ޗިލީގެ މުޒާހަރާތަކާ ގުޅިގެން ހުރިހާ މިނިސްޓަރުން އިސްތިއުފާ ދޭން އަންގައިފި

ޗިލީގެ ރައީސް ސަބޭސްޓިއަން ޕިންޔޭރާ ވަނީ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވަން އަންގަވާފަ -- ފޮޓޯ: އޭއެފްޕީ

ސެންޓިއާގޯ (އޮކްޓޯބަރު 27): ޗިލީގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ރައީސް ސަބޭސްޓިއަން ޕިންޔޭރާ އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވަން އަންގަވައިފި އެވެ.

ޗިލީގައި މުޒާހަރާތައް ބާއްވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ރައީސް ޕިންޔޭރާ ވިދާޅުވި ގޮތުގައި މިނިސްޓަރުން އިސްތިއުފާ ދެއްވަން އިއްޔެ އެންގެވީ ކެބިނެޓު ބަދަލުކޮށް، ރައްޔިތުން ބޭނުންވާ އިސްލާހުތައް ގެނައުމަށްޓަކަ އެވެ.

"ރައްޔިތުންގެ ޑިމާންޑުތައް ފުއްދުމަށްޓަކައި ކެބިނެޓަށް ބަދަލުތައް ގެންނާނެ ކަމުގެ ނޯޓިސް މިނިސްޓަރުންނަށް ދީފިން،" ޕިންޔޭރާ އިއްޔެ ވިދާޅުވި އެވެ.

މިމަހުގެ 14އިގައި ޗިލީގެ މުޒާހަރާތައް ފެށުނީ ރޭލު ދަތުރުގެ އަގު ބޮޑު ކުރަން ސަރުކާރުން ނިންމުމުންނެވެ. ނަމަވެސް ފަހުން އެމުޒާހަރާތަކުގެ ބައިވެރިން އިތުރުވެ، ގިނަ މީހުން ދަނީ ކޮރަޕްޝަނާއި ދިރިއުޅުމުގެ އަގު އުފުލުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ހުކުރު ދުވަހު ޗިލީގައި ބޭއްވި މުޒާހަރާތަކުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވި -- ފޮޓޯ: އޭޕީ

އަދި ރޭލު ދަތުރުގެ އަގު ބޮޑު ނުކުރަން ސަރުކާރުން ނިންމި ނަމަވެސް މުޒާހަރާތައް ހުއްޓާލަން ގިނަ މީހުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ބައެއް އެއްވުންތަކުގައި ހަމަނުޖެހުން އުފެދި، އުޅަނދުތަކުގައި ރޯކޮށް، ލޫޓުވާފައިވެ އެވެ. އޭގެ ސަބަބުން ފުލުހުން ވަނީ 7،000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

އެމުޒާހަރާތަކާ ގުޅިގެން މިމަހުގެ 18އިގައި ޗިލީން ކުއްލި ހާލަތު އިއުލާން ކުރި އެވެ. އަދި ޖެހިގެން އައި ދުވަހު ވެރިރަށް ސެންޓިއާގޯގައި ކާފިއު އިއުލާން ކުރި އެވެ.

ނަމަވެސް ހުކުރު ދުވަހު ޗިލީގައި ބޭއްވި މުޒާހަރާގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެމީހުން ގޮވާލަމުންދާ ކަންތައްތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދު ކުޑަ ކުރުމާއި ރައީސް އިސްތިއުފާ ދެއްވުމާއި އާ ގާނޫނު އަސާސީއެއް އެކުލަވާލުން ހިމެނެ އެވެ.

ރައީސް ޕިންޔޭރާ ވަނީ މިއަދު ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ އެންމެ ކުޑަ މުސާރަ އާއި ޕެންޝަން އިތުރު ކުރުން ފަދަ އިސްލާހުތައް ގެންނަނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް