ސީރިއާގައި ތިބި ދިވެހީން އިތުރަށް ހާލުގައި ޖެހި، އާދޭސް ކުރަނީ

އިރު އުތުރު ސީރިއާގައި ހުންނަ އަލް ހައުލް ކޭމްޕްުގައި ތިބި އަންހެނުންތަކެއް --

ސީރިއާގައި ހަރަކާތްތެރިވަމުން ދިޔަ އައިއެސް ޖަމާއަތް ބަލިވެ، އެގައުމު އަމާންކަމުގެ މިސްރާބަކަށް ދަތުރުކުރަމުން ދަނިކޮށް، އިތުރު ހަމަނުޖެހުމެއްގެ ބަނަކަން މިހާރު ވަނީ އައިސްފަ އެވެ. އެއީ އެގައުމުގެ އިރުއުތުރުގައި ހަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރީންނާ ދެކޮޅަށް ތުރުކީވިލާތުން އަސްކަރީ އޮޕަރޭޝަނެއް ފެށުމުންނެވެ. އެ އޮޕަރޭޝަނުގައި ހަމަލާ ބަދަލުކުރުން ހުއްޓިފައިވީ ނަމަވެސް، ދެން ވާނޭ ގޮތެއް ނޭނގި ސީރިއާގެ އަލް ހައުލް ކޭމްޕުގައި ތާށިވެފައި ތިބި ދިވެހީން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަދި ފިނި މޫސުން ގާތްވެފައިވާ އިރު، އެ މީހުންނަށް ރައްކާތެރިކަމަށް ބޭނުންވާ އަސާސީ ކަންތައްތައްވެސް ލިބިފައެއް ނެތެވެ.

ތުރުކީގެ ސޭފް ޒޯނާއި ކުރުދީންގެ ކޭމްޕުތައް

އައިއެސް ޖަމާއަތަށް ނިސްބަތްވާ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދީން ތިބި ކޭމްޕުތައް ބަލަހައްޓަމުން ދަނީ އެ ޖަމާއަތް ބަލި ކުރުމުގައި އިސް ދައުރެއް އަދާ ކުރި ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އިންނެވެ. ތުރުކީއިން ސީރިއާއަށް އެރުމުން، އެސްޑީއެފްއިން އެ ކޭމްޕުތަކަށް ދޭ އަހައްމިއްޔަތުކަން ވަނީ ކުޑަވެފަ އެވެ.

އެސްޑީއެފްގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކުރުދީ ގްރޫޕެއް ކަމަށްވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) އެވެ. ތުރުކީއިން ދެކޭ ގޮތުގައި ވައިޕީޖީ އަކީ، 1980ގެ އަހަރުތަކުން ފެށިގެން ތުރުކީގައި ހަރަކާތްތެރިވަމުން އަންނަ، ވަކިވެގަންނަން އުޅޭ، ޓެރަރިސްޓު ގްރޫޕެއް ކަމަށްވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)އާ ގުޅުން އޮންނަ ބައެކެވެ. އެހެންކަމުން، އެގައުމުގެ ބޯޑަރު ކައިރީގައި ކުރުދީ ދައުލަތެއް އުފެއްދިޔަ ނުދޭން، އެސްޑީއެފްއާ ދެކޮޅަށް ސީރިއާއަށް ވަނުމުގެ ވިސްނުން ތުރުކީއިން ގެންގުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އޭގެ އިތުރުން، ދާހިލީ ހަނގުރާމައާ ހެދި ތުރުކީއަށް އައި ސީރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލަން ސީރިއާގެ އުތުރުގައި ސޭފް ޒޯނެއް ނުވަތަ އަމާން ސަރަހައްދެއް ގާއިމް ކުރަންވެސް ތުރުކީއިން ބޭނުންވެ އެވެ.

ސީރިއާގެ އިރު އުތުރުގައި ކޭމްޕުތަކާއި ޖަލުތައް --

ތުރުކީއަށް ފާއިތުވި ތަނުގައި ސީރިއާއަށް ނޭރިގެން އުޅުނީ އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. އެއީ ހަނގުރާމައިގައި ވައިޕީޖީ އަކީ އެމެރިކާއިން ވާގިވެރިވި ޖަމާއަތަކަށް ވުމުންނެވެ. އެކަމަކު، އެކަމުގައި ގެންގުޅުނު ސިޔާސަތު ބަދަލު ކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ކުރުދީންނަށް "ބޭވަފާތެރި"ވެފައެވެ.

އެއާއެކު، ތުރުކީއިން ވަނީ "ޕީސް ސްޕްރިންގް"ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައި، ސީރިއާއަށް ސިފައިން ފޮނުވައިފަ އެވެ. ތުރުކީ ސިފައިންނާއި އެސްޑީއެފްއާ ދެމެދު ހަމަލާތައް ބަދަލު ކުރެވެން ފެށުމުން އޭގެ ސަބަބުން އެސްޑީއެފްއަށް މަޖުބޫރުވީ އެ މީހުންގެ ސަމާލުކަން ތުރުކީގެ ނުރަައްކަލާ ދިމާލަށް އަނބުރާލާށެވެ. އޭގެ ނަތީޖާއަކަށްވީ އެސްޑީއެފްއިން ބަލަހައްޓަމުން އަންނަ ކޭމްޕުތަކުގައި ތިބި ގާޑުންވެސް ހަނގުރާމައަށް ދިޔުމެވެ.

މިހާރު ތުރުކީ އާއި އެސްޑީއެފްއާ ދެމެދު ފަސް ދުވަހުގެ ހަމަލާބަދަލު ކުުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވި، ކުރުދީން ވަނީ ދެކުނަށް ފަހަތަށް ޖެހެން އެއްބަސްވެފަ އެވެ. މި ވަގުތަށް ހަމަލާ ބަަދަލު ކުރުން އޮތީ ހުއްޓިފަ އެވެ. އެކަމަކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގައި ދިޔަ މި ކަންތައްތަކުގެ އަސަރު ކޭމްޕުތަކުގައި ތިބި މީހުންނަށް ވަރަށް ބޮޑަށް އެބަ ކުރެ އެވެ.

ކޭމްޕުތަކުގެ ހާލަތު އިންސާނީ ކާރިސާއަކާ ދިމާލަށް

އަލް ހައުލް ކޭމްޕުގައި މީގެ ކުރިން 400 އެއްހާ ކުރުދީ ގާޑުން ތިބެއެވެ. އެކަމަކު، ތުރުކީ އޮޕަރޭޝަނާ އެކު ބައެއް ކުރުދީން ކޭމްޕް ދޫކޮށް ދިޔުމުން އެތަންތަނުގެ ސެކިއުރިޓީ އޮތީ ނާޒުކު ހާލަތެއްގަ އެވެ. އޭގެ އިތުރުން، ތުރުކީގެ އޮޕަރޭޝަނަށް ފަހު ކުރުދީން އެ ކޭމްޕުތަކަށް ދޭ އަހައްމިއްޔަތުކަން ކުޑަވުމުން ކޭމްޕުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދީންނަށް ވަނީ އާންމު ހިދުމަތްތައްލިބެންވެސް ދަތިވެފަ އެވެ.

ކުރުދީ ހަނގުރާމަވެރިން: އަލް ހައުލް ކޭމްޕުތައް ފަދަ ކޭމްޕުތައް ބަލަހައްޓަނީ ކުރުދީން --

އަލް ހައުލް ކޭމްޕުގައި މިހާރުވެސް 13 ދިވެހި އަންހެނުން އެބަ ތިއްބެވެ. އޭގެ ތެރެއިން ގިނަ އަންހެނުންގެ ދަރިންވެސް އެބަ ތިއްބެވެ. ދިވެހީންގެ ޖުމްލަ ގާތްގަނޑަކަށް 30 އަށް އަރާނެ އެވެ. އަލް ހައުލްގައި ތިބި ބައެއް އަންހެނުން އެ މީހުންގެ ދިވެހި ފިރިންނާ އެކު ސީރިޔާއަށް ދިޔަ ނަމަވެސް، ހަނގުރާމައިގައި އެ ފިރިން މަރުވެ، ހުވަފަތް ވުމުން އެހެން ހަނގުރާމަވެރިންނާ އިނދެ ބައެއް އަންހެނުންނަށް ދަރިން ވެސް ލިބިފައިވެ އެވެ.

އާއިލާގެ މީހަކު އޮޅުވާލައިިގެން ހަދީޖާ، 28 (އަސްލު ނަމެއް ނޫން) ސީރިއާއަށް ގެންދިޔައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ރައްގާ ސުންނާފަތިވުމުން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ ހިމާޔަތް ހޯދަން އަލް ހައުލް ކޭމްޕަށް ގޮސްފަ އެވެ. އަދިވެސް އޭނާ ހުރީ އެތަނުގަ އެވެ.

ހަދީޖާ "ސަން"އަށް ބުނީ، ތުރުކީއިން ސީރިއާއަށް އެރިފަހުން ކޭމްޕުގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޭމްޕުގައި ބޭހުގެ ދަތިކަން ކުރިމަތިވެފައި ވުމެވެ.

"މީގެ ކުރިން މިތަނުގައި މަސައްކަތް ކުރި ޑޮކްޓާސް ވިތްއައުޓް ބޯޑާސްއިން މިހާރަކު ނާދޭ. އެހެންވެ ބޭސް ވަނީ ވަރަށް ބޮޑަށް މަދުވެފައި،" ހަދީޖާ ބުންޏެވެ.

އަލް ހައުލްއަށް ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި ސަޕްލައި ކުރަމުން ދިޔައީ ޔުނިސެފް އާއި ރެޑް ކްރޮސްއިން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ހަމަލާތައް ބަދަލު ކުރާތީ އެ އެހީ މިހާރު އެ ކޭމްޕަކަށް ނުލިބެ އެވެ. އަދި ކާބޯތަކެތި ލިބުމުގައި ދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. ފެން ޓޭންކުތަކަށް ފެން ނޭޅުމުގެ ސަބަބުން ބައެއް ދުވަސް ދުވަހު ފެން ހޯދަންވެސް ދަތިވާ ކަމަށް އޭނާ ބުންޏެވެ. ހަދީޖާ ބުނި ގޮތުގައި ކައްކަން ބޭނުންވާ ތެޔޮވެސް ލިބެނީ ވަރަށް މަދުންނެވެ. ތެޔޮ ލިބެންޏާ ލިބެނީވެސް ވަރަށް އަގުބޮޑު ކޮށެވެ.

އަލް ހައުލްގައި ދިވެހީން އުޅެނީ ފޮތި ޓެންޓު ޖަހައިގެންނެވެ. އެކަމަކު ފައިސާ ހުންނަ ބައެއް މީހުން އެހެން ބާވަތް ބާވަތުގެ ޓެންޓުތައް ޖަހައިގެން އުޅެ އެވެ. ކުރިއަށް އޮތީ ފިނި މޫސުމެވެ. ފިނިމޫސުމުގައި ފިނިހޫނުމިން ބައެއް ފަހަރު ސުން ޑިގްރީއަށް ވުރެ ދަށަށް ވެއްޓެ އެވެ. ހަދީޖާ ބުނި ގޮތުގައި މިހާރު ފިނި މޫސުމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެގޮތުން ވާރޭވެސް ވެހޭ އިރު، ވާރޭއިން ރައްކާތެރިވުމަށް ޓެންޓު މަރާމާތު ކުރުމަށް ބޭނުންވާ ތަކެތިވެސް އަދި ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ފިނިން ރައްކާތެރިވާން ބޭނުންވާ ރަޖާ ފަދަ ތަކެތިވެސް ފޯރުކޮށްދީފައި ނުވާ ކަމަށް ބުންޏެވެ.

އިރު އުތުރު ސީރިއާގައި ހުންނަ އަލް ހައުލް ކޭމްޕް: މި ކޭމްޕުގައި ތިރީހަކަށް ދިވެހީން އުޅޭ --

ބައިނަލްއަގުވާމީ މަސްރަހު ދިރާސާ ކުރާ މުހައްމަދު ޖަވާދު ޔޫސުފު ވިދާޅުވީ އިންސާނީ އެހީ ލިބުމުގައި ދަތިވެފައިވާ ކަމަށް ބުނެ، ހަދީޖާ ދެއްކި ވާހަކަތަކަކީ ހަގީގީ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެ ސަރަހައްދުގައި އެ އޮތީ ހަނގުރާމައިގެ ހާލަތު އަދި އެ އޮތީ ވަގުތީ ގޮތުން ހަމަލާތައް ބަދަލު ކުރުން ހުއްޓާލާފައި. ހަނގުރާމައިގެ ހާލަތުގައި އޮއްވައެއް އދ.ގެ ނޯމަލް ޑެލިވަރީ ސިސްޓަމް ވޯކެއް ނުކުރާނެ،" ޖަވާދު ވިދާޅުވި އެވެ.

އަލް ހައުލްގައި ތިބި ދިވެހީންގެ ގިނަ ބަޔަކު އަނބުރާ ރާއްޖެ އަންނަން ބޭނުންވެ އެވެ. އެކަމަކު، އެ މީހުން ގެނައުމާ މެދު ރާއްޖޭގައި ދެބަސްވުންތަކެއް ވަނީ އުފެދިފަ އެވެ. އެއްބަޔަކު ބުނަނީ އެއީ ދިވެހި ރައްޔިތުން ކަމަށްވުމުން އެ މީހުންނަށް އަޅާލައި އަނބުރާ ގައުމަށް ގެންނަން ޖެހޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ، އެ މީހުން ސީރިއާާއަށް ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި، އެ މީހުންގެ ތެރޭގައި ހައްދުފަނައަޅާފައިވާ ފިކުރުގެ މީހުން ތިބުން އެކަށީގެންވާ ކަމަށެވެ. އަދި އެ މީހުން ރާއްޖެއަށް ގެނައުން ރައްކާތެރި ނޫން ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ވަނީ އެ ދިވެހީން އަނބުރާ ގެންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، މުޖުތަމައުއަށް ނެރުމުގެ ކުރިން އެ މީހުން ރިހެބިލިޓޭޓު ކުރަން ބޭނުންވާ ކަމަށް ސަރުކާރުން ބުނެ އެވެ. އެފަދަ ރިހެބިލިޓޭޝަން ސެންޓަރެއް އެއް އަހަރު ދުވަސް ތެރޭގައި ގާއިމް ކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ހަދީޖާ ހުރީ އަލް ހައުލް ކޭމްޕު ދޫކޮށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު، އެ ދުވަހުގެ ކޮޅެއް ނުފެންނާތީ އޭނާ ހުރީ މާޔޫސްވެފަ އެވެ.

"ދިވެހި ސަރުކާރުން ބުނަމުން ދަނީ ގެންނާނީ އަންނަ މަހުއޭ، އަންނަ މަހުއޭ. އެކަމަކު، އެ ދުވަހެއް ނާދޭ،" ހަދީޖާ ބުންޏެވެ.

އެކަމަކު މިވަގުތަށް އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހިންގެ ހާލަތު އިތުރަށް ގޯސްވުމެވެ.

comment ކޮމެންޓް