ސީލައިފުން ފްލެޓަށް އެޗްޑީސީއިން ބަދަލުދޭން ކޮމިޝަންގެ އިއުތިރާޒެއް ނެތް

ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްސަލައެއް ނެތް ކަމަށް އެ ކޮމިޝަނުން ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގާފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލައިފަ އެވެ. އެއާއެކު ފްލެޓް ގަތް ބައެއް ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ.

އެއާއެކު މިދިޔަ ޖުލައި މަހު 17 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ، އެކޮމިޝަނުން ސީލައިފްއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފްލެޓް ގަތް ފަރާތްތައް ބަދަލު ދިނުން މަޑު ޖައްސާލުމަށް އެޗްޑީސީއަށް އަންގާފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު "ސަން" އަށް ވިދާޅުވީ، އެ އެންގުމާ ގުޅިގެން ކޮމިޝަނާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ކޮމިޝަނުން އެޗްޑީސީއަށް އެންގީ، ފުލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުން ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ޝުހެއިލް ވިދާޅުވި އެވެ.

"ކޮމިޝަނާ އެކު މަޝްވަރާ ކުރުމަށް ފަހު، އަޅުގަނޑުމެންގެ ޑޮކުއުމަންޓްސްތަކަށް ބެލުމަށް ފަހު، ބަދަލު ދިނުން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން ވަނީ [އެޗްޑީސީއަށް] އަންގާފައި،" ސުހައިލް ވިދާޅުވިއެވެ.

ބަދަލު ދިނުން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން އެޗްޑީސީއަށް އަންގާފައިވާއިރު، މިކަމާ ގުޅޭތުން ކޮމިޝަންގެ ބަހެއް ނުލިބުނެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު މީގެ ކުރިން "ސަން"އަށް ވިދާޅުވެފައި ވަނީ، ކޮމިޝަނުން އެޗްޑީސީއަށް އެގޮތަށް އެންގީ ސީލައިފްގެ ފުލެޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ، ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ސީލައިފުން ފްލެޓް އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފަ އެވެ. ފްލެޓް ގަތް ފަރާތްތަކުން 203 ފަރާތަކުން ބަދަލު ހޯދުމަށް މައްސަލަ ކޯޓަށް ހުށަހެޅި އެވެ.

ބަދަލު ދިނުމުގެ ކަންކަން އެޗްޑިސީ އިން މިހާރު ކުރިއަށްދާއިރު، ފްލެޓު ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުް އެޗްޑީސީއަށް އެންގުމަށް އެކުންފުނިން މިހާރު ވަނީ އެދިފައެވެ. އެގޮތުން އަންނަ ހަފްތާ ބުރާސްފަތި ދުވަހުގެ ކުރިން އެޗްޑީސީއަށް އެކަން އަންގައި، ކަމާ ގުޅުން ހުރި ލިޔުންތައް ހުށަހެޅުމަށް އެކުންފުނިން ވަނީ އިއްޔެ މުހުލަތު ދީފަ އެވެ.

އެޗްޑިސީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ސީލައިފްއިން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ދައުވާ އުފުލާފައިވަނީ އެކުންފުނިވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، އެ ފަރާތްތަކާއެކު އެއްބަސްވުމުގައި އެޗްޑީސީން ވަނީ މިހާރު ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.

https://sun.mv/121820

comment ކޮމެންޓް