ސައުދީން އަރަމްކޯގެ ހިއްސާ ވިއްކަން ތައްޔާރުވެއްޖެ

ސައުދީގެ އަރަމްކޯއިން ވަނީ ހިއްސާ ވިއްކަން ތައްޔާރުވެފައި -- ފޮޓޯ: ގެޓީ

ރިޔާޒު (ނޮވެމްބަރު 3): ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރަމްކޯގެ ހިއްސާ ވިއްކަން އެގައުމުގެ މާކެޓު ރެގިއުލޭޓަރު ކަމަށްވާ ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްއޭ)އިން ހުއްދަ ދީފި އެވެ.

ސީއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އިދާރާއިން ވަނީ އަރަމްކޯގެ ބައެއް ހިއްސާ ރެޖިސްޓާ ކުރުމަށާއި ވިއްކުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެކަމަށް ހުއްދަ ދީފަ އެވެ. ނަމަވެސް އަރަމްކޯއިން ހިއްސާ ވިއްކަން ފަށާނީ ކޮން އިރަކު ކަމެއް އަދި ވިއްކާނީ ކިހާ ވަރެއްގެ ހިއްސާއެއް ކަމަށް ސީއެމްއޭއިން ހާމަ ނުކުރެ އެވެ.

ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އަރަމްކޯއިން ސައުދީގައި އެކެއް ނުވަތަ ދެ ޕަސެންޓު ހިއްސާ ވިއްކާނެ ކަމަށް ބެލެވެ އެވެ. އަދި އޭގެއިން 20 ބިލިއަން ޑޮލަރާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ ފައިސާ ކުންފުންޏަށް ލިބޭނެ ކަމަށާއި ފުރަތަމަ ހިއްސާ ވިއްކާނީ އަންނަ މަހު ކަމަށް ރޮއިޓާސްއިން ލަފާ ކުރެ އެވެ.

އަރަމްކޯއިން ވަނީ އެކުންފުނިން ފުރަތަމަ ހިއްސާ ވިއްކާނީ ސައުދީގައި ކަމަށާއި، ބޭރު ގައުމުތަކަށް ހިއްސާ ވިއްކުމުގެ ވިސްނުން މިހާރު އޮތީ މަޑު ޖައްސާލާފައި ކަން ހާމަކޮށްފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރުގެ މަހުގެ 14ގައި އެގައުމުގެ ތެޔޮ ކާރުހާނާތަކަށް ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން އެކުންފުނީގެ ވިޔަފާރި އާއި ހިންގުމަށާއި މާލީ ހާލަތަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ.

ޔަމަނުގެ ހޫޘީން ޒިންމާ ނަގާފައިވާ އެހަމަލާތަކުގެ ސަބަބުން އޭރު ކޮންމެ ދުވަހަކު 9.8 މިލިއަން ފީފާގެ ތެޔޮ އުފައްދަމުން ދިޔަ އަރަމްކޯގެ 5.4 މިލިއަން ފީފާގެ ތެޔޮ އުފެއްދުމަށް ހުރަސް އެޅުނެވެ. އެއީ މުޅި ދުނިޔެއިން ދުވާލަކު އުފައްދާ ތެލުގެ ފަސް ޕަސެންޓެވެ.

އެހަމަލާތަކަށް ފަހު އަރަމްކޯއިން ވަނީ އެކުންފުނިން ތެޔޮ އުފައްދާ މިންވަރު ހަފްތާއެއް ތެރޭ ހަމަޔަކަށް އަޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެހަމަލާތަކާ ގުޅިގެން އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމެއް އަރަމްކޯއިން ނުބުނެ އެވެ.

އެއް ޓްރިލިއަން ޑޮލަރަށް ވުރެ އަގު ހުރި އަރަމްކޯގެ ހިއްސާ ވިއްކަން ސައުދީން ނިންމީ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2030އަށް ކަނޑައަޅުއްވާފައިވާ ތަސައްވަރުގެ ދަށުންނެވެ. އެތަސައްވަރުގައި ވަނީ ސައުދީން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ގައުމަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް