ލާދީނީ ކަންކަމާ ދެކޮޅަށް ހުކުރު ނަމާދަށް ފަހު ދުއާކޮށްފި

ޖޫން 10، 2016: ހުކުރު ނަމާދަށް ފަހު މީހުން މިސްކިތުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލާދީނީ ކަންކަން ފަތުރާ މަސައްކަތާ ދެކޮޅަށް މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާކޮށްފި އެވެ.

މޯލްޑިސް ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ މި ފަހުން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ވަނީ ލާދީނީ ކަންކަން ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އެދި ދުއާކޮށްފަ އެވެ. އެ ދުއާގައި ހުކުރު ނަމާދަށް ދިޔަ ގިނަ ބަޔަކު ބައިވެރިވި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނި ގޮތުގައި، އެ ދުއާ އަކީ މިނިސްޓްރީ އިން ރާވައިގެން ކުރި ކަމެއް ނޫނެވެ. އެއީ އަމިއްލަ ބަޔަކު އިސްނަގައިގެން ކުރި ދުއާއެކެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ހުރިތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ފުލުހުން ވަނީ ދީނީ އިލްމުވެރިންތަކަކާ ހަވާލުކޮށްފަ އެވެ. އެ ދިރާސާއަށް ފަހު ފުލުހުން ނިންމާފައި ވަނީ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށެވެ. އަދި އެކަން ޖަމިއްޔާތަކާ ބެހޭ މިނިސްޓްރީ، ޔޫތު މިނިސްޓްރީއަށް ފުލުހުން ވަނީ އިއްޔެ އަންގައިފަ އެވެެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ހޫނުވެފައިވާ އިރު، އެ ޖަމިއްޔާ އުވާލަން ގޮވާލައި ގިނަ ބަޔަކު މިދިޔަ ހުކުރު ދުވަހު ވަނީ މުޒާހަރާވެސްކޮށްފަ އެވެ.

comment ކޮމެންޓް