ފުވައްމުލަކު ފްލެޓުތައް ހަވާލުކުރަން ފަށައިފި

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: ހައުސިން މިނިސްޓްރީ

ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކާ ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހަައުސިން މިނިސްޓްރީން ބުނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު ހަތަރު ވަނަ ދުވަހާ ހަމައަށެވެ.

ފްލެޓު ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފަ އެވެ. އޭގެ ތެރެއިން 120 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. ވިހި ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާއިރު ފްލެޓު ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ މިމަހު 21 ވަނަ ދުވަހު ސޮއިކޮށް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އިތުރު 200 ހައުސިން ޔުނިޓު އަޅާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް