ލުބްނާނުގެ ރައްޔިތުންގެ ނުރުހުން އެގައުމުގެ އިސް ލީޑަރުންނާ ދެކޮޅަށް

ލުބްނާނުގެ ރައްޔިތުން އެގައުމުގެ ލީޑަރުންނާ ދެކޮޅަށް މުޒާހަރާ ކުރަނީ

ބައިރޫތު (ނޮވެމްބަރު 10) : ލުބްނާނުގެ ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށާ، ދީނީ، މަޛްހަބީ އަދި ތާއިފީ ބައިބައިވުންތަކާ ދެކޮޅަށް މަގުތަކަށް ނުކުމެ އެދެމުންދާ އެދުންތަކަށް އިޖާބަ ދިނުމަށް ލުބްނާނުގެ ލީޑަރުންނަށް އެގައުމުގެ މުފްތީ ޝައިޚް އަބްދުއްލަތީފް ދަރްޔާން ގޮވާލައްވައިފި އެވެ.

ކީރިތީ ރަސޫލާ (ސޢވ)ގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބެއްގައި އަބްދުއްލަތީފް ވިދާޅުވީ ލުބްނާނުގައި ކޮރަޕްޝަނާ ދެކޮޅަށާ އަދި ދީނީ، މަޛްހަބީ އަދި ތާއިފީ ބައިބައިވުންތަކާ ދެކޮޅަށް އަޑުއުފުލަމުން ދަނީ ވަކި ތާއިފާއެއްގެ ނޫނީ ވަކި ދީނެއްގެ އަދި ވަކި މަޛްހަބެއްގެ ބައެއް ނޫންކަމުގަ އެވެ. މުޒާހަރާތަކުގައި ހުރިހާ އުމުރެއްގެ ސުންނީންނާއި ޝިޔައީންނާއި ނަސާރާއިންނާ އަދި ދުރުޒީން އަޑުއުފުލައި ކޮރަޕްޝަނާ ދެކޮޅަށާ، ދީނީ، މަޛްހަބީ އަދި ތާއިފީ ބައިބައިވުންތައް ނައްތާލައި އިސްލާޙަށް ގޮވާލަމުން ދާކަމުގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ލުބްނާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ ވަޓްސްއަޕް ކޯލްތަކުން ޓެކްސް ނަގަން ނިންމުމާއެކު އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މުޒާހަރާތަކާ ގުޅިގެން އެ ނިންމުން ސަރުކާރުން ބަދަލުކުރި ނަމަވެސް މުޒާހަރާކުރާ މީހުން ފަހުން ވަނީ ލުބްނާނުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ސިޔާސީ، ދީނީ، މަޛްހަބީ އަދި ތާއިފީ ލީޑަރުންގެ ކޮރަޕްޝަނުގެ މައްސަލަތަކަށް މުޒާހަރާތަކުގެ ފޯކަސް އަމާޒުކޮށް ލުބްނާނުގެ ދައުލަތުގެ ޚާޒާނާ އެގައުމުގެ އިސް ލީޑަރުންގެ އަމިއްލަ މަސްލަހަތަށް ބޭނުންކުރާ ކަމުގެ އަޑުއުފުލަން ފަށައިފަ އެވެ.

ލުބްނާނުގެ ދަސްތޫރުގައި ދައުލަތާއި ސަރުކާރުގެ އިސް މަގާމު ތައްވަނީ އެގައުމުގެ މައިގަނޑު ދީންތަކާއި މަޛްހަބްތަކާއި ތާއިފާ ތައްކަމަށްވާ މުސްލިމުންގެ ދެބައި ކަމަށްވާ ސުންނީންނާއި ޝިޔައީންގެ އިތުރުން ނަސާރާއިންނާއި ދުރުޒީން ލީޑަރުންނަށް ކޯޓާގެ ގޮތުގައި ބަހާލާފަ އެވެ.

ލުބްނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާއި ދީނީ އަދި މަޛްހަބީ ބައިބައިވުމާއި ފިތްނައަކީ އެގައުމުގެ ސުންނީންނާއި ޝިޔައީންނާއި ނަސާރާއިންނާއި ދުރުޒީން ލީޑަރުން ދައުލަތުގެ ފައިސާއާއި މުއްސަނދިކަން އެބޭފުޅުންގެ އަމިއްލަ މަސްލަހަތަށް ފައިދާވާ ގޮތަށް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމަށް ބުނެ މުޒާހަރާކުރާ ފަރާތްތަކުން ވަނީ މިހާރު އިސްކޮށް ތިއްބެވި އިސް ލީޑަރުންގެ އިސްތިއުފާއަށާއި ލުބްނާނުގެ ސިޔާސީ ނިޒާމު އިސްލާޙް ކުރުމަށް ގޮވާލަން ފަށާފަ އެވެ.

މުޒާހަރާތަކަށް އިޖާބަ ދިނުމުގެ ގޮތުން ބޮޑުވަޒީރު ސައްދުލްހަރީރީ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މިހާރު ލުބްނާނުގައި ސަރުކާރެއްނެތެވެ. ވަގުތީ ގޮތުން ކަންކަން ބަލަހައްޓަކީ ރައީސް މިޝައިލް އަވްން އެވެ. ސަރުކާރެއް އެކުލަވާލެވެންދެން ކަންކަން ބެލެހެއްޓުމުގައި އަވްނަށް އެހީތެރިވަނީ އިސްތިއުފާ ދެއްވި ޙަރީރީގެ ސަރުކާރުންނެވެ.

މުޒާހަރާކުރާ ފަރާތްތަކުން އެދެމުންދަނީ ސިޔާސީ ބޭފުޅުން ނުހިމެނޭ ފަންނީ ޓެކްނޮކްރޭޓުންގެ ސަރުކާރެއް އެކުލަވާލުމަށްފަހު އެސަރުކާރުގެ ބެލުމުގެ ދަށުން ޕާލަމެންޓްރީ އިންތިޚާބެއް ބާއްވައި އައު ސަރުކާރެއް އެކުލަވާލައި އެސަރުކާރުން ލުބްނާނުގެ ދަސްތޫރު އިސްލާޙް ކުރުމަށެވެ.

ލުބްނާނުގެ ދަސްތޫރުގައި އެގައުމުގެ ސިޔާސީ ނިޒާމު ބައްޓަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކަށް ނަސާރާ ބޭފުޅަކު، ބޮޑުވަޒީރަކަށް ސުންނީ މުސްލިމަކު އަދި ޕާލަމެންޓްގެ ރައީސަކަށް ޝިޔަޢީ މުސްލިމަކު ހަމަޖައްސާ ގޮތަށެވެ. ސަރުކާރު ހިންގުމުގެ ބާރު އޮންނަނީ ބޮޑުވަޒީރަށެވެ. ރައީސަކީ ޝަރަފުވެރި މަގާމެއްގައި ހުންނަ ރަމްޒީ ބޭފުޅަކަށް ވިޔަސް ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކާ ޚިލާފަށް ލުބްނާނުގެ ދަސްތޫރުގައި ރައީސުލްޖުމްހޫރިއްޔާއަށް ބައެއް ބާރުތައް ދީފައިވެ އެވެ. ނަމަވެސް ހިންގުމުގެ ހުރިހާ ބާރެއް އޮންނަނީ ބޮޑުވަޒީރަށެވެ.

ލުބްނާނުގެ ސަރުކާރުން ކޮންމެ އަހަރަކު ދެ ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަރަންޓަށް ޚަރަދުކުރާއިރު އިރުއިރުކޮޅުން ކަރަންޓް ކަނޑައިގެން ގޮސް ކަރަންޓްގެ ޚިދްމަތް ރަނގަނޅަށް ނުލިބެނީ މިދެންނެވި ސިޔާސީ އަދި ތާއިފީ ދީނީ އަދި މަޛްހަބީ ލީޑަރުން އެބޭފުޅުންގެ އަމިއްލަ މަސްލަހަތަށް ޓަކައި ރައްޔިތުންގެ މަސްލަހަތު ގުރްބާންކުރާތީ ކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ލުބްނާނުގެ ލީޑަރުންގެ މެދުގައި ކޮރަޕްޝަން ހައްދުން ނައްޓާފައިވާއިރު ފެނާއި ކަރަންޓާއި ސިއްޙަތާއި ތައުލީމާއި އިޖްތިމާއީ ރައްކާތެރިކަން ފަދަ ޚިދަމްތައް ބަލިކަށިވެ އިގްތިސާދު ވަނީ ބޮއްސުންލާފަ އެވެ. މިހެންވަނީ އެގައުމުގެ ސިޔާސީ މަޛްހަބީ އަދި ތާއިފީ ލީޑަރުން ދައުލަތުގެ ފައިސާއާއި ވަސީލަތްތައް އެމީހުންގެ މަސްލަހަތަށް އެކަނި ކުރަމުން ގެންދާތީ ކަމަށް ފާޅުގައި ބުނެ މުޒާހަރާ ކުރާ ފަރާތަކުން ގެންދަނީ އަޑު އުފުލަމުންނެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް