ބޯޅަ އުކަމުން ކެޕްރަލް އަނެއްކާވެސް އިތުރު ރެކޯޑެއް ރާއްޖޭގައި ހަދައިފި

ޖަގްލް ކުރަމުން ރެކޯޑު ހަދަނީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އެއް ފަހަރާ ހަތަރު ބޯޅަ ޖަގްލް ކުރަމުން 10 ކިލޯމީޓަރަށް ދުވެގެން، އައްޑޫ ސިޓީގައި ދުނިޔޭގެ ރެކޯޑެއް މި މަހުގެ ފަސް ވަނަ ދުވަހު ހެދި މިޗެލް ކެޕްރަލް މާލޭ ސަލްޓަން ޕާކު ސިޑި މަތީ ތިން ބޯޅަ އުކައިގެން އިތުރު ރެކޯޑެއް ގާއިމު ކޮށްފި އެވެ.

މީގެ ކުރިންވެސް "ޖޮގްލް"ކުރުމުގެ ރެކޯޑުތަކެއް ހަދާފައިވާ ކެނެޑާގެ މިކަލް މިއަދު ހެދި ރެކޯޑަކީ ވައްޓާ ނުލައި ތިން ބޯޅަ އުކަމުން އެންމެ ގިނަ ފިޔަވަޅު ސިޑިއަކުން ނެގުމުގެ ރެކޯޑެކެވެ. މި ރެކޯޑް މީގެ ކުރިން ހަދާފައި ވަނީ 608 ސިޑިން އަރައިގެންނެވެ. ނަމަވެސް މިކަލް މިއަދު އެ ރެކޯޑު މުގުރާލީ ޖަގަލް ކުރަމުން ސަލްޓަން ޕާކުގެ ސިޑިން 2544 ފަހަރު އަރައިގެންނެވެ.

މިކަލް ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބޭނުން ވަނީ 6000 ސިޑިން އެރުމުގެ ރެކޯޑެއް ހަދާށެވެ. އެގޮތަށް އޭނާއަށް ރެކޯޑް ހެދިއްޖެ ނަމަ އޭނާއަށް ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޙަލީފާގެ ސިޑިން އެންމެ މައްޗަށް ހިނގާފައި އެރުމަށް ވުރެން އިތުރުވާނެ ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް އެ އަދަދަށް ފިޔަވަޅު އެޅުމުގެ ކުރިން އޭނާ އަތުން މިއަދު ވަނީ ބޯޅަ ވެއްޓިފަ އެވެ.

މިކަލް މިއަދު ހެދި ރެކޯޑް އޭނާ މުގުރާލީ ވާރެޔާ ތެމިގެންނެވެ. ހިތްވަރު ދެއްވައި ޖަގަލް ކުރަމުން ސިޑިން އެރުމުގެ ރެކޯޑު މުގުރާލި މަންޒަރު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ އެވަގުތު ސަލްޓަން ޕާކަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ޖަގަލް ކުރުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެކަމުގައި އެހީތެރިވެދޭނެ ކަމަށް މިކަލް ބުނި އިރު އޭނަ ރާއްޖޭގައި މި ހެދި ރެކޯޑްތަކުގެ އެންމެ ބޮޑު މަގުސަދަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކުރުމެވެ. އެގޮތުން މިފަދަ ރެކޯޑްތައް ހަދައިގެން ބޭރުގެ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމަށް އޭނާ ބުނެ އެވެ. މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޖަގްލް ކުރަމުން ރެކޯޑު ހަދަނީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އައްޑޫ ސިޓީގައި އޮތް ޓީއެފްޖީގެ ދުވުމުގައި، ހަތަރު ބޯޅަ ޖަގްލްކުރަމުން މިކަލް 10 ކިލޯމީޓަރުގެ ރޭސް ނިންމާފައިވަނީ 55 މިނިޓާއި 48 ސިކުންތުންނެވެ.

މީގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރާއްޖެއިން ވަނީ އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ފްރީޑައިވްކުރުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފައެވެ. މީގެ ކުރިން އިޓަލީއިން 280 މީހުންނާއެކު ހެދި ރެކޯޑު ރާއްޖެއިން މުގުރާލީ 520 ބައިވެރިންނާއެކުއެވެ.

comment ކޮމެންޓް