އާޖެންޓީނާގެ ރައީސް ކަމަށް އިދިކޮޅު ލީޑަރު އިންތިހާބުވެއްޖެ

އާޖެންޓީނާގެ އިންތިހާބީ ރައީސް އަލްބާޓޯ ފަނާންޑޭޒް އާއި އިންތިހާބީ ނައިބު ރައީސް ކްރިސްޓީނާ ފަނާންޑޭޒް -- ފޮޓޯ: އީޕީއޭ

ބުއެނޮސް އައިރިސް (އޮކްޓޯބަރު 28): އާޖެންޓީނާގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި ރައީސް މައުރީސިއޯ މަކްރީގެ މައްޗަށް އިދިކޮޅު ލީޑަރު އަލްބާޓޯ ފަނާންޑޭޒް ކުރި ހޯއްދަވައިފި އެވެ.

އާޖެންޓީނާގެ ރައީސްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓުންގެ 90 ޕަސެންޓު ވޯޓު ގުނާފައިވާ އިރު، ފަނާންޑޭޒް ވަނީ 47 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. އަދި މަކްރީއަށް ލިބިވަޑައިގެންނެވީ 40 ޕަސެންޓު ވޯޓެވެ.

ފަނާންޑޭޒްގެ ރަނިންމޭޓަކީ އާޖެންޓީނާގައި 2007 އިން 2015 އަށް ރައީސްކަން ކުރެއްވި ކްރިސްޓީނާ ފަނާންޑޭޒް އެވެ. އެދެ ބޭފުޅުންގެ އާއިލީ ގުޅުމެއް ނޯވެ އެވެ. ނަމަވެސް އިންތިހާބީ ރައީސް ފަނާންޑޭޒް ވަނީ ކްރިސްޓީނާ ފަނާންޑޭޒްގެ ވެރިކަމުގައި ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވާފަ އެވެ. އަދި އެކަމަނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވީ ނަމަވެސް، ގިނަ އަދަދެއްގެ މީހުންގެ ތާއިދު އަދި ވެސް އެކަމަނާއަށް އޮވެ އެވެ.

އާޖެންޓީނާއަށް އިގުތިސާދީ މައްސަލަތައް ކުރިމަތިވެ، ގައުމުގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ފަގީރުކަމުގައި ދިރިއުޅެން ޖެހިފައިވާ ހާލަތެއްގައި ބޭއްވި އެ އިންތިހާބުން ރައީސް މަކްރީ ވަނީ ބަލި ގަބޫލު ކުރައްވައިފަ އެވެ. އަދި ސުލްހަވެރިކަމާ އެކު ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔުމަށް ޓަކައި މިއަދު ފަނާންޑޭޒްއާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މަކްރީ ވެރިކަމަށް ވަޑައިގެންނެވީ އާޖެންޓީނާއިން ފަގީރުކަން ނައްތާލާ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް ނިމިގެން ދިޔަ ދައުރުގައި އެގައުމުގައި ފަގީރުކަމާއި ވަޒީފާ ނުލިބޭ މީހުންގެ އަދަދާއި އިންފްލޭޝަން ރޭޓު ވަނީ އިތުރުވެފަ އެވެ. އަދި އިގުތިސާދީ ހާލަތުން އަރައިގަތުމުން އެގައުމުގައި ބައެއް ސަބްސިޑީތައް ކަނޑާލުމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން 50 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމާ ގުޅިގެން ރައީސް މަކްރީއަށް ރައްޔިތުންގެ ނުރުހުން އަމާޒުވި އެވެ.

އަންނަ ޑިސެމްބަރު މަހުގެ 10އެއްގައި ރައީސްކަމުގެ ހުވާ ކުރައްވާނެ ފަނާންޑޭޒް ވަނީ އައިއެމްއެފްގެ ލޯނު ހޯދަން އާޖެންޓީނާއިން ހެދި އެއްބަސްވުމަށް އިހުތިރާމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ އިގުތިސާދު ވަރުގަދަކޮށް، ވަޒީފާ އަދާ ކުރާ މީހުންގެ އުޖޫރަ އާއި ޕެންޝަން އިތުރު ކުރައްވާނެ ކަމަށް ވައުދުވެފަ އެވެ.

comment ކޮމެންޓް