ތުހުމަތުތަކުގެ ތަފްސީލު ހާމާ ކުރެއްވުމަށް މަލީހު ޕީޖީގައި އެދިވަޑައިގެންފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް --- ސަން ފޮޓ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލަށް ޕްރޮސެކުއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ކުރެއްވި ތުހުމަތުތަކުގެ ތަފްސީލު ފޮނުއްވައިދެއްވުމަށް އޭނާ ޕީޖީގައި އެދިވަޑައިގެންފި އެވެ.

މިިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ހިޔާނާތުގެ ފައިސާ މިހާރުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުންނަށް ލިބިފައިވާ ކަމަށެވެ. އަދި ކޮމިޓީގެ ސިއްރުކޮށްގެން ދިޔަ ބައިގައި ބިޝާމް ވަނީ އެ ނަންތައް ހާމަ ކުރައްވާފަ އެވެ.

މަލީހު އިއްޔެ ޕީޖީ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ޕީޖީ ބިޝާމް މާލިއްޔަތު ކޮމިޓީގައި ހިޔާނާތާ ގުޅުވައި އޭނާގެ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެނާ އެދިވަޑައިގެންފައިވަނީ، އެފަދަ ވާހަކައެއް ދެއްކި ނަމަ ނުވަތަ ނުދައްކާ ނަމަ އެކަން އަންގަވައި ދެއްވުމަށެވެ. އަދި އެފަދަ ވާހަކައެއް ދެއްކި ނަމަ އެ ވާހަކައިގެ ތާފްސީލު ފޮނުވައިދެއްވުމަށް ވެސް މަލީހު ވަނީ ސިޓީގައި ދައްނަވާފަ އެވެ.

ސިޓީގައި އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން މިހާތަނަށް އެއްވެސް ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި އަދި އެކަމާ ގުޅިގެން އެއްވެސް އިދާރާއަށްވެސް ހާޒިރުކޮށްފައިނުވާ ކަމަށެވެ.

"އަދި ދައުލަތަށް އިހްލާސްތެރި މަސައްކަތްތަކެއް ފާއިތުވި 19 ވަރަކަށް އަހަރު އެކި ހައިސިއްޔަތުން ކޮށްފައިވާތީ އަޅުގަނޑާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން އެފަދަ ވާހަކައެއްް ކަމަނާ ވިދާޅުވެފައި ވާނަމަ އެކަމެއް އެއްވެސް ވަރަކަށް ސިއްރުކޮށްފައި ބާއްވަން އަޅުގަނޑު ނޭދޭތީ އެކަމުގެ އެންމެހާ ތަފްސީލް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުން އެދެމެވެ." ޕީޖީއަށް މިނިސްޓަރު މަލީހް ފޮނުއްވި ސިޓީގައި ވެއެވެ.

މަލީހު ވަނީ އެމްއެމްޕީއާރުސީގެ ލިޔެކިތުންތަކުގައި އޭނާގެ މައުލޫމާތެއް ނުވަތަ އެކަމާ ގުޅިގެން އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވޭނަމަ، ލަސްވެގެން ތިން ދުވަސް ތެރޭ އެކަން މީޑިއާތަކަށާއި އެނާއަށް އަންގަވައި ދެއްވުމަށް ސިޓީގައި ދަންނަވާފަ އެވެ.

މަލީހު ފަހަކަށް އައިސް އަންނަނީ ޕީޖީ ބިޝާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުންނެވެ. އެގޮތުން މީގެ ކުރިން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ ފަސް އަހަރު ބޭއިންސާފުން ދައުވާކޮށް، މުޅި ޕީޖީ އޮފީސް "ހަރާބުކޮށްފައި" އިން ޕީޖީ އަކު ދައްކާ ވާހަކަތައް ގަބޫލު ކުރާކަށް ނުޖެހޭ ކަމަށެވެ.

"އެންމެ ފުރަތަމަ ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެނޭ،" މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މަލީހު ވަނީ އޭނާއާ މެދު ޕީޖީ ކުރެއްވި ތުހުމަތުތަކާ ގުޅިގެން ޕީޖީއަށް އަބުރުގެ ދައުވާ ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކޮށް، މަލީހާއި އިތުރު ވަޒީރުންތަކެއް ވަކި ކުރުމަށް އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެ ލިސްޓުގައި ދެން ހިމެނެނީ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު މަހުލޫފެވެ. ނަމަވެސް އެ ދެ ވަޒީރުންވެސް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ މަޖިިލީހުގެ ޖަލްސާގައި ވާހަކަދައްކަަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކޮށް މިނިސްޓަރު މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު މަހުލޫފު ވެސް މަގާމުން ދުރުކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ

comment ކޮމެންޓް