އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

ސެފްރަން ފަރުބަދަމައްޗަށް އަރާފައި ގަނޑުވަރުތެރެއަށް ވަނީ ޖެހިލުމެއްނެތިއެވެ. ރީތި އަޑަކުން "ޖިންނި" ސޫރަތް ކިޔަވާ އަޑު އިވުމުން ޝައުގުވެރިކަމާއެކު އަހަން ހުރެފައި ދޮރުފޮތިތައް ހިއްލާލާލާފައި ބަލައިލިއެވެ. ކިޔަވަން އިން ފިރިހެން ކުއްޖާ އެއިން ގޮތަށް އިނދެފައި ސުވާލެއްކޮށްލިއެވެ.

"ކާކުތަ؟ "

"ކޮބާތަ މަންމަ......."ސެފްރަންވެސް ކޮށްލީ ސުވާލެކެވެ.

މާކިއަން ޚަތިމް ރަންކުލައިގެ ކަވަަރަށް ލައްވާފައި ބޮސް ދިނުމަށްފަހު އެންމެ މަތީގައި ހުރި ޝެލްފަށް ލިގޮތުން މާކިއަންގެ ހިތުގައި ﷲގެ ކަލާމްފުޅަށް އޮތް އިހުތިރާމާއި ގަދަރު ހާމަކޮށްދިނެވެ. އޭނަ އެނބުރި ސެފްރަންއާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ޕްރިންސް ސެފްރަން.....އިށީންނަވާ. އަޅުގަނޑު މަންމައަށް އެބަ ދަންނަވަން............" މާކިއަން އަދަބުވެރިކަމާއެކު ބުނެލުމަށްފަހު ދެވަނަ ސިކުންތުކޮޅު ތެރޭ ލޯ މަތިން ޣައިބުވިއެވެ. ގޭތެރެއިން އެއްޗެހިތަކެއް ފައިބައިގަތް އަޑުފަށްގަނޑު އިވި އަންނަން އުޅޭ ތޫފާނެއްގެ ހިލަންވެ ސެފްރަންގެ ތުންފަތަށް ނުލަފާ ހިންޏެއް ވެރިވިއެވެ. ޒޭބްއަކީ އޭނަގެ މަންމަގެ ގޮތުގައި ބަލައިގަނެވެގެން ނެތް ނަމަވެސް ކުދިން ފެނުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މަންމަ އެކުދިންދެކެ ވާ ލޯބި ދެކެން ބޭނުންވިއެވެ. ނަފްރަތުން ފުރިފައިވާ ހިތެއްގައި ލޯތްބާއި ހަމްދަރުދީ ވެދާނެހެއްޔެވެ؟

ކުރިމަތިން ފައުޅުވި ޒޭބްގެ ލޯ އަނދަ އަނދާ ވަނީ ނަފްރަތުގެ ކަނިންނެވެ.

"ކަލޭގެ ތި ހިތްވަރު. އަހަރެންގެ ހިޔާވައްސަކަށް ކަލޭ ވަދެގެން ނުވާނެ. ސުންޕާކަން މިތަނަށް ފަތުރަން ތަ؟ " ޒޭބްގެ އަޑު ގަނޑުވަރުގެ ހޯލުގައި ގުގުމައިލިއެވެ.

"އަހަރެންގެ މަންމަ ކަމުގައި ދައުވާ ކޮށްފައި ސާބިތުކޮށް ދިނުމަށް އެދި މިއައީ. އަހަންނަށް ކިހިނެއް އެނގެނީ ތީ ތެދުކަން؟ " ސެފްރަން ދެލޯ މަރައިލީ ޒޭބްގެ ލޮލަށް ބަލަން އުދަގޫވެފައެވެ،

"ކަލެއަށް ކަމެއް ސާބިތުކޮށްދޭކަށް އަހަރެން ނުޖެހޭނެ. މަގޭ ބަނޑުން އުފަންވިކަމީވެސް ލިބުނު ފަޚުރެއްކަމަށް ދެކެގެން އަނގަ މައިތިރިކޮށްގެން ހުރޭ. މަށަކީ ކަލޭގެ މަންމައެއްގެ މަގާމު ދުވަހަކު ފުރައިދޭނެ ފަރާތެއްވެސް ނޫނޭ. ގަންދީޝާއަށް މަންމަ ކިޔައިގެން އޭނަގެ ފަރާތުން ލިބުނު ލޯތްބަށްޓަކާ ހެއްދެވި ފަރާތަށް ހަމްދުކުރިއްޔާ މާ ރަގަޅު. އަހަރެންގެ އާއިލާއިންވެސް ކަލޭ ބަލައިނުގަންނާނެ. ނަހަލާލު ދަރި............." ޒޭބްގެ ވިހަގަދަ ތޫނު ބަސްތަކުން މިފަހަރު ސެފްރަންއަށް އަސަރެއް ނުކުރިއެވެ. ސެފްރަން ވަށައިގެން ލޯ ހިންގައިލީ ވިސްނުމެއްގެ ތެރޭ ހުރެއެވެ. އޭނަ ވުޖޫދަށް އައީ ހަލާލު ގޮތުގައި ނޫންކަން އެނގުމުންވެސް އިތުރު އަސަރެއް ނުކުރިއެވެ. އޭނަގެ އާއިލާއަކީ ރަސްމަތިފުށު އާއިލާއެއް ނޫންކަން އެނގުމުން އަދި ވަކިން ބޮޑަށް ރަސްކަމުގެ ތަޚުތު ހޯދުމުގެ އަޒުމް ވަރުގަދަވިއެވެ.

އޭނަ ޖަލްޖާލޫތުގެ ރަސްކަން ހިފާނެއެވެ. އޭނަގެ މަންމަވެސް އާއިލާވެސް ޖެހޭނީ އޭނައަށް ތަބާވާށެވެ. ހުރިހާ އެންމެން އޭނަގެ އަމުރަށް ކިޔަމަންވެ އޭނަގެ ކުރިމަތީގައި ކުރުނީސްކުރަން ނުޖެއްސިއްޔާ އޭނަ އާކްޓިކް ކަނޑުގެ އެންމެ ފުނަށް ފައިބައި އަމިއްލަ ނަފުސް ހަލާކުކޮށްލާނީއެވެ.

ސެފްރަން ޖީބަށް ދެއަތް ޖަހައިލިއެވެ. ހިމޭންކަން ޚިޔާރުކުރިއެވެ.

"ލައުނަތް ހުރި. މާތް ﷲ ލައުނަތް ލައްވާށި...." ޒޭބް ގެ ނަފްރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. ސެފްރަންގެ މޫނުން ސިފަވަނީ އެ "ޝައިތާން"އެވެ. ޚާއްސަކޮށް އެ ލޮލުގެ ބައްޓަމާއި ތުންފަތެވެ.

"އާމީން......." ސެފްރަން މޫނުގައި ފިރުމައިލިއެވެ. އެ އަމަލުން އަދި ވަކިން ޒޭބް ރުޅިގަދަވިއެވެ.

"ހޫމް މަންމަކަން ޔަގީންކޮށްފިން. އިތުރަށް ސާބިތުކުރުވާކަށް ދެނެއް ނާންނާނަން. ނަފްރަތު ކުރިޔަސް މި ހަށިގަނޑުގައި ހިގާނީ ތި މަންމަގެ ލޭ. އެކަމެއް ބަދަލެއް ނުވާނެ. އަހަރެންގެ އަސްލު ނޭގި އެކަން ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އަންގާދިނީމަ އެންމެ ކުޑަވެގެން މިހާރު އަހަންނަށް އަހަރެންގެ ކޮއްކޮމެން ދުނިޔޭގައި އެބަތިބިކަން އެނގިއްޖެ. ރަސްކަލެއްގެ ކޮއްކޮމެންނަށް ވުމުގެ ޝަރަފު އެކުދިންނަށް ލިބިގެން ދާނެ......" ސެފްރަން ހީލިއެވެ.

"ކަލޭގެ ސަބަބުން ނޫނަސް...." ޒޭބް އެއްޗެކޭ ބުނަން އުޅެފައި ދުލުގައި ދަތް އެޅިއެވެ. އޭނަގެ ބައްޕައަކީ ޖިންނީންގެ ޝެހެންޝާހުއެވެ. ރަސްކަލުންގެވެސް ރަސްކަލެކެވެ. ޖަލްޖާލޫތުގެ ގަބީލާވެސް ހަގީގަތުގައި އޮތީ ޝެހެންޝާހުގެ ބާރުދަށުގައެވެ. ސެފްރަންއަށް އަދި ޝެހެންޝާހުގެ އާރާއި ބާރު އަންދާޒާކޮށްލަންވެސް ނޭގެނީއެވެ. ޚުދު ސެފްރަންގެ ކާފައަކީ ރަސްކަލެއްކަމާއި މިހާރުވެސް ސެފްރަންގެ ހަށިގަނޑުގައި ހިގަނީ ޝާހީ ލޭކަން އެނގިއްޖެއްޔާ ސެފްރަންގެ ބޮޑާކަން ހައްދުން ނެއްޓިގެންދާނެއެވެ.

"އަދި އެއް ވާހަކަ....ޝެހެޒާދާ ޒޭބް ބިންތި ޚުސްރޫ މާމައަކަށްވާން އުޅޭކަމުގެ އުފާވެރި ޚަބަރު މިދިނީ. އެކަމުގެ އުފަލުގައި ބާއްވާ ޖާފަތަށް ދައުވަތު އަރުވަން................................." ސެފްރަންގެ ޖުމްލައިން ޒޭބްގެ އެތެރެހަށި އަނދައިގަތެވެ.

އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއް ޒޭބްއަކަށް ނުލިބުނެވެ.

އަޒްކީލް ސަލާމް ގޮވައިލުމުން ޖަވާބު ދިނެވެ.

އިރުކޮޅަކުން އަޒްކީލް ފެނުނީ ކުރިމަތީގައި ހުއްޓައެވެ. ސެފްރަންގެ ގައިގާ ބައްދާލާފައި ސަލާމްކޮށްލުމުން ޒޭބް ކަޅިއަޅައިލިއެވެ. އަޒްކީލްގެ ކޮނޑުގައި ބޯ ޖައްސައިލި ސެފްރަންއަށް މަންމަގެ ލޮލުން ނަފްރަތު އޭގެ އެންމެ ވަރުގަދަކޮށް ފެނުނެވެ. އެލޮލުގައި އޭނައަށްޓަކާ ކުލުނުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ.

" ސެފް އަހަރެމެންގެ ގެއަށް ޒިޔާރަތްކުރުމުގެ މާތްކަން ލިބިއްޖެ. އަހަރެން ސެފް ގޮވައިގެން ދާން ޖެހޭ ތަނެއް އެބައޮތް. ކޮންއިރަކުން ވަގުތެއް ވާނީ؟ "

"މާދަން ކިހިނެއްވާނެ..."

އަޒްކީލް އެއްބަސްވިއެވެ.

"އަސްލު އަހަރެން މިއައީ ރޭގަނޑު ކެއުމަކަށް ދައުވަތުދޭން. އަހަންނަށް ދަރިއަކު ލިބެން އުޅޭތީ އެކަމުގެ އުފަލުގައި ގާތް މީހުންނާއި އެކުވެރިންނަށް ޖާފަތެއް ދޭން ނިންމީ.............." ސެފްރަން އޭނަ އައި ހަގީގީ މަގުސަދު ފޮރުވިއެވެ. ޒޭބްގެ ދަރިއެއްކަން އެނގުމަށްފަހު އަޒްކީލް ފެނުމުން އުދަގޫ އިހުސާސްތަކެއްވެސް ކުރެވެއެވެ. ފެށުނީއްސުރެން ދެކެމުން އައީ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އުމުރުގެ ފަރަގަަކަށް ބެލުމެއްނެތި އަޒްކީލް އާއި ކާރމަންއާއެކު އުޅެ ބޮޑުވީއިރު މިދޭތެރޭގައި އޮތް ގުޅުމަށް ހީނަރުކަން އަންނާނެފަދަ އިންގިލާބެއް އަންނާނެކަމަކަށް އޭނަވެސް ހީކޮށްފައެއް ނެތެވެ. އެއްކޮޅުން ޅިޔަނެވެ. އަނެއްކޮޅުން ދޮންބައްޕައެވެ.

"ދޮންބައްޕަ....." ސެފްރަންއަށް ހިތާހިތުން ކިޔައިލެވުނެވެ.

އަޒްކީލް ކިހިނެއްވީހެއްޔޭ އަހާލާފަދަ ގޮތަކަށް ބުމަ އަރުވައިލަމުން ކޮނޑުގައި ފުތްޓައްކެއް ޖެހިއެވެ. ސެފްރަން އެ ސުވާލަށް ސީދާ ޖަވާބެއް ނުދީ ވާހަކައިގެ ރާސްތާ ބަދަލުކޮށްލިއެވެ.


***

މިރިއަމް ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވެސް އާރްޔާއާއި އޭނަގެ އެކުވެރި ތިން ޖިންނި ކުދިން އޭނަގެ ގަނޑުވަރުން ބޭރުކޮށްލުމަށެވެ. މަންމަ އާރްޔާގެ އުމުރުން އަށާރަ އަހަރު ވާންދެން ކޮންމެހެންވެސް ގެންގުޅެން ބޭނުންވާތީ މަރައިލެވޭކަށްވެސް ނެތެވެ. ނަކްބާ ޚިޔާލެއް ދިނެވެ. ޒޭބްގެ ބޮލަށް ވަދެގެން އޭނަ ކޮންމެހެންވެސް އާރްޔާފަދަ ކަނީޒުންނަށް ބޭނުންވާކަމަށް ބުނެ އެކުދިން އެގެއިން ފައްސާލުމަށެވެ. މިރިއަމް އަށް އެ ޚިޔާލު ކަމުދިޔައެވެ. ޒޭބް އެގަނޑުވަރަށް ޒިޔާރަތްކުރުމާއެކު އެކަން ހަމަޖެހުނެވެ. ސެފްރަންއާއި ވަކިވާން ޖެހިދާނެތީ އާރްޔާ އިންތިހާއަށް ދެރަވިއެވެ. ބަހާރުގެ ހިތްފަސޭހަ މާހައުލާއި ވަކިވުމަށްވުރެ ދެރަވީ ސެފްރަން ނުފެނިދާނެތީއެވެ. އާކްޓިކްގެ ފިންޏާއި ޒޭބްގެ ފަރުބަދަމަތީގެ ފިނި ގަނޑުވަރުގައި ދިރިއުޅެންވެއްޖެއްޔާ އޭނަ ހަލާކުވެދާނެއެވެ. އެގަނޑުވަރުގައި ގައިދީއެއްފަދައިން ހުރުމަށްވުރެ މަރުވުންވެސް ހިތަށް ފަސޭހައެވެ.

އެންމެ ފަހު ވަގުތުވެސް ސެފްރަން ފެނުމަށް އެދި ދުޢާކުރެވުނެވެ. ބްލޫބެލް ޖަންގައްޔާއި ހަމަޔަށް ގޮސް ސެފްރަންއަށް ގޮވިއެވެ. ޖިންނިއަކަށް ވުމުން ދުރުގައި ހުއްޓަސް ކަންފަތަށް އިވިދާނެކަމަށް ހީކޮށްފައެވެ. ޒޭބްގެ އަސްގާޑިޔާތައް ނައްޓައިލަންވީ އިރުވެސް ސެފްރަންގެ ނިޝާނެއް ނުފެނުނެވެ. ގާޑިޔަލަށް އަރާފައި އާރްޔާގެ އަޅި ދެލޯ ކަރުނުން ފުރުނެވެ.

"ރެފިއުޖީންނެކޭ ވަކި ކޮން ތަފާތެއް. އެއް ތަނުގައި ހަރުލާކަމަކަށް ނުވޭ... ސެފްރަން ގެ ގަނޑުވަރުގައި އުޅެވޭނެނަމަ ކިހާ ރަގަޅު. ހޫމްމް ސެފް ރުޅި މަޑުވުމަށް އެދި ދުޢާކުރާނީ. އަދި ރުޅި މަޑުވާނެ އިންޝާﷲ. އައި ހޯޕް ވީ އާ ފްރެންޑްސް އެގެއިން.........................." އާރްޔާ މޮޅިވެރިކަމާއެކު ވިސްނައިލިއެވެ. "ވަރަށް މިސްވާނެ. މައި ޕްރިންސް..."


***

ޒޭބްގެ ގަނޑުވަރުގައި އުޅެމުންވެސް ދޭތެރެއަކުން އާރްޔާ އޭނަގެ އެކުވެރި ސޯރާއާއިއެކު ހިނގާލަންގޮސް އުޅެއެވެ. ސޯރާގެ ލޯބިވެރިޔާ ލޫމާ އެކުދިންނާއެކު ބައިވެރިޔެއްގެ ގޮތުގައި ހުރެއެވެ. އެހެން ޖިންނިންގެ ފަރާތުން ރައްކާތެރިކަން ހޯދައިދޭ ފަރާތެއްކަމުގައި ލޫމާ ވެއެވެ. ބައެއްފަހަރު އާކްޓިކް ކަނޑުގެ އައްސޭރިފަށަށް ގޮސް ސެފްރަންގެ ގަނޑުވަރު ކައިރީގައި ހުރެ އާރްޔާ އެކި ހަނދާންތައް ކޮށްފައި މޮޅިވެރިވެފައި ހުރެއެވެ. ސެފްރަންއާއި އެންމެފަހުގެ ބައްދަލުވުމަށްފަހު ސެފްރަން ދުވަހަކު އޭނައާއި ވާހަކަނުދައްކާނީ ބާވައޭ ހިތަށް އަރާފައި އާރްޔާގެ ހިތަށް ކުރާ އަސަރު ހުރިހާ ކަމަކަށްވުރެ ބޮޑެވެ.

***

ގަބީލާގެ ޚާއްސަ ދުވަހެއް ފާހަގަކުރުމަށް މައިދާނަށް އެއްވެފައި ތިބި މާރިދުންތައް ތިބީ އުނުގައިވާ ފޮތިކޮޅެއް ފިޔަވާ ބިޔަ ހަށިތައް ހާމަކޮށްލައިގެންނެވެ. އިސްކޮޅުން ދިގުކަމާއި ބިޔަކަން އަދި ޖާނުން ވަރުގަދަކަމުން އިންސާނުންގެ ތެރެއިން އެންމެ ވަރުގަދަ މީހާވެސް ސިއްސުވާލާފަދައެވެ. މައިދާންގެ މެދުގައި ރޯކޮށްލި ބޮޑު އަލިފާންގަނޑުގެ ހުޅުތައް ދޫތަކެއް ފަދައިން އެކި ދިމާލަށް ނެރެމުންދާއިރު އަޑުފަށްގަނޑު އެހާ ގަދައެވެ. ބެރު ޖަހަންފެށުމާއެކު ފާޑެއްގެ އަޑުތަކެއް ލައްވަމުން ނަށަންފެށިއެވެ. އަލިފާންގަނޑުގެ ވަށައިގެން ނަށަމުން ފޯރިގަދަކުރަމުންދާ ވަރަކަށް ހަޅޭކުގެ އަޑުވެސް ބިރުވެރިގޮތަކަށް ފަޒާގެ ތެރެއަށް އަރައިގެން ދެއެވެ. ފޯރިގަދަވީ ވަރަކަށް ނެށުމުގެ ހަރަކާތްތަކާއި ލައްވާ އަޑުތައް އަވަސްވިއެވެ. އަލިފާނުގެ ހުޅުތައް މާރިދުންގެ ގައިންވެސް އަލިފާނުގެ ހުޅުތައް ނުކުންނަން ފެށިއެވެ.

ސެފްރަންއާއި އޭނަގެ އެކުވެރިން އާދުއާއި ކާއިން ޖިންނި އަސްތަކުގައި ދަތުރުކުރަމުން އައީ އެ މައިދާން ކައިރިން ލާފައެވެ.

ބެންތިކް ޖިންނި ކުދިންތަކެއް އެ މަންޒަރު ބަލަން ތިބެފައި މާރިދެއްގެ ގަޔާއި ދިމާލަށް އަލިފާން ބޯޅައެއް އެއްލިއެވެ. މާރިދު ލޯ ވަށްކޮށްލާފައި އެކުއްޖާއަށް ނަޒަރު ހުއްޓާލިއެވެ. ދެވަނަ ސިކުންތުކޮޅު ތެރޭ އަތުކޮޅަށް އުފުލައިލިއެވެ. އަދި ބޯމަތިން އެތައް ފަހަރު އަނބުރައިލިގޮތަށް އަތުކޮޅަށް ވައިގެ ތެރެއަށް އެއްލައިލުމާއެކު ތިރިވެގެން އައީ އެ ބޮޑު އަލިފާންގަނޑާއި ދިމާލަށެވެ. ކާއިން ވައިގެ ތެރޭ އުދުހިފައިގޮސް އެކުޑަކުއްޖާ ސަލާމަތްކުރިގޮތަށް އޭނަގެ އަހަށް އެރުވިއެވެ.

ސެފްރަން ނުރުހުމާއެކު ލޯ ހަނިކޮށްލައިގެން ބަލަން ހުރެފައި އަހުގައި ގޮސް މާރިދުން ގަނޑު ފަޅާލާފައި އެތެރެއަށް ވަނެވެ. އެއާއެކު ބެރުތަކާއި ޖިންނީންގެ އަޑު ކެނޑި އެންމެން ހިމޭންކަމާއެކު ގުދުވެ ސަލާމްކޮށްލިއެވެ.

"ކަލޭމެންގެ އަމަލު ތިހެން ހުރެއްޖެއްޔާ މި ބިމުގައި އުޅެވޭނީ އަހަރެން ނޫނީ ކަލޭމެންނަށް........ދެ ފަރާތަކަށް އެކީ ނޫޅެވޭނެ. މި ކިޔާ އެއްޗެއް ދޭހަވެއްޖެތަ ގަމާރު ސިކުނޑިތަކާ....." ސެފްރަންގެ ވަރުގަދަ ބުމަ ކައިރިކޮށްލައިގެން ހުރިއިރު އަލިފާނުގެ ހުޅުތައް އެރީތި ރަތް ލޮލުގައި ނަށާލަ ނަށާލާވިއެވެ. މާރިދުންނަށްވެސް އެ ލޮލަށް ބަލާފައި ސިހުމެއް ލިބުނެވެ. މިއީ އެމީހުންގެ ރަސްގެފާނުގެ ދަނބި ދަރިކަލުންނެވެ. ޝެހްޒާދާ ސެފްރަންއެވެ. ގަދަރުކޮށް އިހުތިރާމް ކުރަން ޖެހޭ ފަރާތެކެވެ. ކޮއިލުތެރޭ ބަސްވިކޭ ޖިންނިއެކެވެ. ނަމަވެސް ސެފްރަން "ގަމާރު ސިކުނޑި"ތައް ކަމަށް ބުނެ މުޚާތަބު ކުރުމުން މާރިދުންގެ ވެރިޔާ ނުރުހުމާއެކު ޖަވާބުދާރީވިއެވެ.

"އަޅުގަނޑުމެންނަށް ގަމާރުންނޭ ކިޔާފައި ގޮވުމަކީ ޝެހެޒާދާއެއްކަމަކު ކޮށްގެންވާނެ ކަމެއް ނޫން. ތިބޭފުޅާގެ ބައްޕާފުޅަށް އަޅުގަނޑުމެން ގަދަރުކުރަން. އެބޭފުޅާގެ ސަބަބުން އަޅުގަނޑުމެންނަށް މި ރަށުގައި މިނިވަންކަމާއެކު އެންމެން ގުޅިގެން ދިރި މިއުޅެވެނީ. އެކަމަކު ތިބޭފުޅާ އަޅުގަނޑުމެންނަށް އެކިގޮތްގޮތަށް އެބަ އުދަގޫކުރައްވާ....."

"ގަމާރުންނޭ ބުނީ ކުޑަކުއްޖަކު ކުރިކަމެއް ބޮޑުކޮށްލައިގެން އެވަރުގެ ސަޒާއެއް ދޭން އުޅުނީތީ. ބުނަން. ކަލޭމެން އަޅުކަން ކުރަން ދީފައި ހުރިތަނުގައި ތި ބޭކާރު ލަވަ ކިޔަކިޔާފައި އަޅުކަން ކުރަންދޭ. ހަނދާންކުރާތި. އަހަރެމެންގެ އެއްވެސް މީހެއްގެ ބޮލުގެ އިސްތަށްޓަކަށް ގެއްލުމެއް ވިޔަސް އެންމެން އަޅިއަށް ހަދާލާނަން...." ސެފްރަން ގެ ކަމަރުގައި އަޅުވާފައިވާ ޒެންޖީރު ކަނޑި ފެނުމުންވެސް މާރިދުން ޖެހިލުންވިއެވެ. އެ ހަރުކަށި އިންޒާރުން މާރިދުން އިސްޖެހިފައި ތިއްބާ ސެފްރަން އަސް ދުއްވާލާފައިގޮސް ލޯމަތިން ގެއްލުނެވެ. އެ އިންޒާރު މާނައެއް ނެތް ހުސް އެއްޗަކަށް ހަދާފައި އަޅާނުލާ ދޫކޮށްލެވޭކަށްވެސް ނެތެވެ. ޖަލްޖާލޫތު މި ޒުވާން ކުއްޖާއާއި ރަސްކަން ހަވާލުކުރަން ކުރުމަށްފަހު ދެންވާނެ ގޮތެއް އެނގެނީއެއް ނޫނެވެ. މާޔޫސްވެ ހިތްވަރު އެލިފައި އިރުކޮޅެއް ވާންދެން ތިއްބާ ވެރިޔާގެ އިޝާރާތަށް ބެރުވެރިން ބެރުތައް ހިފައިގެން ފައްޅި ހުރި ދިމާލަށް ދަތުރުފެށިއެވެ.


***

އަޒްކީލް ސެފްރަން ގޮވައިގެން ގޮސް އާކްޓިކް ކަނޑުގެ އައްސޭރި ފަށުގައިވާ ގަނޑުވަރުގެ ކޮޓަރިއަކަށް ވަނެވެ.

"ސެފްރަން އަހަރެންގެ މި ޗެލެންޖް ގަބޫލުކުރަން ވާނެ އިނގޭ. ރަސްކަމަށް ކުފޫ ހަމަވަންޏާ މިވަރުގެ ހިތްވަރެއްކޮށްލަން ކެރޭނެ...." އަޒްކީލް ދެން ބުނެލި ޖުމްލައިން ސެފްރަންއަށް ދެ ފިޔަވަޅު ފަހަތަށް ޖެހެވުނެވެ.

(ނުނިމޭ...)

https://sun.mv/126858

comment ކޮމެންޓް