ވެރިކަމުގެ ފުރަތަމަ އަހަރަށް ރައީސްގެ ތަފާސްހިސާބުތަކެއް!

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ކުރެއްވި ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތަކެއް މިރޭ ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހިދުމަތްދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާނުން ކައްސާލައިގެން ނުވާނެ. ނަމަވެސް މި ސަރުކާރުން މަޝްރޫއުތައް ހިންގައި ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް އެއްވެސް ރައްޔިތަކު ބާކީކޮށްގެން ނުވާނެ،"

އަދި އެމަނިކުފާނުގެ ސަރުކާރުން ހިދުމަތުގެ ގޮތުގައި ކުރަމުންދާ މަސައްކަތްތަކާއި، ކުރަން ނިންމާފައިވާ މަސައްކަތްތަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލު އެޅުމުގެ މަސައްކަތާއި ގުޅީފަޅުގައި ބަނދަރު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ މަރުހަލާ ފެށިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އޭގެ އިތުރުން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރެވިފައިވާ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތަކެއް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

ރައީސް ސޯލިހުގެ ތަފާސްހިސާބުތައް:

  • މި އަހަރު 567 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފައިވޭ
  • އިއާދަ ކުރަނިވި ހަކަތައިން 17 މިސްކިތެއް އޭސީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ
  • 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ވަނީ ފެށިފައި
  • 34 ރަށެއްގައި ބަނދަރު އަޅަން ހަވާލުކޮށް، 14 ރަށެއްގައި އަމަލީ މަސައްކަތް ފެށިފައިވޭ
  • 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވޭ
  • 58 ރަށަކަށް ޖަނަރޭޓަރު ފޮނުވާފައިވޭ
  • 33 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައިވޭ
  • 3.2 ބިލިއަން ރުފިޔަގެ ހިލޭ އެހީ ލިބިފައިވޭ

"އަނިޔާވެރި ކުށްތައް މަދުވެއްޖެ"

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅަށް ކަމަށެވެ.

އެ ދާއިރާއިން ކުރި މަސައްކަތްތައް ފާހަގަކުރައްވަމުން، އަނިޔާވެރި ކުށްކުރުން މަދުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ ހަ އަހަރުގެ ޕޮލިސް ރެކޯޑުތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މި އަހަރު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގޭންގު މާރާމާރީ ހިނގާފައި ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓު މަދުންނެވެ. އަދި މިދިޔަ ހަ އަހަރުގެ ތެރޭގައި ގޭންގު ކުށްތަކުގައި 21 މީހުން މަރާލާފައިވީ ނަމަވެސް، މި އަހަރު އެންމެ މީހަކުވެސް ގޭންގު މާރާމާރީއެއްގައި މަރުވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ މާތްﷲގެ ވާގިފުޅާއި މަދަދާއެކު ދާހިލީ ސުލްހަ މަސަލަސްކަން ގާއިމުކުރުމުގައި ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތްތަކެއްގެވެސް ނަތީޖާކަމުގައި އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް