ކުރު ވާހަކަ މުބާރާތުން ލިބުނު ވަނަ

ނަވާރަ ސަތޭކަ އަށްޑިހަ ދެ ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ކުރު ވާހަކަ ލިޔުމުގެ މުބާރާތެއް ބޭއްވުނެވެ. ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލިހުގެ އަދަބީ ކޮމިޓީން އިންތިޒާމު ކުރައްވައިގެން، އެ މަޖިލިހަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި މުބާރާތެކެވެ. ޖޫން 1، 1982ގައި މުބާރާތުގެ ނަތީޖާ ފައުޅު ކުރުމާއި އިނާމު ދިނުން އޮތެވެ. އަދި ހަމަ އެ އަހަރުގެ ތެރޭގައި، މަޖިލިހުން ނެރުއްވަމުން ގެންދެވި "މަލަސް" ސިލްސިލާގެ ހަ ވަނަ އަދަދުގައި، މުބާރާތުން އެއްވަނަ، ދެވަނަ، ތިންވަނަޔަށް ދިޔަ ތިން ވާހަކަ ޝާއިއު ކުރެވުނެވެ. އެ ތިން ވާހަކަޔަކީ ޗިޅިޔާ މޫސާ މަނިކު ލިޔުއްވި "ލޮލުގެ ނޫރު" އާއި، އިބްރާހީމް ޙުސައިން މަނިކު ލިޔުއްވި "މާވަހަރު" އާއި، މަޑުލު މުޙައްމަދު ވަޙީދު ލިޔުއްވި "އުތުރުން ދެކުނަށް" މިއެވެ. އެއްވަނަޔަކީ "ލޮލުގެ ނޫރު" އެވެ. ދެވަނަޔަކީ "މާވަހަރު" އެވެ. ތިންވަނަޔަކީ "އުތުރުން ދެކުނަށް" އެވެ.

މި ވާހަކަތައް އެންމެ ފުރަތަމަ އަޅުގަނޑު ކީ މަދަރުސާގައި އުޅުނު ދުވަސްވަރުއެވެ. ދިވެހި މުދައްރިސްގެ އިރުޝާދުގެ ދަށުން "ދިވެހި" މާއްދާގެ މަސައްކަތެއްގެ ގޮތުގައެވެ. ވާހަކައިގެ ހާދިސާތަކުގެ ގޮތުންނާއި، ލޯތްބާއި ހަމްދަރުދީ އާއި އިންސާނީ އޯގާވެރިކަން ފަދަ ޖަޒުބާތުތައް ގެނެސްދެވިފައި ހުރި ގޮތުން، އެއިރު އަޅުގަނޑަށް ވެސް އެންމެ ރީތި ވީ "ލޮލުގެ ނޫރު" އެވެ. މުބާރާތުން އެއްވަނަޔަށް ދިޔަ ވާހަކައެވެ. އެހެންކަމުން އެއިރު އަޅުގަނޑަށް ވިސްނުނީ މުބާރާތުގައި އިންސާފު ކުރެވިފައި އޮތީ ވަރަށް ރަނގަޅަށް ކަމުގައެވެ. އަދި ކުރު ވާހަކަޔާ މެދުގައި އަޅުގަނޑުގެ ވިސްނުން ބިނާ ވެގެން އައީ ވެސް "މުބާރާތުން އެއްވަނަޔަށް ހޮވުނު" ވާހަކަ ކަމުގައިވާ "ލޮލުގެ ނޫރު"ގެ މައްޗަށެވެ. ވާހަކަޔަކީ އެތައް ޝަޚްސެއް ހިމެނޭ، އެތައް ހާދިސާއެއް އެކުލެވޭ ވާހަކައެކެވެ. ތަފްސީލީ ގޮތެއްގައި ފަށްފަށް ވަމުން، ދިގު ދެމެމުން، ގޯޅި އަޅަމުން ދެމިގެން ގޮސްފައި ވާ "ޕްލޮޓް ލައިނެއް" ޚުލާސާ ކޮށްލެވިފައި އޮތް ވާހަކައެކެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ، ހަތަރު ފަސް ސަފުހާޔަށް ޚުލާސާ ކޮށްލެވިފައި އޮތް ދިގު ވާހަކައެކެވެ. ޚުލާސާ ކޮށްލެވިފައި އޮތް ނާވިލެކެވެ. އެހެންކަމުން، އެ ވާހަކަ ކިޔައި އޭގެ މައްޗަށް ވިސްނައިހެދުމަށް ފަހު، އަޅުގަނޑު ވެސް އެތައް ޒަމާނެއް ވާންދެން ގަބޫލު ކޮށްގެން ހުރީ ކުރު ވާހަކަޔަކީ ދިގު ވާހަކައެއްގެ ޚުލާސާ ކަމުގައެވެ.

އެ ވިސްނުމުގައި ހުރެ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވި ދުވަސްވަރު އަޅުގަނޑު ސްކޫލުގެ ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވެ، ކުރު ވާހަކައެއްގެ ގޮތުގައި ދިގު ވާހަކައެއްގެ ޚުލާސާ ލިޔުނީމެވެ. ނަސީބަކުން އެ ވާހަކަޔަށް މުބާރާތުން އެއްވަނަ ވެސް ލިބުނެވެ.

ނަމަވެސް މީގެ އަހަރުތަކެއް ކުރީން، ދިވެހިރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔަކު ކުރު ވާހަކަޔާ މެދުގައި ދެއްކެވި ވާހަކަތައް އިވުމުން އަޅުގަނޑަށް އެނގުނީ ކުރު ވާހަކަޔާ މެދުގައި އަޅުގަނޑަށް މަދަރުސާއިން ބުނެދީފައި އޮތީ ފަންނީ ގޮތުން ގޯސް ވާހަކަތަކެއްކަމެވެ. ނަމޫނާ ކުރު ވާހަކައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދައްކައިދީފައި އޮތީ ކުރު ވާހަކައެއް ނޫންކަމެވެ. މި ހިސާބުން އަޅުގަނޑު ފެށީ ކުރު ވާހަކަޔަކީ ކޯއްޗެއްކަން އިތުރަށް އޮޅުން ފިލުވުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ނަތީޖާއާ އެކު އަޅުގަނޑަށް އެނގުނު ކަމަކީ އެއްކަލަ މުބާރާތުން އެއްވަނަޔަށް ދިޔަ "ލޮލުގެ ނޫރު" އަކީ، ކުރު ވާހަކަޔާ ބެހޭ ގޮތުން އަދީބުންނާއި އިލްމުވެރީން ޒަމާނުއްސުރެ ގެންގުޅޭ އާއްމު ހަމަތަކާއި މިންގަނޑުތަކުން ބަލާ އިރު ކުރު ވާހަކަޔަކަށް ޝަރުތު ހަމަ ނުވާ ވާހަކައެއް ކަމެވެ. ސަބަބަކީ ކުރީން ވެސް ދެންނެވި ފަދައިން، އެއީ ނާވިލެއްގެ ޚުލާސާ ކަމުގައި ވުމެވެ. ކުރު ވާހަކައިގެ އަސާސީ ސިފަތައް ނެތް ވާހަކަޔަކަށް ވުމެވެ. ވާހަކައިގެ ޚިޔާލު ކިތަންމެހައި ވެސް މޮޅެވެ. ވާހަކަ ކިތަންމެހައި ވެސް އަސަރު ގަދައެވެ. ރީއްޗެވެ. ލިޔުންތެރިކަމުގެ ފެންވަރު ވެސް ރަނގަޅެވެ. ވާހަކަ ކިޔައިލީމާ "ހިތް ފުރިގެން" ވެސް ދެއެވެ. ލިޔުންތެރިޔާ އެ ވާހަކަ ތަފްސީލު ކޮށްލައްވައި، ފުރިހަމަ ނާވިލެއްގެ ސިފައިގައި ލިޔުއްވައިފި ނަމަ، ދިވެހި ބަހުން ލިޔެވުނު އެންމެ ރީތި އެއް ވާހަކަޔަށް ވެސް ވެދާނެކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް އެއީ ކުރު ވާހަކައެއް ނޫނެވެ.

ދެން މުބާރާތުން ދެވަނަޔަށް ދިޔަ "މާވަހަރު" އަށް ބަލައިލަމާތޯއެވެ؟

އިބްރާހީމް ޙުސައިން މަނިކު ލިޔުއްވި "މާވަހަރު" ދެވަނަ ފަހަރަށް ކިޔައިލުމުން އެ ވާހަކައިގެ ފުރިހަމަކަމާއި، މޮޅުކަން ފެނި ހައިރާން ވާން ޖެހުނެވެ. ހުރިހައި ގޮތަކުން ވެސް މޮޅީއެވެ. ލިޔުންތެރިކަމުގެ ފެންވަރަށް ބެލިޔަސް، ޚިޔާލަށް ބެލިޔަސް، އެ ޚިޔާލު ކުރު ވާހަކައިގެ ފަންނީ އިންތަކުގެ ތެރޭގައި ހުށައަޅުއްވައިފައި ވާ ގޮތަށް ބެލިޔަސް، ބަސްމަގަށް ބެލިޔަސް، ތިން ވާހަކައިގެ ތެރެއިން ވަރަށް ފުރިހަމަ އެއްވަނައެއް ލިބޭން ޖެހެނީ "މާވަހަރު" އަށް ކަމަށް މެނުވީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. މި ހުރިހައި ކަމެއްގެ އިތުރުން، "މާވަހަރު" އަކީ ހަގީގީ ކުރު ވާހަކައެކެވެ. އަޅުގަނޑު ދަންނަވާނީ ކުރު ވާހަކަ ލިޔުމުގެ ފަންނުގައި ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މުބާރާތަކަށް ހުށައަޅާން ވެސް އެ ވާހަކަ ހަމަ އެންމެ ރަނގަޅު ކަމުގައެވެ. ފެންވަރުގެ ގޮތުން، މުބާރާތުގެ އެއްވަނަޔާއި ތިންވަނަ ލިބުނު ދެ ވާހަކަޔާ "މާވަހަރު" އާ ހުރި ތަފާތު ވެސް ވަރަށް ބޮޑެވެ.

އެހެން ވީއިރު، ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލިހުގެ ފަރާތުން މުބާރާތުގައި އިންސާފު ކުރެއްވި ފަނޑިޔާރުން "މާވަހަރު" އަށް އެއްވަނަ ނުދެއްވީ ކީއްވެގެން ބާވައެވެ! ސަބަބެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އާއްމުކޮށް ކަންކަން ހިނގާ ގޮތަށް ބަލައިލުމުން، މުމްކިން ބައެއް ސަބަބުތަކަށް ވިސްނުން ހިންގެއެވެ. އެއް ގޮތަކީ އިންސާފު ކުރެއްވި ބެއިފުޅުންނަށް ވެސް ކުރު ވާހަކަޔަކީ ކޯއްޗެއްކަން ފަންނީ ފެންވަރުގައި މާ ރަނގަޅަށް އެނގިވަޑައިނުގަންނަވާ ހާލު، "ހިތަށް ރީތި" ވާހަކަޔަށް އެއްވަނަ ދެއްވީ ކަމުގައި ވުމެވެ. ދެވަނަ ގޮތަކީ ވަކި ބެއިފުޅަކަށް އެއްވަނަ ނުދެއްވުމުގެ ސިޔާސަތެއް އޮތުމެވެ.

ބައެއް ބެއިފުޅުންގެ ނަޒަރުގައި، މީގެ 40 އަހަރު ކުރީން ހިނގައިފައި އޮތް ކަމެއްގެ ވާހަކަ، މާޒީ ކޮނެގެން ނަގައިގެން ދެއްކުމަކީ ރަނގަޅު ކަމެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ވިސްނައިލަމާ ހިންގަވާށެވެ! މުޖުތަމައެއްގައި ކޮންމެ ދާއިރާއެއް، ކޮންމެ ފަންނެއް، ކޮންމެ ކަމެއް ވެސް ކުރިޔަށް ދަނީ އެތައް ބަޔަކު ގޯސް ހަދަމުން، އެ ގޯސްތައް ރަނގަޅު ކުރަމުން، ރަނގަޅު މިސްރާބަށް ދެ ފިޔަވަޅު ކުރިޔަށް އެއް ފިޔަވަޅު ފަހަތަށް އަޅަމުން ގޮހެވެ. އިހުތިބީންގެ ނަމޫނާއިން ހިތްވަރު ލިބިގަތުމާ އެކު، އެމީހުންގެ ކާމިޔާބީތަކަށް ފަހުތިބީން ފަޚުރުވެރި ވުމާ އެކު، އަދި އެ ކާމިޔާބުތަކަށް ޓަކައި އެމީހުންނަށް ހައްގު ޝަރަފާއި ތައުރީފު ދިނުމާ އެކު، އެމީހުންނަށް ހެދިފައި ހުންނަ ގޯހުން ފަހުތިބީން އިބުރަތް ލިބިގަންނަ އުސޫލުންނެވެ. އެ ގޯސްތައް އެއީ ގޯސްތައް ކަމުގައި ބުނެ، އިލްމީ ގޮތުން އެ ވާހަކަ ދައްކައިގެންނެވެ. އަޅުގަނޑުމެންނަށް ވެސް ގޯސް ހެދޭނެއެވެ. ފަހުން އަންނަ މީހުން މީހުން އެ ކަންކަން ރަނގަޅު ވެސް ކުރާނެއެވެ. އެއް އިރަކު ހަދާ ގޯސް، ރަނގަޅު ނުކޮށް އޭގެ މައްޗަށް ގޯސްތައް ތަކުރާރު ކުރަމުން ގެންދާ ނަމަ އެ ވާހަކަ ދައްކާން ވެސް ޖެހެއެވެ. މި ވާހަކަ މި ދައްކަނީ އެގޮތުންނެވެ.

ނަވާރަސަތަކޭ އަށްޑިހަ ދެ ވަނަ އަހަރުގައި ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލިހުން "ލޮލުގެ ނޫރު" އަށް ގައުމީ ފެންވަރުގެ ކުރު ވާހަކަ މުބާރާތުގެ އެއްވަނަ ދެއްވުމުން، ކުރު ވާހަކަޔަކީ ކޮބައިކަމާ މެދު އެތައް ބަޔަކަށް "މަގު އޮޅުވައިލެވުނީ" އެވެ. އެ ވާހަކަ ކިޔައިގެން ކުރު ވާހަކަޔަކީ ކޯއްޗެއްކަން ދެނެގަންނަ ކޮންމެ މީހަކަށް ދަސް ވާނީ ކުރު ވާހަކަޔަކީ ނާވިލެއްގެ ޚުލާސާ ކަމުގައެވެ. ހަތަރު ފަސް ނުވަތަ ހައެއްކަ އަށެއްކަ ސަފުހާއިން ނިމުނީމާ، ކުރު ވާހަކަޔަކަށް ވީ ކަމުގައެވެ. އަޅުގަނޑަށް ވެސް ވީ ގޮތަށެވެ.

މީގެ ހައެއްކަ އަހަރު ކުރީން ބޭއްވުނު ގައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތެކެވެ. މުބާރާތަށް ތިރީހަކަށް ވާހަކަ ހުށައެޅުނެވެ. ނަމަވެސް އޭގެ ތެރޭގައި ކުރު ވާހަކަޔަކަށް ކިރިޔާ ވެސް ފުދޭ ވަރުގެ އޮތީ ބާރަ ވަރަކަށް ވާހަކައެވެ. އެ ބާރަ ވާހަކައިގެ ތެރޭގައި ވެސް ލިޔުންތެރިކަމާއި ބަހުގެ ފެންވަރާއި، ޚިޔާލުގެ މޮޅުކަމާއި، ހުށައެޅުމުގެ ފުރިހަމަކަން ފަދަ ކަންކަމަށް ބެލުމުން، މޮޅު ކުރު ވާހަކައެއް ކަމަށް ބެލެވޭ ވަރުގެ ވާހަކައެއް ނެތެވެ. މުބާރާތަށް އިންސާފު ކުރައްވާން ތިއްބެވި ހުރިހައި ފަނޑިޔާރުން ވެސް މި ނުކުތާގައި އެއްބަސް ވެވަޑައިގަތެވެ. ދެން އެއް ބެއިފުޅަކު ހުށައެޅުއްވީ، ގައުމީ މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައޭ ބުނެ، އެ ވަރުގެ ބޮޑު ޝަރަފެއް ދޭ ވަރުގެ ވާހަކައެއް ނެތުމުން، ވަނަ ނުދިނުމަށެވެ. ނަމަވެސް އެހެން ފަނޑިޔާރުން އެގޮތާ އެއްބަސް ވެވަޑައެއްނުގަތެވެ. އެ ބެއިފުޅުންގެ ނަޒަރުގައި ކިތަންމެ ފެންވަރު ދަށް ވާހަކަތަކެއްގެ ތެރެއިން ވެސް، އެންމެ ރަނގަޅު އެއްޗެއް އޮންނާނެތީ، އެ އުސޫލުން އެއްކަލަ ބާރަ ވާހަކައިގެ ތެރެއިން އެންމެ ރަނގަޅު ވާހަކަޔަކީ އެއްވަނަ ކަމުގައި ކަނޑައަޅާން ޖެހޭނެއެވެ. އެ ވާހަކަޔަށް އެއްވަނަ، އެއާ ޖެހުނު ވާހަކަޔަށް ދެވަނަ، އަދި ދެން ޖެހުނު ވާހަކަޔަށް ތިންވަނަ ދޭން ވާނެއެވެ. މުބާރާތްތައް ބާއްވާ އުޞޫލަކީ އެއެވެ. ގިނަ ބެއިފުޅުންގެ ޚިޔާލާ އެއްގޮތަށް، ކުރު ވާހަކަޔަކަށް ކިރިޔަކިރިޔާ ފުދޭ، އަދަބީ ގޮތުން އެއްވެސް ފެންވަރެއް ނެތް އެއްޗެހިތަކަކަށް ދިވެހިރާއްޖޭގެ ގައުމީ ފެންވަރުގެ ވަނަވަނަތައް ދީ، މުޅި ގައުމުގެ އެންމެންގެ ކުރިމަތީގައި ޝަރަފުވެރި ކުރީއެވެ.

މިހެން ހެދީމާ، ދެން ވާނީ ކިހިނެއްތޯއެވެ؟ ވާހަކަޔަކަށް ނުވާ ވާހަކައެއް ލިޔެގެން ވިޔަސް، ގައުމީ ފެންވަރުގައި ވަނަތައް ލިބުނީމާ، ދެން އެ ލިޔުންތެރިޔަކު އޭނާގެ ފަންނު އިތުރަށް ކުރި އަރުވާން އުޅޭނެ ވެސް ބޭނުމެއް އެބައޮތްތޯއެވެ؟ ނުވަތަ ޚުދު އޭނާގެ ގާތުގައި އެ ބުނެވެނީ "ތިބާޔަކީ ގައުމުގެ އެއްވަނަޔޭ، ދެން ރީތިކޮށް ހުންނާށޭ، އިތުރަށް ތިބާގެ ހުނަރާއި ފަންނީ ގާބިލިއްޔަތު ކުރި އެރުވުމަށް ގުދާރު ބިންދާނޭކަމެއް ނެތޭ" މިހެން ނޫންތޯއެވެ؟ މިހެން ކަންތައް ވަނީ ނަމަ، އަޅުގަނޑުމެންގެ ތެރޭގައި މި ފަންނު ކުރި އަރާނޭ ގޮތަކީ ކޮބައިތޯއެވެ؟ މީގެ އިތުރުން، ކުރު ވާހަކަ ވިޔަސް އަދި އެފަދަ އެހެން އަދަބީ ނުވަތަ ފަންނީ މުބާރާތެއްގައި ވިޔަސް، އެއްވެސް ފެންވަރެއް ނެތް އެއްޗެއްސަށް، އެ އަހަރަކު އޮތް އެންމެ މޮޅު އެއްޗަކީ އެއިއްޔޭ ބުނެ ގައުމީ ފެންވަރުގެ ޝަރަފުވެރި ވަނަތައް ދެނީ ނަމަ، އެ ވަނަތަކުގެ ޝަރަފުވެރިކަމާއި އަގާއި މުހިއްމުކަން ކުޑަ ވެގެން ނުދާނޭ ގޮތަކީ ކޮބައިތޯއެވެ؟ ހަމަ އެފަދައިން، އަދަބީ އުފެއްދުންތެރީން އަމާޒު ހިފާން ޖެހޭ މިންގަނޑު ދަށް ކުރާ ނަމަ، އެމީހުން ފުންމައިގެން އަރާން ވީ ހިސާބު ތިރި ކުރާ ނަމަ، އެމީހުންގެ މަސައްކަތުގެ ފެންވަރު ދަށް ނުވާނޭ ގޮތަކީ ކޮބައިތޯއެވެ؟

މި ބާވަތުގެ އެވޯޑުތައް ދިނުމުގައި، އެވޯޑު ހައްގު ވާ ފެންވަރުގެ މަސައްކަތެއް ނެތިއްޔާ އެވޯޑު ނުދިނުމަކީ ޕުލިޓްޒަރ އިނާމު ފަދަ އިނާމުތައް ދިނުމުގައި ވެސް އަމަލު ކުރާ ގޮތެވެ. ނަވާރަސަތޭކަ ސަތާރަ ވަނަ އަހަރުން ފެށިގެން އަދަބީ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެމެރިކާގައި ދެވޭ މި އެވޯޑު، ފިކްޝަން ކެޓަގަރީން 11 އަހަރެއްގައި ނުދެވި ދިޔައީ، އެވޯޑު ހައްގު ވާ ވަރުގެ ވާހަކައެއް އޮތް ކަމަށް ފަނޑިޔާރުންނަށް ގަބޫލު ނުކުރެވޭތީއެވެ.

އިބްރާހީމް ޙުސައިން މަނިކަށް ފަހު، އޭނާ ވަރުގެ ކުރު ވާހަކަ ލިޔުންތެރިޔަކު ރާއްޖޭގައި ނުއުފެދުނެވެ. އެތައް ސަބަބުތަކެއް ހުރެދާނެއެވެ. ނަމަވެސް އޭގެ އެއް ސަބަބަކީ 1982ގައި ހެދުނު ބޮޑު ގޯހާއި، ފަހުން ވެސް އެ ގޯސް ރަނގަޅު ނުކުރެވުންކަން، ގަބޫލެއް ނުކުރައްވާނަންތޯއެވެ؟

comment ކޮމެންޓް