ހަތްސަތޭކަ ރުފިޔާގެ ކުޅޭ އެތި

ބައެއް ބެއިފުޅުންނަށް މިއީ މާ ބޮޑު ކަމެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް އަޅުގަނޑަށް ފެންނަނީ މިއީ ވެސް އަޅުގަނޑުމެން ސަމާލުކަން ދޭން ވެއްޖެ ކަމެއް ކަމުގައެވެ. ދަންނަވާން މި އުޅެނީ މިހާރަކަށް އައިސް މާލޭގައި ވެސް ވަރަށް ގިނަ ފިހާރަތަކުގައި ހިސާބަށް ވުރެ ބޮޑެތި އަގުތަކުގައި ވިއްކާން ހުންނަ ކުޑަކުދީންގެ ކުޅޭ ސާމާނުގެ ވާހަކައެވެ.

ކޮންމެ މަންމަޔަކާއި ބައްޕަޔަކު ވެސް އެ ބައެއްގެ ކުޑަ ދަރިފުޅަށް ކުޅެލާނޭ އެއްޗެހި ހޯދާން ބޭނުން ވާނެއެވެ. ޚާއްސަކޮށް މާލެ ކަހަލަ ތަނެއްގައި، ކުދީން ކުޅެލާނޭ ގޯތިތެރެއެއް ކަހަލަ ޖާގައެއް ނޯންނަ ތަންތަނުގައި، ގޭގައި ތިބިއްޔާ ގޭގެ ސިޓިންގ ރޫމުގައި ނުވަތަ ކޮޓަރީގައި ގައިދު ވެފައި ތިބޭން ޖެހޭ ތަނެއްގައި، ކުދީން ކުޅެލާނޭ އެއްޗެހީގެ ބޭނުންތެރިކަމާއި، ބޭނުންވާ އަދަދު ވެސް ވަކީން ބޮޑު ވާނެއެވެ. މި ޒަމާނުގައި ކުޑަކުދީން ކުޅޭ ސާމާނަކީ ގާތްގަނޑަކަށް އަސާސީ އެއްޗަކަށް މިއޮތީ ވެފައެވެ.

މިފަދަ މުހިއްމު އެއްޗެއް ގަނެލާން މާލޭގެ ފިހާރަފިހާރަޔަށް ވަދެލައިފި ނަމަ ފެންނާނީ އެއްޗަކަށް ވާ ކަހަލަ އެއްޗެއް ދުއިސައްތައިން، ތިންސަތޭކައިން، ހަތަރު ސަތޭކައިން މެނުވީ އަގު ކޮށްފައި ނުހުންނަތަނެވެ. ވަރަށް ގިނަ އެއްޗެތީގެ އަގު ހަތް ސަތޭކަ އަށްސަތޭކައިން އެއްހާހުން ވެސް އަރައިގެން ގޮސްފައި ހުރެއެވެ. މީގެ ތެރޭގައި މި ހުންނަނީ ހަމަ ރަބަރުން ނުވަތަ ޕްލާސްޓިކުން ނުވަތަ ކޮންމެވެސް ފޭރާމަކުން ހަދައިފައި ހުންނަ އެއްޗެއްސެވެ. މާކަ އަގުބޮޑު ރޯމާއްދާއެއް ބޭނުން ކޮށްގެން ހަދައިފައި ހުންނަނީކީ ވެސް ނޫނެވެ. އެ އެއްޗެތި ރާއްޖެއިން ބޭރުން ގަނެގެން ގެނެސްފައި ހުންނަނީ ވެސް އެފަދަ ބޮޑު އަގުގައި ނުވިއްކައި ފަރުނުޖެހޭހައި ބޮޑު އަގެއްގައި ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

މީގައި ދިމާވާ އެންމެ ބޮޑު މައްސަލަޔަކީ، ދަރިފުޅު ގޮވައިގެން އެއިން ފިހާރަޔަކަށް ވަދެލުމުން، އެ ކުއްޖާ ބޭނުން ވެގެން ދައްކާ އެއްޗަކީ ގިނަ ފަހަރު ހަތްސަތޭކަ އަށްސަތޭކަޔަށް ވުރެ އަގުހެޔޮ އެއްޗަކަށް ނުވާކަމެވެ. ކުއްޖާ އެ ބުނި އެއްޗެއް ގަނެނުދީފިއްޔާ، ގިނަ ކުދީންނަކަށް، ޚާއްޞަކޮށް ތަންކޮޅެއް އުމުރުން ހަނގު ކުދީންނަކަށް، އެ ގަނެނުދިނީ ފައިސާ ނެތީމާކަމެއް ވިސްނައެއްނުދެވެއެވެ. ފިހާރަތަކަށް ކުދީން ނުގެންދިޔުމަކީ ކޮންމެވެސް ވަރެއްގެ ހައްލެކެވެ. އެކަމަކު އެއީ އެކަށޭނަ ހައްލަކަށެއް ނުވެއެވެ. ސަބަބަކީ ކުއްޖާ ނުގެންދިޔަޔަސް، މިވަނި އެވަނި އެއްޗެއް ބޭނުމޭ ބުނީމާ، ބައްޕަ ވިޔަސް ނުވަތަ މަންމަ ވިޔަސް ފިހާރަޔަށް ގޮސް ބަލައިލާ އިރު، އެ އެއްޗެއްގެ އަގު ހަމަ މި ދެންނެވި މިންގަނޑުން ބޭރު ވެގެން ނުދާތީއެވެ. ވިސްނަވާށެވެ. ސިވިލް ސަރވެންޓެއްގެ އެންމެ އާދައިގެ މުސާރަޔަކީ ހަތްހާސް ވަރު ކަމަށް ބަލާ ނަމަ، ހަތްސަތޭކަ ރުފިޔާގެ ކުޅޭ އެއްޗެއް ގަންނާން އޭނާ ކުރާ ޚަރަދަކީ މުސާރައިގެ ދިހަބައިކުޅަ އެއްބައެވެ. އެއީ ބައެއް ގޭގޭގެ ފެންބިލު ނުވަތަ ކަރަންޓު ބިލަށް ވުރެ ބޮޑު އަދަދެކެވެ. އާއްމުކޮށް ގެންގުޅޭ އިންޓަރނެޓް ޕެކޭޖާއި، ކޭބަލް ޓީވީ ބިލަށް ވުރެ ބޮޑު އަދަދެކެވެ. މި އަދަދަށް މި ގަންނަނީ ކޯއްޗެއްތޯއެވެ؟ އަތްތިލައިގެ ބޮޑުމިނުގެ ކުޅޭ ބުދެކެވެ. އެ ބުދު ހުންނަނީ ވޯލްޓް ޑިޒްނީގެ އެންމެ ފަހުގެ ކާޓޫނުގެ ސޫރައިގައި ކަމަށް ވީތީ، "ސެލެބްރިޓީ ބުދެއް" ކަމުގައި ވެގެން އޭގެ އަގު ބޮޑު ވަނީއެވެ. ވިސްނަވާށެވެ! މިއީ ހަމަ އަޅުގަނޑުމެން އުޅޭންވީ، އަޅުގަނޑުމެންގެ ކަންތައްތައް ހުންނާންވީ ރަނގަޅު ގޮތްތޯއެވެ؟ އެއްކަލަ ކުޅޭއެތި ހަތްސަތޭކަ ރުފިޔާއަށް ނުގަނެވޭ އާއިލާއާ މެދުގައި ނުވިސްނާން ވީތޯއެވެ؟

އަނެއް މައްސަލަޔަކީ މާލޭގެ ގިނަ ފިހާރަތަކެއްގައި ވިއްކާން ބަހައްޓައިފައި ހުންނަ ކުޅޭ އެއްޗެތީގެ ބާވަތެވެ. ކުރީން ވެސް ދެންނެވި ފަދައިން، އަޅުގަނޑަށް އެފަދަ ތަންތަނުން ފެނިފައި ހުރި ގިނަ އެއްޗެއްސަކީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްޗެއްސެވެ. ބައެއް ތަންތަނުގައި ގިނައިން ހުންނަނީ ކާޓޫނު ކެރެކްޓަރތަކުގެ ސޫރަތަކެވެ. މިއީ ކީއްކުރާން އަޅުގަނޑުމެންގެ ދަރީންނަށް ދޭ އެއްޗެއްސެއްތޯއެވެ؟ ކޮން ފައިދާއެއް ކުރާ އެއްޗެއްސެއްތޯއެވެ؟ ހުޅަނގުގެ ބިދޭސީ ސަގާފަތުގެ ތެރެޔަށް އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑި އަޅައި، އަމިއްލަ ގައުމާއި ދީނުގެ ސަގާފަތާއި އައިޑެންޓިޓީ ގެއްލުވައިލުމަށް ކުރެވޭ ކަންތައްތައް އަދިވެސް މަދީތޯއެވެ؟

ކުދީންގެ ސިކުނޑިތައް ހެދި ބޮޑުވުމުގެ މަރުހަލާޔަށް އެހީތެރިވަނިވި، ރަނގަޅު ކުޅޭ އެއްޗެތި ވެސް ގިނަ އަދަދަކަށް ހަދައިފައި ހުރެއެވެ. ނަމަވެސް އެފަދަ އެއްޗެހި ރާއްޖެއިން ލިބެނީ ވަރަށް މަދުންނެވެ.

އަޅުގަނޑު ހިތުން މިއީ ވެސް ކުޑަ ކަމަށް ފެނުނެއްކަމަކު، ކުޑަ ކަމެއް ނޫނެވެ. ސަރުކާރުން ސަމާލުކަން ދެއްވާން ވެސް ވެއްޖެ ކަމެކެވެ. މިހާރު ދެވޭ ވަރަށް ގިނަ "ސަބްސިޑީ" ތަކަށް ވުރެ، ކުޅޭ އެއްޗެތި އަގުހެޔޮކޮށް ލިބޭނޭ ގޮތް ހެދުމަށް ޚަރަދު ކުރުން ވެސް މާރަނގަޅުކަމަށް ފެނެއެވެ.

comment ކޮމެންޓް