ގާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ ބާރެއް ނޯންނާނެ: ރައީސް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ހުރިހާ ބާރުތަކެއްވެސް ގާނޫނު އަސާސީއަށް ބޯލަނބަން ޖެހޭނެ ކަމަށާއި ގާނޫނުއަަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދައުލަތުގެ ތިން ބާރުވެސް މަސައްކަތްކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަންވާނީ ރައްޔިތުންގެ ހައްގުތައް ހޯދާދިނުމަށް ކަމަށާ ކޯޓުތަކުންވެސް މަސައްކަތް ކުރައްވާނީ އެގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ދައުލަތުގައި އޮންނަނީ ދުސްތޫރީ ސިޔާދަތެއް ކަމަށެވެ. އެހެންކަމުން، ގާނޫނުއަސާސީއިން ނުދޭ ބާރެއް ދިވެހި ދިދައިގެ ދަށުގައިވާ އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ ފަސްވަނަ މާއްދާގައި ބުނާ ގޮތުން ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ ދިވެހި ދިދައިގެ ދަށުން ވެގެން އުޅޭ ހަމަ އެކަކަށްވެސް ގާނޫނުއަސާސީއިން ނުދޭ ބާރެއް ލިބައި ނޯންނާނެ. އެއީ އަޅުގަނޑުކަމުގައި ވިޔަސް، ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައި ވިޔަސް، ގާނޫނުއަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނުއަސާސީއަށް ބޯލަބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ،"

ރައީސް ސޯލިހުވެސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުވެސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުވާކަން ދެނެ ހުރެ ގާނޫނު އަސާސީ ދެމެހެއްޓުމަށްޓަކައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ މި އަހަރުގެ ތެރޭގައި ފަށާފައިވާ މަޝްރޫއުތަކު ވާހަކައާއި އަންނަ އަހަރު ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ ވާހަކަ ދައްކަވައިފައެވެ. އޭގެ އިތުރުން، ސަރުކާރަށް ދިމާވެފައިވާ ބައެއް ދަތިތަކުގެ ވާހަކަވެސް އެމަނިކުފާނު ދެއްކެވިއެވެ.

comment ކޮމެންޓް