ރިލްވާންގެ މައްސަލައިގައި ދައުވާ ކުރަން އަދިވެސް ނުފޮނުވާ

މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު -- ފޮޓޯ/ ރައިސް އޮފީސް

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި ކަމަށް ބުނާ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ކުރަން އަދި ފޮނުވާފައި ނުވާކަން އެނގިއްޖެ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދާ އެ މަރުގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ހަގީގަތްތައް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، "ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ރިލްވާންގެ މައްސަލައިގައި ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާ ކުރަން ރިޔާސީ ކޮމިޝަނުން ޕީޖީއަށް ފޮނުވާނެ" ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު "ސަން"އަށް ވިދާޅުވީ، މަރު ކޮމިޝަނުން މިހާތަނަށް އެ މައްސަލައިގައި ދައުވާ ކުރަން ފީޖީ އޮފީހަށް އަދި މައްސަލައެއް ފޮނުވާފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުގައި ލަސްވަނީ ކީއްވެތޯ ސާފުކުރަން މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވާތީ ކޮމިޝަންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރިލްވާންގެ މަރުގެ ޑްރާފްޓް ރިޕޯޓް ކޮމިޝަނުން އާންމު ކުރުމާ އެކު މީގެ ކުރިން ޕީޖީ އޮފީހުން، ބުނެފައި ވަނީ ރިލްވާން މައްސަލައިގައި ވޯކިން ލެވަލްއެއްގައި ރިޔާސީ ކޮމިޝަނާ އެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރަސްމީކޮށް ހުށަހެޅުމުން އިންސާފު ގާއިމް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޕީޖީ އޮފީހުން އަޅާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން މަރު ކޮމިޝަނާއި، ޕީޖީ އަދި ފުލުހުން ވަނީ އެ މައްސަލައިގައި މީގެ ކުރިން ބައްދަލުވެސް ކޮށްފަ އެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ، ރާއްޖޭގައި އުޅޭ ދީނީ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން ރިލްވާން ރަހީނުކޮށް މަރާލުމަށް ފަހު އޭނާ ކަނޑު ފައްތާފައިވާ ކަމަށެވެ.

މީގެ އިތުރުން ރިލްވާން ވަގަށް ނެގުމުގެ ކުރިން އެފަދަ ކަމެއް ހިންގަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގި އެކަން ފުލުހުންގެ ސިސްޓަމްގައި ރިކޯޑް ކުރެވިފައިވާ ކަމަށާއި އަދި ރިލްވާން ރަހީނުކުރިކަން އޮޅުވާލަން ފުލުހުންގެ އޮފިޝަލުންތަކެއް މަސައްކަތް ކުރި ކަމަށްވެސް ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.

comment ކޮމެންޓް