ސީރިއާއާ ބެހޭގޮތުން އުރުދުގާނާއި ޕޫޓިން މަޝްވަރާއަށް

ޕޫޓިން އާއި އުރުދުޣާން ރަޝިއާގެ ސޫޗީގައި މިއަދު ބައްދަލުކުރައްވަނީ

ސޯޗީ (އޮކްޓޯބަރ 22): ތުރުކީގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކުގެ މުސްތަގްބަލާމެދު، ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނާއި ރަޝިއާގެ ރައީސް ވްލަޑިމީރ ޕޫޓިން މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ.

ރަޝިޔާގެ ސޯޗީގައި މިއަދު ހަވީރު ފެށި ސަމިޓުގެ އަމާޒަކީ ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި އެ ސަރަހައްދުތަކުގައި ސުލްހަ ގާއިމުކުރުންކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނެއެވެ.

މި ސަމިޓަށް ވަޑައިގަތުމަށްޓަކައި އަންކާރާއިން ފުރާވަޑައިގަތުމުގެ ކުރިން އުރުދުގާން ވިދާޅުވީ ސީރިއާގައި "ވައިޕީޖީ" ހަނގުރާމަވެރިން އަންގާރަދުވަހުގެ ނިޔަލަށް ސީރިއާގެ އިރު އުތުރުގެ ހުރިހާ ސަރަހައްދަކުން ނުފައިބައިފިނަމަ ހަމަލާ ދިނުމަށް އަލުން ފަށާނެކަމަށެވެ. އުރުދުގާނާއި ޕޫޓިންގެ ސަމިޓު ފެށީ ވައިޕީޖީން އެ ސަރަހައްދުތަކުން ފޭބުމަށް ފުރުސަތު ދިނުމަށްޓަކައި ހަމަލާ ހުއްޓާލުމަށް ވީ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވެފައި ވަނިކޮށެވެ.

ފަސް ދުވަހަށް ސީޒްފަޔާއެއް އިއުލާނުކުރުމަށް ތުރުކީން މިދިޔަ ހކުރު ދުވަހު ނިންމީ، ވައިޕީޖީ ހަނގުރާމަވެރިން ސީރިއާގެ އިރު އުތުރު ސަރަހައްދުތަކުން ފަހަތަށް ޖައްސާނެކަމުގެ ޔަގީންކަން އެމެރިކާއިން ދިނުމުންނެވެ. ތުރުކީން ބުނަނީ އެގައުމުގެ ބޯޑަރުން ފެށިގެން 40 ކިލޯމީޓަރު ދެކުނަށް ވައިޕީޖީ ފައިބަން ޖެހޭނެކަމަށެވެ.

ސޯޗީގައި ބާއްވާ ސަމިޓުގައި ޕޫޓިން މަސައްކަތްކުރައްވަނީ ސީރިއާގެ އިރު އުތުރުގެ ހިސާބުތަކުން ވައިޕީޖީ ފޭބުމަށްފަހު އެ ސަރަހައްދުތަކުގައި ދިގު މުއްދަތަކަށް ތުރުކީ ސިފައިން މަރުކަޒުނުކުރުމަށާއި އެތަނުގައި ތުުރކީން އަސްކަރީ ބޭސް ނުހެދުމަށް އުރުދުގަނަށް ބާރު އެޅުއްވުމަށެވެ. އަދި މުސްތަގުބަލުގައި ތުރުކީއަށް ރައްކާތެރިކަން އޮތީ އެ ސަރަހައްދުތައް ސީރިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްގެންކަން އުރުދުގާނަށް ވިސްނައިދެއްވުމަކީވެސް ޕޫޓިންގެ މަގްސަދެކެވެ.

ވައިޕީޖީގެ ކޮމާންޑަރަކު ވަނީ ސީރިއާގެ އިރު އުތުރުގެ ސިޓީއެއް ކަމުގައިވާ ރަސް އަލް އައިނުން އެ ޖަމާއަތުގެ ހުރިހާ ހަނގުރާމަވެރިން ފައިބައި ނިންމިކަން އިއޔްެ އިއުލާނުކޮށްފައެވެ. އަދި ތުރުކީންވެސް ވަނީ ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކުން ވައިޕީޖީ ފައިބަމުންދާކަން ކަށަވަރުކޮށްދީފައެވެ.

ތުރުކީ ސިފައިން މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކަށް ހަމަލާތައް ދޭން ފެށީ އެ ސަރަހައްދުތަކުން ވައިޕީޖީ ހަނގުރާމަވެރިން ފައްސާލައި ތުރުކީގައި ދިރިއުޅޭ ސީރިއާ ރެފިއުޖީން ވަޒަންވެރިކުރުވުމަށްޓަކައި އެތަނުގައި އަމާން ސަރަހައްދުތަކެއް ގާއިމުކުރުމުގެ ބޭނުމުގައި ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް