ހަނގުރާމައާ ގުޅުންހުރިކަމުގެ ތުހުމަތުގައި ތުރުކީން 134 ދިވެހިން ބްލެކްލިސްޓު ކޮށްފައި

ދިވެހިންގެ ބަޔަކު ސީރިއާގައި ---

ސީރިއާގައި ހިނގާ ހަނގުރާމައާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ތުރުކީން 25 ދިވެހިން ޑީޕޯޓުކޮށް، 134 ދިވެހިން ބްލެކްލިސްޓުކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި އެވެ.

އަލްޖަޒީރާއިން އޭޝިއާ ޕެސިފިކް ސަރަހައްދާ ބެހޭގޮތުން ފޮރުނާ ކަރަންޓް އެފެއާޒް ޕްރޮގްރާމެއް ކަމުގައިވާ "101 އީސްޓް އަލްޖަޒީރާ"ގައި ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލައާ ގުޅޭ ޑޮކިއުމެންޓްރީއެއް ރޭ ވަނީ ޕްރިމިއާކޮށްފައެވެ.

އަލްޖަޒީރާގެ އެ ޑޮކިއުމެންޓްރީގައި، މި އަހަރުގެ ކުރީކޮޅު ޗެނަލް ނިއުސް އޭޝިއާއިން ފޮނުވި "އަންޑަކަވާ އޭޝިއާ" ސީރީޒްގައި ރާއްޖެއާ ބެހޭގޮތުން ހެދި ޑޮކިއުމެންޓްރީގެ އިންޓަވިއުތަކާއި ވީޑިއޯތައްވެސް ހިމަނާފައި ވެއެވެ.

އެ ވީޑިއޯއެއްގައިވާ ގޮތުން ސީރިއާއަށް ގޮސްފައިވާ ގިނަ ދިވެހިންނަކީ އެކި ކަހަލަ ކުށްތަކުގައި ގިނަ ދުވަސްވަންދެން ޖަލުގައި ތިބުމަށް ފަހު މިނިވަންވެފައިވާ މީހުންނެވެ.

އަދި އެމީހުން "ޖިހާދު ކުރުމަށް ދަނީ" ކުރެވުނު ކުށްތަކަށް ތައުބާވާން އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ބަޔަކު އެމީހުންނަށް ވިސްނައިދިނުމުން ކަމަށް އަލްޖަޒީރާއާ ވާހަކަދެއްކި ބަޔަކު ބުނެފައިވެ އެވެ.

ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން 30 އަށް ވުރެ ގިނަ ދިވެހިން މިހާރުވެސް ސީރިއާގައި އެބަތިއްބެވެ.

އެ ޑޮކިއުމެންޓްރީގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އޭނާ މަގާމުގައި ހުންނެވި އިރު، ސީރިއާއަށް ދާން އުޅުނު ތިން މީހެއްގެ މައްޗަށް ދައުވާކުރި ކަމަށެވެ.

"އެ ޕްރޮސެކިއުޝަންތައް ބައެއް ފަހަރު ކާމިޔާބެއް ނުވޭ. އެމީހުން ބުނަނީ ތިމަންނާމެން ސީރިއާއަކަށް ނުދަމޭ. އެމީހުން އާންމުކޮށް ތުރުކީއަށް ގޮސް [ސީރިއާއާ ގުޅޭ] ބޯޑަރު ހުރަސްކުރަނީ، ޕާސްޕޯޓެއް ފަދަ އެއްޗެއްވެސް ނުލާ. އެހެންވެ މިއީ [ކޯޓުގައި] ސާބިތުކޮށްދޭން ދަތި ކަމެއް،"

އުމަރުގެ އެ ވާހަކަތަކާ ވިއްދާފައި، އަލްޖަޒީރާއިން ރިޕޯޓުކުރަމުން ބުނެފައިވަނީ އެ ޗެނަލުން ތުރުކީގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދެއްކި ކަމަށާއި މި އަދަދު މިއަށް ވުރެ މާ މަތިކަން އެ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

"އެމީހުން ބުނި ގޮތުގައި ހަނގުރާމައާ ގުޅުން ހުރި ކަމަށް ބެލެވޭ 25 ދިވެހިން ޑީޕޯޓުކޮށްފައިވޭ. އަދި 134 ދިވެހިންގެ ނަން ވަނީ ތުރުކީގެ ބްލެކްލިސްޓަށް އަރާފައި،" އަލްޖަޒީރާއިން ރިޕޯޓު ކުރިއެވެ.

އެމައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ހަނގުރާމައަށް ދާ މީހުންގެ މައްސަލަތައް ކޯޓުތަކުން ސާބިތުކުރަން އުނދަގޫވާ އެއް ސަބަބަކީ ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ބަލާ ފަރާތްތަކުގެ ލިސްޓު އާންމު ނުކުރާތީއެވެ. އެހެންކަމުން މިދިޔަ މަހު ސަރުކާރުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ބަލާ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށްފައެވެ.

comment ކޮމެންޓް