ތަމްރީންތަކަށް ގައުމީ އެތުލެޓިކްސް ޓީމު އިންޑިއާއަށް ފުރައިފި

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ނިމިގެން ދިޔަ އައިއޯއައިޖީގައި ދުވަނީ --- ފޮޓޯޯ// އެމްއޯސީ

މި އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާން ގައުމީ އެތުލެޓިކްސް ޓީމު އިންޑިއާއަށް ފުރައިފި އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ބާއްވާ ގޭމްސް ފެށެން ބާކީ މަހެއްހާ ދުވަސް އޮތް އިރު، ގައުމީ އެތުލެޓިކްސް ޓީމަށް އެކަށީގެންވާ ތަމްރީންތައް ނުލިބުމުގެ ސަބަބުން މެޑަލްތަކަށް ކުރަމުން އައި އުންމީދު ފަނޑުވަމުން އަންނަ ކަމުގެ ވާހަކަ ވަނީ ގަދަވާން ފަށައިފަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ، މާލޭގައި ތައްޔާރީތައް ކުރިއަށް ދިޔަ ނަމަވެސް، ކުޅިވަރާ ބެހޭ ވުޒާރާ އިން ބަޖެޓް ހަމަނުޖެހޭތީ ބޭރަށް ފޮނުވާލެވޭނެ ގޮތެއް އޭރު ނެތީ ކަމަށެވެ.

އޭރު ކުޅިވަރުގެ ވުޒާރާ އިން ބުނީ، އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވީ ނަމަވެސް އެކަން އޮތީ ޕްރޮސެސިންގްގައި ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓު އޮލިމްޕިކް ކޮމިޓީއަށް ލިބި ރޭގެ ވަގުތެއްގައި ޓީމު ވަނީ ތަމްރީން ހެދުމަށް އިންޑިއާއަށް ފުރައިފަ އެވެ.

ރޭ އިންޑިއާއަށް ފުރި ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ޝިފާޒް މުހައްމަދު، ހަސަން ސާއިދު، ހުސެއިން ފަޒީލް ހާރޫން، ހުސެއިން ރިޒާ އަދި އިބާދުﷲ އާދަމް އެވެ. މި ޓީމާ އެކު ހަރަކާތްތެރިވާ ކޯޗުންނަކީ އަހުމަދު ފާއިލް އާއި އަހުމަދު ނިޒާމް އެވެ.

ސްޕްރިންޓަރު ހަސަން ސާއިދު ވަނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި 2016 ވަނަ އަހަރު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. މި އަހަރުގެ އައިއޯއައިޖީން އޭނާ 200 މީޓަރުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ލިބުނީ ހަތަރު ވަނަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖެއިން އެންމެ ގިނަ ކާމިޔާބީތައް މިހާތަނަށް ހޯދާފައިވާ ކުޅިވަރުތަކެވެ. އެގޮތުން ރާއްޖެ އަށް ދެކުނު އޭޝިއާ އެންމެ ފުރަތަމަ ލިބުނު އެތުލެޓިކްސް މެޑަލް ހޯދައިދިނީ ވެސް 2010 ވަނަ އަހަރު ރިލޭ އިންނެވެ. ސާއިދުގެ އިތުރުން ސަރީސް އަހުމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި ނުޖޫމް ހަސަން ހިމެނޭ ރިލޭ ޓީމުން ވަނީ ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ލޯ މެޑަލް ހޯދައިފަ އެވެ.

ނަމަވެސް ކުރިއަށް އޮތް ގޭމްސްއަށް ތައްޔާރުވާން ބާކީ މަހެއްހާ ދުވަސް އޮތުމުން އެންމެ އެދެވޭ ނަތީޖާ ނުނެރެވޭނެ ކަމަށް އޮލިމްޕިކް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެ އެސޯއިއޭޝަނުން ބުނީ، ރާއްޖޭގައި ތަމްރީންތައް ހަދާފައި ގޮސް ނޭޕާލްގެ ފިނީގައި އެތުލީޓުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ކަމުން މިފަދަ ބޮޑެތި މުބާރާތްތަކަށް ދުރާލާ ތައްޔާރުވެވޭނީ ބަޖެޓު ލިބިގެން ކަމަށެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އެންމެ ފަހުގެ ދެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ނަތީޖާ ނެރެފައިވާތީވެ އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިން އުއްމީދޮށްގެން ތިބީ މަދުވެގެން ތިން މެޑަލް ހޯދުމަށް އަމާޒު ކަނޑައަޅައިގެންނެވެ.

comment ކޮމެންޓް