ރިލްވާންގެ މައްސަލައިގައި ދައުވާ ކުރަން އަންނަ ހަފްތާ ޕީޖީއަށް ފޮނުވަނީ

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ދައުވާ ކުރުމަށް އަންނަ ހަފްތާގައި ރިޔާސީ ކޮމިޝަނުން އެ މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނު އުފައްދަވާފައިވާ، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރިޕޯޓް އެކީ ފައިނަލްކޮށް އޭގައި ހުރި ކަންކަމާ ގުޅިގެން ދައުވާ ކުރުމަށް އަންނަ ހަފްތާ ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ވަޅިޖަހައި މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓް ވެސް ނިމިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ޝަރީއަތުގައި އޮތް މައްސަލައަކަށް ވާތީ އެ ރިޕޯޓް އާންމުކުރާނީ ޝަރީއަތް ނިމުމުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮމިޝަނުން ތަހުގީގު ކުރާ އަނަސް މަރާލި މައްސަލަ އާއި ބަންގްލަދޭޝްގައި އަމިއްލައަށް މަރުވި ކަމަށް ބުނާ، މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ ރިޕޯޓް ވެސް މިހާރު ނިމި ރިޕޯޓް އާންމު ކުރުމުގެ މަގުމަތީގައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް