އެންމެން ޖޫސް ބޯން ހިތްޖެއްސުވި ދެމަފިރިން!

މޭވާއާއި ތަރުކާރީ ދިޔަ ފެލައިގެން ރަހުމަތްތެރިއަކާއެކު އަމިއްލައަށް އަޖުމަ ބަލައިލަން ތައްޔާރު ކުރި ކުޑަކުޑަ ޑިޓޮކްސް ޖޫސްފޮދަކާއެކު ހަނާން މުހައްމަދު ނައީމަށް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. އެ ރަހުމަތްތެރިޔާއަށް ޑިޓޮކްސް ޖޫސް މީރުވެ އެ ހަދާ ހިތުން އޭނާ ހަނާންއަށް ޖޫސަރެއްވެސް ހަދިޔާކުރި އެވެ. ދެމީހުން އެކުގައި ރެސިޕީ ދިރާސާކޮށް، އެކި މޭވާއާއި ތަރުކާރީގެ ދިޔައިން ހެދި ޖޫސްތަކުގެ ނަތީޖާ ފެނުނީ ވަރަށް ރަނގަޅުކޮށެވެ. ހަށިގަނޑަށް ނުހަނު ފަސޭހަކަމެއް ގެނެސްދިނެވެ--އަދި އެކަން ހަށިގަނޑަށް އިހުސާސްވެ، ފެންނަންވެސް ފެށި އެވެ.

އެ ޑިޓޮކްސިންގެ ތަޖުރިބާ އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ގިނަ ބަޔަކު އެކަމަށް ޝައުގުވެރިވިއެވެ. އެއާއެކު ހަނާން އޭނާގެ ފިރިމީހާ ރިލްވާން ލަތީފާއެކު "ޖޫސް ބޮންބޮން" ފެށުމުން މިކަމަށް ޝައުގުވެރިވި މީހުން ދެންވެސް ވީ އިތުރެވެ.

ހަނާންގެ ރަސްމީ ވަޒީފާއަކީ އޭނާގެ މަންމަގެ ވިޔަފާރިއެއް ކަމަށްވާ ކޭކުއަޅަން ދަސްކޮށްދޭ އެފެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަންސް އެންޑް އާޓްސްގެ އިންސްޓްރަކްޓަރުކަމެވެ. ފިރިމީހާ ރިލޭއަކީ މޫދު ސާމާނު ވިއްކާ ފިހާރައެއް ހިންގާ ވިޔަފާރިވެރިއެކެވެ. މި ދެމަފިރިންގެ "ނުރަސްމީ" މަސައްކަތަކީ މިހާރު ޖޫސް ގިރުމެވެ. "ޖޫސް ބޮންބޮން" ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލުއިކަމާއެކު ވައިގައި ހިފައި، އެތައް ބަޔަކު ހަނާންމެންގެ ތިން ދުވަހުގެ ޑިޓޮކްސް ޖޫހަށް މިހާރު އޯޑަރުކުރެ އެވެ.

ހަފްތާއަކު އެއްފަހަރު އޯޑަރު ނަގާއިރު، ގާތްގަނޑަކަށް އެއްފަހަރާ 15 މީހުންނަށް މި ދެމަފިރިން އޯޑަރު ތައްޔާރުކުރެއެވެ. ފަނަރަ މީހުންގެ ތިން އިރުގެ ނާސްތާއަށް ބޭނުންވާ ޖޫސް ގިރުމަށް ތަރުކާރީއާއި މޭވާއަށް ޖަހާ އޯޑަރު ގެއަށް އައުމުން ހުރިހާ ކަސްޓަމަރުންނަށް ބޭނުންވާ ޖޫސް "މީލްތައް" ރާވައި، މިންވަރު ހަމަކޮށް ބަހާލުމަށްފަހު ޖޫސް ހަދާ ވަގުތު ޖެހުނީއެވެ. ގާތްގަނޑަކަށް 6-7 ލީޓަރުގެ 60 ފުޅިއަށް ޖޫސްއަޅާ ހަމަކުރަން ޖެހިދާނެއެވެ.

ދެން މި އޮތީ އަސްލު މަސައްކަތެވެ. ދަރިފުޅު ނިންދެވުމަށްފަހު ރޭގަނޑު ޑެލިވަރީއަށް ދެމަފިރިން ނުކުމެއެވެ. ކޮންމެ ކަސްޓަމަރެއްގެ ކައިރިއަށްގޮސް ޖޫސް ފުޅިތައް ހަވާލުކޮށް، ކުރިއަށް ދާންވީ ގޮތް ހަނާންއާއި ރިލޭ ކިޔައިދެ އެވެ. އަދި ވަރަށް ހިތްވަރުވެސް ދެއެވެ.

ޑިޓޮކްސް ޖޫސިންގް ބެލެންސެއް

ބަލާ ބެލުމަށް ހަނާންއާއި ރިލޭއާ ދެމީހުންވެސް ތިބީ ނުލާހިކު ފިޓުކޮށެވެ. ހަނާން ބުނާ ގޮތުގައި ދެމީހުންނަކީވެސް ކާނާއަށް ވަރަށް ވަރު ހުންނަ ޖޯޑެކެވެ. އެކަމަކު ސިއްހަތަށް ބަލައިގެން އުޅޭ ދުވަސްދުވަސްކޮޅު ކަނީ މުޅިންވެސް ސިއްހަތަށް ފައިދާހުރި ކާނާއެވެ. ދެން އެހާ ބޮޑަށް ކެއުމަކަށް ނުބެލެއެވެ. އެހެންކަމުން އެ ދެމެދުގައި ބެލެންސެއް ހޯދަން ޖެހުނީއެވެ.

"އަހަރެމެން އުޅޭގޮތުން ހަށިގަނޑަށް ވަރަށް ބަލައިގެން ނޫނީ ކުރަންޖެހޭ މަސައްކަތްތައް ނުކުރެވިފައި އޮންނަނީ. އެއީ ދެމީހުންވެސް މިއުޅެނީ ވަރަށް އެކްޓިވްކޮށް. އެހެންވީމަ 2010 ހިސާބުގައި ބެލިން ހާރބަލް ލައިފް ކިޔާއެއްޗެއްވެސް މިކޮޅަށް ގެނެވޭތޯ. އެކަމަކު އެކަމުގައި ހުރި ދަތިތަކާއި ހެދި އެކަންނުވެ ދިޔައީ." ރިލޭ ބުންޏެވެ.

ހަނާން ބުނީ ދެމީހުންގެ ޝެޑިއުލްއިން ވަގުތު ހޯދައިގެން ގަވައިދުން ޖިމްއަށް ގޮސް ކަސްރަތުކުރުން ވީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ކެއުމަށް ބަލައިގެން އުޅުމެވެ.

މި ކަމުގެ ތެރެއިން "ޑިޓޮކްސް ޖޫސިންގް" ފެށުނީ ވަރަށް ފަހުންނެވެ. މިހާރު މި ދެމަފިރިންގެ މަސައްކަތުން އެތައް ބަޔަކުވެސް ޑިޓޮކްސް ޖޫސިންގެ ރަހަ ބަލަން އެ ބޯން ފަށައިފިއެވެ.

ޖޫސްފުޅިއަކުން ބަދަލެއް!

ޖޫސިންގްއަކީ ރާއްޖޭގައި މިހާތަނަށް މާ އާންމު ކަމެއް ނޫނެވެ. ޖޫސިންގްގައި ބޭނުންކުރަނީ ހަމައެކަނި މޭވާއާއި ތަރުކާރީގެ ދިޔައެވެ--ފެނާއި ހަކުރާއި އެހެން އެއްވެސް އެއްޗެއް ނުލައެވެ.

ހަނާންއާއި ރިލްވާންއަކީ ސިއްހީ މާހިރުންނެއް ނޫނެވެ. ނަމަވެސް އެމީހުން ބުނި ގޮތުގައި އެމީހުންގެ ޖޫސް ރެސިޕީތައް އިހުތިޔާރުކޮށްފައި ވަނީ ވަރަށް ބޮޑަށް ދިރާސާކޮށް، އަޖުމަވެސް ބެލުމަށްފަހުއެވެ. ހަނާން ބުނި ގޮތުގައި ރެސިޕީތައް ހިޔާރުކުރުމުގައި ބޮޑަށް ބުރަވެފައިވާނީ ރަހައަށާއި ސިއްހީ ފައިދާއަށެވެ.

ސަބަބަކީ ދިވެހީންނަކީ މާ ގިނައިން މޭވާއާއި ތަރުކާރީ ބޭނުންކުރާ ބަޔަކަށް ނުވެފައި، މިފަދަ ކަމެއް ކުރެވޭނީ ކުރާހިތުން ކަމަށް ވާތީ، އަނގައަށް މީރު ރަހަ ޖޫހުގައި ހުރުން މުހިންމު ވާތީއެވެ.

ހަނާންއާއި ރިލޭއަށް އަމިއްލަ ތަޖުރިބާގެ ތެރެއިން، ޖޫސިންގްގެ ސަބަބުން ހަށިގަނޑުން ހެޔޮ ބަދަލުތަކެއް ފާހަގަވިއެވެ. ހަށިގަނޑަށް ލުއިކަން އިހުސާސްވުމާއި، ބަނޑަށް އުނދަގޫވެފައި ނުވަތަ "ބްލޯޓް"ވެފައި ހުންނަ ހުރުން ނެތި ދިއުމާއި، އަދި ހަންގަނޑު ސާފުވުން ހިމެނެއެވެ.

ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ރިވިއުތައްވެސް އިސާހިތަކު އޮހެން ފެށިއެވެ. ނިދި ރަނގަޅުވުމެވެ. ކޮފީ ފަދަ ތަކެއްޗާ ދުރުވުމެވެ. ރަނގަޅު ސިއްހީ ލައިފްސްޓައިލެއް ފެށުމުގެ މޯޓިވޭޝަނެވެ. މީގެ ފަހުން ރަނގަޅަށް ކެއުން ބައްޓަންކުރަން ކަނޑައަޅާ އަޒުމުތަކެވެ.

ހިކުމެއް ނޫން، ދުޅަހެޔޮވުން!

ގިނަ ބަޔަކު ދެކޭ ގޮތުގައި ޖޫސިންގްގެ ބޭނުމަކީ ހިކުމެވެ. ތިން ދުވަހުން ތިން ކިލޯ ހިއްކާލުމެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށް މިދެމަފިރިން ބުނެއެވެ.

މިއީ ހަށިގަނޑުގައި ހުންނަ ޓޮކްސިންސް ފަދަ މާއްދާތައް ހަށިގަނޑުން ބޭރުކޮށް، ހަށިގަނޑު ސާފުކޮށްލުމަށް ކުރާ ކަމެކެވެ. ރާއްޖޭގައި ހިންގާ ޖިމް، ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވާ ގޮތުގައި ޖޫސިންގް ނުވަތަ ޑިޓޮކްސިންއަކީ "ކެލޮރިކް ލިކުއިޑް ފާސްޓިން"އެވެ. މިއީ ދުޅަހެޔޮ ލައިފްސްޓައިލަކަށް ދިރިއުޅުން ބަދަލުކޮށްލުމަށް ފަށައިގަނެވިދާނެ ގޮތެކެވެ.

ޑިޓޮކްސް ޖޫސިންގްގައި ތިންވަނަ ދުވަަސް ފުރިހަމަވުމާއެކު ހަށިގަނޑަށް އެ ވާ ފަސޭހައާއި ލުއިތަކުން ދެން ކުރިން އުޅުނު ސިއްހަތާ ބީރަށްޓެހި އާދަތަކާ ދުރުވާން މަގުފަހިކޮށްދޭނެކަމަށް ހަނާންއާއި ރިލްވާން ބުނެއެވެ.

ހަނާންއާއި ރިލްވާންގެ ޖޯޑުގެ ދުޅަހެޔޮ ދިރިއުޅުމަށް ޑިޓޮކްސް ޖޫސް ވަރަށް ކާމިޔާބެވެ. އެކަމަކު މިއީ އަދި އެންމެންނަށް ފަރުވާ ލިބޭ ކަހަލަ ޖޫހަކަށް ނުވެދާނެއެވެ. މިދެމަފިރިންގެ އިރުޝާދަކީވެސް ޑިޓޮކްސް ޖޫސް އަޖުމަ ބެލުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުމެވެ.

comment ކޮމެންޓް