ބަޣުދާދީގެ އަންހެނުންވެސް ތުރުކީއިން އަތުލައިގެންފި

ތުރުކީން ވަނީ އައިއެސްގެ ކުރީގެ ލީޑަރު ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފައިވާ ކަަމަށް ބުނެފަ -- ފޮޓޯ: އޭޕީ

އަންކާރާ (ނޮވެމްބަރު 7): މިދިޔަ މަހު ސީރިއާގައި މަރުވި އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ ދައްތަގެ އިތުރުން އޭނާގެ އަންހެނުންވެސް ހައްޔަރުކޮށްފި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ދެއްވި ތަގުރީރެއްގައި އުރުދުޣާން ވިދާޅުވި ގޮތުގައި އެމެރިކާއިން ވަނީ "ބަޣުދާދީ ބިންގަރާހެއް ތެރޭ އަމިއްލައަށް މަރުވެފައިވާ" ކަމަށް ބުނެ އެކަމާ ގުޅިގެން ބޮޑު މީޑިއާ ކެމްޕޭނެއްވެސް ފަށާފަ އެވެ. ނަމަވެސް ތުރުކީން މިހާރު ވަނީ ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފަ އެވެ. އަދި އެމެރިކާއިން އަމަލު ކުރި ގޮތަށް، އެއީ މާ ބޮޑު ކަމަކަށް ހަދައިގެން ތުރުކީން ނޫޅެ އެވެ.

މިދިޔަ މަހުގެ 26ގައި މަރުވި ބަޣުދާދީގެ ހަތަރު އަނބިން ހުރި ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް ތުރުކީން ހައްޔަރު ކުރި އަނބިމީހާއާ ބެހޭ ގޮތުން އުރުދުޣާން އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

މީގެ ކުރިން އެގައުމުން ވަނީ ބަޣުދާދީގެ 65 އަހަރުގެ ދައްތަ ރަސްމިޔާ އަވަދާއި އޭނާގެ ފިރިމީހާ އާއި ޅީދަރިފުޅުވެސް ހައްޔަރުކޮށްފައިވާކަން ހާމަކޮށްފަ އެވެ. އަދި އަވަދުގެ ފަރާތުން އައިއެސްއާ ގުޅުން ހުރި މުހިއްމު މައުލޫމާތު ލިބޭނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ބަޣުދާދީ މަރުވީ ސީރިއާގެ ބަރީޝާގައި އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގަ އެވެ. އަދި އޭނާ މަރުވީ ގޮވާތަކެތި ހައްޔަރުކޮށްފައިވާ ކަމަރެއް އަމިއްލައަށް ގޮއްވާލައިގެންނެވެ. އެހާދިސާގައި އޭނާގެ ތިން ކުދިންވެސް މަރުވި އެވެ.

އޭގެ ފަހުން އައިއެސްއިން ވަނީ އެޖަމާއަތުގެ ލީޑަރު ކަމަށް އަބޫ އިބްރާހީމް އަލް ހަޝީމީ އަލް ގުރައިޝީ ކިޔާ މީހަކު އައްޔަންކޮށްފަ އެވެ. ނަމަވެސް އެ އާ ލީޑަރާ ބެހޭ އިތުރު ތަފްސީލެއް އައިއެސްއިން ހާމަ ނުކުރެ އެވެ.

comment ކޮމެންޓް