކެވެ. އެ މަންމަ އޭނައަށް ކުޑަ އުފަލެއް ލިބޭކަށްވެސް ނޭދެއެވެ. މިހާރު މަސައްކަތްކުރަނީ އަޒްކީލް ތަޚުތަށް އިސްކުރުމަށެވެ. އޭނަ ގާތަށް އައިސް ދެތިން ފަހަރު އިންޒާރުދީފިއެވެ. ރަސްކަމާއިހެދި ނޫޅުމަށާއި ނޫނީ ފުރާނައިން އަތް ދޮވެލަން ޖެހޭނެކަމަށް އަންގައިފިއެެވެ. މަންމައެއްގެ ހިތުގައި ދަރިއަކަށްޓަކާ ކުޑަ ނަމަވެސް ކުލުނެއް ނެތްކަން އެނގުމުން އޭނަގެ ހިތުގައި ފޫހިކަން އުފެދި މަންމަދެކެ ނަފްރަތުވާގޮތް ވާން ފަށައިފިއެވެ.

ކަހީޖުއާއި ޒުވާބެއް ނުފަށަން ހިމޭންކަން ޚިޔާރުކުރިޔަސް މަންމައަށްޓަކާ އޯގާތެރިވެވޭނެ ގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ.

***

މިރިއަމް އާއި ނަކްބާ ޖަންގަލިތެރޭ ހިނގާލަން ދިޔައިރު ބަހާރުމޫސުމްގެ ހިތްފަސޭހަކަމާއި ޗާލުކަން ބަލައިލި ކޮންމެ ދިމާލަކުން ފެނެއެވެ. ޖަންގަލިތެރޭ ފޮޅިފައިވާ ކުލަ ކުލައިގެ މާތަކުގެ ސަބަބުން ދިރުން ގެނެސްދެއެވެ.

"ސާހިބު ކަމަނާ. ދުވަސްކޮޅަކުން އަޅުގަނޑުމެން ކަނޑުގެ އަޑިއަށް ދިރިއުޅުން ބަދަލުކުރަން ޖެހިިދާނެހެން ހީވޭ. ޝެހެޒާދާ ސެފްރަން ރަސްކަމުގެ ތަޚުތަށް ވެރިވުމުން އަޅުގަނޑުމެންވެސް ރަށުން ބޭރުގައި ވަކިން ދިރިއުޅޭކަށް ނުޖެހޭނެއްނު...."

"އަދިވެސް އަހަންނަށް ސެފްރަންގެ ލޯތްބެއް ނުލިބޭ. އެލޯބި ހޯދަން އަހަރެން ހަދާނެ ގޮތެއް ބުނެބަލަ................." މިރިއަމް ބަނޑުގައި އަތް ޖައްސައިލިއެވެ.

"ޝެހެޒާދާއަށް ހެޔޮކޮށް ހިތާ. ކުދިކުދި ކަންތައް ކޮށްދީ. މި ނާޒުކް އަތުން ކާންދީ ފަންކާއިން ވިހެދީ ވީހާވެސް ލޯބިން އުޅެދީ....." ނަކްބާ ނަސޭހަތް ދިނެވެ.

"އޭނަގެ ޖާރިޔާއެއް ނޫނޭ ބުނެ މަނާކުރާނެ....." މިރިއަމް ގަހެއްގެ ގޮފިގަނޑުމަތީ އިށީދެއްޖެއެވެ. ލައިގެން ހުރި ދަނބުކުލައިގެ މެކްސީގެ ފަސްބައި ބިންމަތީ ފެތުރިފައިވާއިރު ގަހަނާތައް ވިދާ ބަބުޅައެވެ.

"ދުޢާކުރޭ. ބައިވަރު ދުޢާކުރޭ. ވިސްނުމަކީ ބަދަލުވާ އެއްޗެއް. އަދި އޭނައަށް ސާހިބުކަމަނާދެކެ ލޯބިވެވޭނެ. އެކަމާ ހިތް ދެރަނުކުރައްޗޭ. ކޮންމެވެސް ދުވަހަކުން އަދި ކާމިޔާބުވާނެ....." ނަކްބާ ހިނިތުންވެލަމުން ބުނެލިއެވެ.

"އިންޝާﷲ....."

"ކޮބާ އެ އާރްޔާ. އެ އިންސކުއްޖާ....." ކުއްލިއަކަށް ނަކްބާ ހަދާންވިއެވެ.

"ދޮންބެގެ ގަނޑުވަރުގައި އެކުއްޖާ ގެންގުޅެނީ. އެ ކުޑަ ކުޑަ ކަށި އުފުރައިލަން އެބަޖެހޭ. އެކަމަކު މަންމައާއިހެދި ބޭނުންވާގޮތެއް ނެހެދިފައި މިހިރީ......"

"ދެމީހުން އެގަނޑުވަރަށް ޒިޔާރަތްކޮށްލާނީ. އަޅުގަނޑު އެކުއްޖާއާއި ބައްދަލުކޮށްފައި އެކަހެރި ތަނަކަށް ގެންގޮސްގެން އެ އިންސި ނައްތާލާނަން...."ނަކްބާ މިރިއަމްގެ ކަންފަތްދޮށުގައި ބުނެލީ ވައިރޯޅިއަށްވެސް ސިއްރުން ބުނާފަދައިން މަޑުމަޑުންނެވެ.

މިރިއަމް ކަތި ނަޒަރަކުން ނަކްބާއަށް ބަލަން އިނދެފައި ހުއްދަދިނެވެ. އޭނައާއި ސެފްރަންގެ ދޭތެރެއަށް ވަންނަން އުޅޭ އިންސިއެއް ކީއްކުރަން ޖިންނިއަކާއި ދޭތެރޭގައިވެސް ހަމްދަރުދީއެއް ނުވެވޭނެއެވެ. ސެފްރަންގެ ލޯބި ހޯދަން އެއިން ކޮންމެ ފަރާތެއް ނައްތައިލަން ހިތާހިތުން ހުވާކުރިއެވެ. ސެފްރަން އަމިއްލަ ހައްގަކަށް ހަދަން މަސައްކަތް ކުރާއިރު ބިރުވެރިކަން އުފެދެނީ ހަމައެކަނި ކާރމަންގެ ސަބަބުންނެވެ. ކާރމަންގެ ނަހަލާލު ދަރިއެއް ބަނޑުގައި އުފެދި ބޮޑުވުމަކީ ކުރެވުނު ކުށެކެވެ. ފާފައެކެވެ. އެފާފަ މުޅި އުމުރަށްވެސް އޭނަގެ ހަޔާތަށް ހިޔަނި އަޅާނެކަން ހިތަށް އަރާފައި ހިތުގައިވި ވޭންގަދަވިއެެވެ. ލޮލުން ކަރުނަ ހިލިއެވެ. ކާރމަންއާއިމެދު އެތައް ޝަކުވާ އެއް އުފެދުނެވެ.

***

ގަންދީޝާއާއި ޒުއްނޫރީންގެ ދޭތެރޭގައި އޮތް ދުޝްމަންކަން އެއްފަރާތްކޮށްލާފައި އެކުވެރިކަމުގެ އަތެއް ދިއްކޮށްލީ އަމިއްލަ އެދުން ބޮޑުކަމުންނެވެ. ޒުއްނޫރީން ވިސްނައިދިނީ ސެފްރަންއަށް ރަސްކަން ދިނުމަކީ މޮޔަކަމެއް ކަމަށެވެ. ޖިންނީންގެ ގާނޫނާއި ތައާރަޒުވާކަމެއް ކަމަށެވެ. އެ ދެ ފަހަރިން ޖަލްޖާލޫތާއި މަޝްވަރާކުރިއެވެ. ޖަލްޖާލޫތު އަމިއްލަ ދަރިއެއް ފަދައިން ގެންގުޅުނަސް ނަސަބާއި ހަސަބު ޔަގީން ނުވާފަރާތަކަށް ރަސްކަން ދިނުމުން މާރިދުންނާއި ބެންތިކް ޖިންނިން ރަސްކަމުގެ ހިޔާވަހިކަމުގައި ނުތިބޭނެކަމަށާއި ސެފްރަންގެ ހަރުކަށި ދީނީ ފިކުރުގެ ސަބަބުން އެހެން ދީންތަކުގެ މީހުންނަށް އެކީގައި ނޫޅެވޭނެކަމުގައ ޒުއްނޫރީން ބުނެލިއެވެ.

"ކުރީ ދުވަހުވެސް މާރިދުންތަކެއް ދީނީ އަޅުކަމެއްގައި ތިއްބާ ސެފްރަން އެ ހަފްލާ ރޫޅާލާ އިންޒާރުދިނީ. އެއްވެސް ކުށަކާ ނުލާ ސެފްރަން މާރިދުން ގަތުލުކުރަނީ. އަދި ބާރެއް ލިބިއްޖެއްޔާ ކިހާވަރެއްވާނެ. މާތް ސާހިބާ މިހުރިހާ ކަމަކާއި ވިސްނާ ވަޑަައިގަންނަވާނެކަމަށް އަޅުގަނޑު އުއްމީދުކުރަން..މި ގަބީލާތައް އެކީ އުޅެވޭނީ މަނިކުފާނު ފަދަ ތަޖުރިބާކާރު ވިސްނުންތެރި ވެރިޔަކު ހުންނެވުމުން ކަމުގައި އަޅުގަނޑު ދެކެނީ. ނޫނީ އަޒްކީލްފަދަ ހަރު ފަރާތަކަށް ނޫނީ ރަސްކަން ނުހިންގޭނެ..............................." ޒުއްނޫރީން އެދުނެވެ.

ޒުއްނޫރީންގެ މަގުސަދަކީ ކާރމަން ލައްވާ ބަޣާވާތް ކުރުވުމެވެ.

ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ ކާރމަންއަށް އޭނަގެ ހައްގު މަގާމު އަތުލާނެއެވެ. ޒުއްނޫރީން އަވަސްވެގަތީ އޭނަގެ ދަރިފުޅު ކާރލީންއާއި ބައްދަލުކޮށް މަޝްވަރާކުރުމަށެވެ.

***

ސެފްރަން އެނދުގައި އިށީދެލައިގެން އިންއިރު އަތުގައިވާ ތަސްވީރުތަކަށް ބަލަމުން ދިޔައެވެ. ފަހަރަކު ތަސްވީރެއް ނަގާފައި ފަރުވާތެރިކަމާއެކު ބަލައިލެވެއެވެ. އާރްޔާގެ ކުރެހުންތަކެވެ. ހާދަ ރީއްޗެވެ. ފުރިހަމައެވެ. މަޑުމަޑުން އަތުގައި އޮތް ފަށުގައި އަތްތިލަ ހިންގައިލެވުނެވެ.

"ކުޑަ ކުޑަ ޕަރީއެއްފަދަ ނާޒުކް އަންހެންކުއްޖަކުގެ މި ހަދިޔާތައް އަބަދަށް އަހަންނާއެކު ވާން އެދެނީ. އަހަންނަކަށް ނޭގޭ ޖިންނީންގެ ތެރޭވެސް އެހާ ގާތް މީހެއް ނެތްކަމަށް އިހުސާސްވަނީ ކީއްވެ؟ އެހާ މަޖާކުއްޖެއްވީމަ ކަން ނޭގޭ. އެއްވެސް އަންހެންކުއްޖަކަށް މި ހިތުގައި ޝައުގެއް ނެތްއިރު އިންސާނަކާ ދޭތެރޭ ވިސްނަން ޖެހުމަކީ ގޯހެއް. އަހަރެން ޖެހޭނީ އާރްޔާ މަތިން ހަދާން ނައްތައިލަން. އެއީ އަހަރެމެން ޖިންނީންގެ ދިރިއުޅަށް ކުޑަ ދުވަސްކޮޅަކަށް އައި މެހުމާނެއްކަން ހަނދާން ނައްތާލައިގެން ނުވާނެ......." ސެފްރަން އަމިއްލަ ނަފުސަށް ބުނެލިއެވެ.

***

އަަޒްކީލްގެ އާއިލާއާއެކު ޝިކާރަ ކުރަން ނުކުތް ދަތުރުގައި ސެފްރަންއާއި އާދު އަދި ކާއިން ގެންދަން ބާރު އެޅީ ޒޭބްއެވެ. ޒޭބްގެ ރޭވުންނޭގި ހުރެ އަޒްކީލް ސެފްރަންއަށް ދައުވަތު ދިނެވެ. އެތައް އަހަރެއް ވާންދެން އެ ސަރަހައްދުން ނުނިކުމެވި ހުރި ސެފްރަންއަށް ރަނުގެ ފުރުސަތަކަށްވިއެވެ.

"އެެކުވެރިޔާ. ޒޭބް އަހަރެން ދެކެ އެހާ ރުޅި އަންނައިރު އަހަރެން އެކީ ދިޔައިމަ މައްސަލަ ޖައްސާނެއްނު..އަހަރެން އަންނަކަން އެނގޭނެތަ..........." ސެފްރަން މިޔޫކީގެ ބޮލުގައި ފިރުމައިލުމުން އެސޮރު ހިތްހަމަޖެހުނުކަން އަންގަން އަޑެއް ލެއްވިއެވެ.

"އަހަރެން ދައުވަތުދޭން ބޭނުންވާ ފަރާތްތައް މަގޭ އަންހެނުންނަށް ބަހެއް ނުބުނެވޭނެ..." އަޒްކީލް ޒޭބްއަށް އެނގޭކަމަކަށް ނެހެދިއެވެ.

ސެފްރަން ގަދައޭ ބުނެލުމުގެ ގޮތުން އަތުން އިޝާރާތްކޮށްލަމުން އަހަށް ސަވާރުވިއެވެ. ފެހިކަން ގަދަ ބިންތަކާއި ކޯރުތަކެވެ. ފަރުބަދަތަކެވެ. ގަނޑުފެންތައް ވިރި ބަހާރުގެ ކުލަކުލައިގެ ހެދުންތަކުން ހުރިހާ ގަސްތައް ފޭރާން އަޅައިފިއެވެ.

އެތައް މޭލަކަށް ދަތުރުކުރުމަށްފަހު ޝިކާރަކުރާ ސަރަހައްދަށް މަޑުކޮށްލާފައި އަސްތަކުން ފޭބިއެވެ. ޖަންގަލިތެރޭން ދިމާވި ފުއްލާއެއް ފަހަމުން ފަހަމުންގޮސް ސެފްރަންއަށް އެކުވެރިންނާއި މާދުރަށް ދެވިއްޖެއެވެ. ގަސްތައް ބިންދަމުން ގުންފައި ޖަހަމުން އަންނަ އެއްޗެއްގެ އަޑުގަދަވުމުން ސެފްރަން އޭނަގެ ކަނޑި އުރައިގެން ދަމައިގެންފިއެވެ.

(ނުނިމޭ...)

https://sun.mv/126988

comment ކޮމެންޓް