ޖޭއެސްސީގެ ފިޔަވަޅުން ނުފޫޒުގެ ތުހުމަތު! ދެން ވާނީ ކިހިނެއް؟

(ކ-ވ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް، ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޖުޑިޝަރީއަށް ސިޔާސީ މީހުން އަތް ބާނާ ވާހަކަ އަކީ ދިވެހި ދައުލަތުގެ ތިން ބާރު ވަކި ކުރި ފަހުން ދައްކާ ނުނިމޭ ވާހައެކެވެ. އެއީ ސިޔާސީ މީހުންނަށް ކޯޓުތަކުގައި ދައުވާ ކުރާ އިރު ހާއްސަކޮށް އަޑުގަދަކޮށް ދެކެވޭ ވާހަކައެކެެވެ. މިއަދު އެ ވާހަކަ ދެކެވެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅުވައިގެންނެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ހުކުމް އިއްވުމާ ހަމައަށް ގޮސްފައި ވަނިކޮށް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އިސް ގާޒީ ހައިލަމް އަކީ ސިޔާސީ ނުފޫޒުގައި ޖެހިގެން ހުކުމް ކުރައްވާ ބޭފުޅެއް ކަމަށް މިހާރު ސަރުކާރުގައި ތިބި ކުރީގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ. ހައިލަމް މަގާމުން ވަކި ކުރެވޭނެ ވަރުގެ ބޮޑު ސުލޫކީ "މައްސަލައެއް ނެތިފައި" ހުއްޓާ، މިއަދު އޭނާ ސަސްޕެންޑު ކުރީ ނަސްރުގެ ދުވަހު އޭނާ ވައިބާ ގްރޫޕެއްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ހައިލަމް ޕޯސްޓު ކުރި ފޮޓޯގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗޭނު އަޅުވާފައި ހުރި ކާޓޫނެއް ކުރަހައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފޮޓޯ ޕޯސްޓު ކުރި އިރު ރައީސް އާއި މަޖިލީހުގެ ރައީސް ފޮޓޯގައި ހުރި ކަމެއް އޭނާއަކަށް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި ހައިލަމް ވަނީ ނަސްރުގެ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ޕޯސްޓު ވައިބާ ގްރޫޕުން ޑިލީޓު ކުރައްވައިފަ އެވެ. އަދި އެއަށް ފަހު އޭނާ ގްރޫޕުން ވަކިވެވަޑައިގަތެވެ. ސްކްރީންޝޮޓުތައް ދައުރުވެ، މައްސަލަ ހޫނުވީ އޭގެ އަނެއް ދުވަހު އެވެ. އިއްޔެއާ މިއަދުގެ އެންމެ ހޫނު މައުޟޫއަކީ އެއީ އެވެ.

ފޮޓޯގެ މައްސަލައާ ގުޅިގެން ހައިލަމް ޖޭއެސްސީއަށް ހާޒިރުވާން އެންގީ މިއަދު ހެނދުނު 8:00 އަށެވެ. އޭރު ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރުން އޮތީ މިއަދު މެންދުރު 1:00 އަށް ތާވަލުކޮށްފަ އެވެ. އެއީ ހައިލަމް ވަކި ގޮތަކަށް ހުކުމްކޮށްފާނެ ކަމަށް ހީކޮށް، ހުކުމަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. ހުކުމުގެ ކުރިން އޭނާ ޖޭއެސްސީއަށް ހާޒިރު ކުރުމަކީ ގޯހެއް ކަމަށް އިދިކޮޅުން ބުނަމުން ދަނިކޮށް، ޖޭއެސްސީއިން ވަނީ އެ ބައްދަލުވުމުގައި ހައިލަމް ސަސްޕެންޑުކޮށްފަ އެވެ.

އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި އަމާޒުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށެވެ. މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައި، ޖޭއެސްސީ މެދުވެރިކޮށް، ގާޒީންގެ މައްސަލަތައް ބަލައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅުން ނަޝީދުގެ މައްޗަށް ކުރެ އެވެ. އިދިކޮޅުން ބުނާ ގޮތުގައި އެއީ ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީވެސް އެހެންނެވެ. ހެނދުނު ހެނދުނާ ނަޝީދު މަޖިލީހަށް ވަޑައިގެންފައި ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނުގެ އިރެއް ނާރާ، މި މަޖިލީހުގެ ރައީސް މި ދަނީ ރައީސުލްޖުމްހުރިއްޔާގެ އޯޑަރަށް ޖޭއެސްސީ ބާއްވަން. ޖޭއެސްސީގެ ދޮރު ނުހުޅުވޭ، މި އިއްޒަތްތެރި މަޖިލީހުގެ ރައީސް މި ހުންނަވަނީ ޖޭއެސްސީ ހިންގަވަން އެތަނުގައި،" ޝިޔާމް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވެސް އެ މޭރުމުން ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު ހެނދުނު ހެނދުނާ ޖޭއެސްސީއަށް ވަޑައިގެން އުޅުއްވަނީ، ކާޓޫނެއް ކުރަހައިގެން ކަމަށް ބުނެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ

"މި މަޖިލީހުގެ ރައީސްވީ މި މަޖިލީސް ދޫކުރައްވައި ޖޭއެސްސީގައި، ކަމަނާއާާ މަޖިލީސް ހަވާލު ކުރައްވާފައި. ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި، ވަރަށް އަވަދި ނެތި ފަތިސްނަމާދުން ފެށިގެން އެ އުޅުއްވަނީ،" ސައީދު ވިދާޅުވި އެވެ.

އެކަމަށް ބާރުދީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުވެސް ވާހަކަފުޅު ދެއްކެވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ފޮޓޯ/ މަޖިލިސް

"ފަނޑިޔާރެއްގެ ހުކުމް ޝެޑިއުލްކޮށްފައި މިއަދު އެކެއް ޖަހާ އިރު އޮއްވާ މިއަދު ހެނދުނު ނުވަ ގަޑި ބައިގައި ޖޭއެސްސީއަށް ވަޑައިގެން އިއްޒަތްތެރި ރައީސް ތި އަންނަނީ އެ ފަނޑިޔާރުގެ ކަންފަތުގައި ހިފައި ކޯޓު ރޫމުން ނެރެފައި. މިއީތޯ ޑިމޮކްރެސީ އޮންނަ ގޮތަކީ. މިއީތޯ ތިން ބާރު ވަކިވެފައި އޮންނަ ގޮތަކީ،" ތޯރިގު ވިދާޅުވި އެވެ.

ހައިލަމްއަށް ރިޝްވަތުގެ ތުހުމަތު

ސުވާލު އުފެދޭ ފަދަ ހާލަތެއްގައި ހައިލަމް ސަސްޕެންޑު ކުރިއަސް އެމްޑީޕީގެ މެމްބަރުން އެކަން ދިފާއު ކުރައްވަ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، 19 މެއި 2019ގައި އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަކަށް 200،000 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުސް އޮފީހުން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބިވަޑައިގެންނެވީ ކިހިނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އޭޕްރީލް 30، 2018: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެންބަރު ވަހީދު ވިދާޅުވީ، ރައީސް ޔާމީނަށްވެސް ހުކުމް ކުރަން ޖެހޭނީ އިންސާފުން ކަމަށެވެ. ހައިލަމް ހުރެގެން އިންސާފުން ހުކުމް ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އިދިކޮޅު މެމްބަރުން ހައިލަމްގެ ދިފާއުގައި ވާހަކަދައްކަވާ ކަމަށް ވިދާޅުވެ އެކަމާ އޭނާ ސުވާލު އުފެއްދެވި އެވެ.

"ރައީސް ޔާމީންގެ ޝަރީއަތް ހިނގާތީ ރައީސް ޔާމީންގެ ވާހަކަ ނުދައްކާ. އެކަމަކު، ފަނޑިޔާރުގެ ވާހަކަ މާ ވަރަކަށް މި ދައްކަވަނީ ހަ ރީތިކޮށް އަޅުގަނޑު ހިތައް އަރާ ހުކުމުގައި އޮތް އެއްޗެއް އެނގެނީބާއޭ،" ވަހީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލައަށް ދެން ވާނީ ކިހިނެއް؟

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުންތައް ނިމޭތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެއެވެ. ފަސްދޮޅަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހައިލަމް ސަސްޕެންޑުކޮށްފައި ވުމުން ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމަށް ދެން ވާނޭ ގޮތެއް މި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ.

ގާޒީ ހައިލަމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކޮށްފި ނަމަ އެހެން ގާޒީ އަކާ މައްސަލަ ހަވާލު ކުރެވޭނެ އެވެ. އެ ގާޒީއަކަށް މައްސަލަ އަލުން ފަށައިގެން ބެލުމުގެ އިހްތިޔާރުވެސް ލިބިގެންވެ އެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ހުކުމާ ގާތްވެފައި ވަނިކޮށް، ކުއްލިއަކަށް އޭނާ ސަސްޕެންޑު ކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. މިހާރު ސަރުކާރުގައި ބޭފުޅުން ކުރިން އިދިކޮޅުގައި ތިއްބެވި ބޭފުޅުން އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެ އެވެ؛ އިންސާފު ލިބޭކަން ރައްޔިތުންނަށް އިހުސާސްވާން ވާނެ އެވެ. އެކަމަކު، ފަނޑިޔާރަކު އޭނާ ބެއްލެވި މައްސަލައެއްގެ ހުކުމް އިއްވަން މަދު ވަގުތުކޮޅެއް އޮއްވައި، ސިޔާސީ ބަޔަކު ތިއްބަވައިގެން އޭނާގެ މައްޗަށް އަވަސް އަރުވާލައިގެން ފިޔަވަޅެއް އެޅުމުން އެއީ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނުމުގެ ޖާގަ ވަރަށް ވެސް ބޮޑެވެ. އަދި މިއަދު ޖޭއެސްސީއިން ތަކުރާރު ކުރި އުސޫލު ތަކުރާރު ކުރާ ނަމަ، ޝަރުއީ ދާއިރާ މިނިވަންވެ، ނުފޫޒުން ސަލާމަތްވީ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

comment ކޮމެންޓް