ފިލްމު އެވޯޑްސް މިމަހު 15ގައި، ނޯމިނޭޝަން 10 ގައި!

ނޫސްވެރިންނާ ބައްދަލުކޮށް ފިލްމު އެވޯޑްގެ މައުލޫމާތުތައް ހިއްސާކުރުން -- ސަަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ފިލްމު އިންޑަސްޓްރީގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "ފިލްމު އެވޯޑްސް" މި މަހު 15ގައި ބޭއްވުމަށް ނިންމައިފި އެވެ.

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެވޯޑާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ވިދާޅުވީ ފިލްްމު އެވޯޑްސްއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެވޯޑަށް ޖަޖު ކުރުމަށް އެކުލަވާލި ޕެނަލުން މިހާރު ވަނީ ޖަޖުކުރުމުގެ މަސައްކަތްތައް މިހާރު ނިންމާލާފައި ކަމަށެވެ.

އެހެންކަމުން މި މަހުގެ 10ގައި އެކި އެވޯޑުތަކުގައި ހިމެނޭ ނޯމިނޭޝަންތައް އާންމު ކުރާނެ ކަމަށް ވަލީދާ ވިދާޅުވި އެވެ.

ވަލީދާ ވިދާޅުވީ ޖަޖުންގެ ނަތީޖާ މިފަހަރު އެއްވެސް ފަރާތަކަށް ނޭނގޭނެ ކަމަށެވެ. އެގޮތުން ޖަޖުންގެ ނިންމުންތައް އޮޑިޓް ފާމް އަށް ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ ލިބޭނީ އެވޯޑު ރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަޖުންގެ ނަތީޖާ، އެންސީއޭގެ އެއްވެސް ބޭފުޅަކަށް ވެސް އެނގިއެއް ނުލައްވާނެ،" ވަލީދާ ވިދާޅުވި އެވެ.

މިފަހަރުގެ ފިލްމު އެވޯޑުގެ އުސޫލަށް ބަދަލު ގެނެސް ބައެއް އެވޯޑުތައް ވަނީ އުނިކޮށްފަ އެވެ. އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެވޯޑަށް ތައްޔާރުވުމަށް ވަރަށް ކުޑަ ވަގުތުކޮޅެއް ލިބިފައިވާ ކަމަށެވެ.

މިފަހަރުގެ އެވޯޑު އަދި އެންމެ ފުރިހަމަ ނުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ފިލްމީ ފަންނާނުންނާ ގުޅިގެން މަޝްވަރާކޮށް އެވޯޑުތަކަަށް ބަދަލު ގެންނާނެ ކަމަށް ވަލީދާ ފާހަގަކުރެއްވި އެެވެ.

މިއަހަރުގެ "ދިވެހި ފިލްމު އެވޯޑްސް 9"ގައި ބައިވެރިކުރާނީ 2017 ވަނަ އަހަރާއި މިދިޔަ އަހަރުގެ ފިލްމުތަކެވެ. މި އަހަރުގެ އެވޯޑްގައި ޖުމްލަ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު ހިމަނާފައިވެ އެވެ.

comment ކޮމެންޓް