ޔޫރޯ ކޮލިފައިން: ބެލްޖިއަމް، ޖަރުމަނު އަދި ނެދަލޭންޑްސަށް މޮޅެއް

ޖަރުމަނާއި އެސްޓޯނިއާ ކުޅުނު މެޗުގައި ގުންޑޮވާން ވަނީ ދެ ގޯލު ޖަހައިފަ --- ފޮޓޯ// ރަޔާން ބެންސަން

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމާއި ނެދަލެންޑްސް އަދި ޖަރުމަނުވެސް މޮޅުވެ ގުރޫޕް ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

ރޭ ކުޅުނު މެޗުގައި ބެލްޖިއަމުން ކަޒަކިސްތާން އަތުން ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. ޔޫރޯ ކޮލިފިކޭޝަންގެ ގުރޫޕް އައިގައި ބެލްޖިއަމުން މިހާތަނަށް އަށް މެޗު ކުޅުނު އިރު އެ ޓީމުން އަންނަނީ އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލިބުނު 24 ޕޮއިންޓާ އެކު އެ ޓީމު މިވަގުތު ގުރޫޕް ތާވަލުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

އެ ގުރޫޕުގެ ދެވަނައިގައި ރަޝިއާއިން 21 ޕޮއިންޓާ އެކު އޮތް އިރު ތިން ވަނައިގައި އޮތް ސައިޕްރަސް އޮތީ 10 ޕޮއިންޓާ އެކު އެވެ. އެހެން ކަމުން ބެލްޖިއަމަށާއި ރަޝިޔާއަށް މިހާރު ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރުވެފަ އެވެ.

ވަރުގަދަ ސްކޮޑަކާ އެކު ބެލްޖިއަމުން ރޭ ކުޅުނު އެ މެޗުގައި ގޯލުތައް ޖަހައިދިނީ މިޗީ ބަޓްޝުއާއީއާއި ތޯމަސް މުނިއޭއެވެ.

އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުގައި އާޖެންޓީނާ އަތުން އެއްވަރުވި ޖަރުމަނުން ރޭ ވަނީ އެސްޓޯނިއާއާ ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އެ ނަތީޖާއާ އެކު ގުރޫޕް ސީގެ ދެވަނައަށް ޖަރުމަނު ވަނީ ޖެހިލައިފަ އެވެ. މި ގުރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ ނެދަލެންޑްސް އެވެ.

ރޭގެ މެޗު ފެށިގެން 14 ވަނަ މިނަޓުގައި ޖަރުމަނުގެ މިޑްފީލްޑަރު އެމްރީ ޗޭން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެހެން ކަމުން ޖަރުމަނުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. ޗޭންއަށް ރަތްކާޑު ރެފްރީ ދެއްކީ އިދިކޮޅު ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ލާސްޓް މޭން ޑިފެންޑަރުގެ މަގާމުގައި ޗޭން ހުރެ ކުރި ފައުލަކުންނެވެ.

އެ މެޗުގައި ޖަރުމަނުން ޖެހި ތިން ގޯލު ވެސް އެ ޓީމުން ޖެހީ ދެވަނަ ހާފުގަ އެވެ. އެ ޓީމަށް ގޯލުތައް ޖަހައިދިނީ އައިކޭ ގުންޑޮވާންއާއި ޓިމޯ ވާރނާ އެވެ. ގުންޑޮވާން ވަނީ އެ މެޗުގައި ދެ ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.

މީގެ އިތުރުން އެންމެ ފަހުގެ ޔޫރޯއާއި ވޯލްޑް ކަޕުން ވެސް ޖާގަ ނުލިބުނު ނެދަލެންޑުން ވަނީ ރޭ ބެލަރުސް 1-2 ގެ ނަތީޖާއަކުން ބަލިކޮށް ގުރޫޕް ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ. އެ ގުރޫޕުގައި ހިމެނޭ ޖަރުމަނާއި އެއްވަރަށް ޕޮއިންޓް ލިބިފައި އޮތް ނަމަވެސް ނެދަލެންޑަށް ތާވަލުގެ ކުރި ލިބެނީ ފައިދާ ގޯލު ގިނަ ވީމަ އެވެ.

އެ މެޗުގައި ނެދަލެނޑުން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބެލަރުސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ސްޓެނިސްލަވް ޑްރެގަން އެވެ.

comment ކޮމެންޓް