ޖައްވުގައި ފަތުރުވެރިންނަށް ތިބެވޭނެ ހޮޓަލެއް 2025ގައި ލޯންޗު ކުރަނީ

ވޮން ބްރައުން ސްޓޭޝަނުގައި ރެސްޓޯރެންޓާއި ޖިމާއި ޕްރައިވެޓް ވިލާތައް ހިމެނޭނެ -- ފޮޓޯ: ގޭޓްވޭ ފައުންޑޭޝަން

އިންސާނުން ހަނދަށް ދިޔަތާ މިހާރު 50 އަހަރުވެއްޖެ އެވެ. ނަމަވެސް އެސްޓްރޮނޯޓުން ނޫން އެހެން މީހުން ދުނިޔެއިން ބޭރުގައި ދިރިއުޅުމުގެ ހުވަފެން އަދިވެސް ހަގީގަތަކަށް ވެފައި ނުވެ އެވެ. އެހެންކަމުން ގޭޓްވޭ ފައުންޑޭޝަން ކިޔާ އެމެރިކާގެ ކުންފުންޏަކުން ދަނީ ދުނިޔެއިން ބޭރުގައި ފަތުރުވެރިންނަށް ތިބެވޭނެ ހޮޓަލެއް ގާއިމު ކުރާ ފުރަތަމަ ކުންފުންޏަށް ވާން މަސައްކަތް ކުރަމުންނެވެ.

ގޭޓްވޭ ފައުންޑޭޝަނުން އުއްމީދު ކުރަނީ ވޮން ބްރައުން ސްޓޭޝަންގެ ނަން ދީފައިވާ އެކުންފުނީގެ ޖައްވީ ހޯޓެލް 2025ގައި ލޯންޗު ކުރުމަށް ފަހު، 2027ގައި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ވަރު ވާނެ ކަމަށެވެ.

އެފައުންޑޭޝަނުން ވަނީ ދުނިޔެ ވަށާ ބުރު ޖަހަމުން ދާނެ ވޮން ބްރައުން ސްޓޭޝަން ހުންނާނެ ގޮތުގެ ޑިޖިޓަލް ފޮޓޯތަކެއް ދައްކާލާފަ އެވެ. ބައިސްކަލެއްގެ ފުރޮޅަކާ އެއްގޮތް ޑިޒައިނަކަށް ހުންނަ އެ ސްޓޭޝަނުގައި 24 މޮޑިއުލް ހުރެ އެވެ. އަދި އެމޮޑިއުލްތަކުގެ ތެރޭގައި ޖިމާއި ރެސްޓޯރެންޓާއި ކުރޫއިންނަށް ހާއްސަ ކޮޓަރިތަކާއި ޕްރައިވެޓް ވިލާތަކާއި ސައިންޓިފިކް ދިރާސާތަކަށް ހާއްސަކޮށްފައިވާ މޮޑިއުލްތައް ހިމެނޭނެ ކަމަށް ގޭޓްވޭއިން ބުންޏެވެ.

ގޭޓްވޭ ފައުންޑޭޝަނުން ބުނާ ގޮތުގައި ހޮޓެލުގެ ކޮޓަރިތައް ހުންނާނީ ދުނިޔޭގެ ހޮޓާތަކުގައިވެސް ކޮޓަރިތައް ހަދާފައި ހުންނަ ގޮތަށް -- ފޮޓޯ: ގޭޓްވޭ ފައުންޑޭޝަން

ގޭޓްވޭ ފައުންޑޭޝަންގެ ވެބްސައިޓުގައިވާ ގޮތުން ވޮން ބްރައުން ސްޓޭޝަން އެނބުރެމުންދާ ސްޕީޑުގެ ގޮތުން އޭގައި އާޓިފިޝަލް ގްރެވިޓީ އުފެދި، ސްޕީޑަށް ގެންނަ ބަދަލުތަކުން ގްރެވިޓީ ކުޑަކޮށް ނުވަތަ އިތުރު ކުރެވޭނެ އެވެ. ނަމަވެސް އާއްމު ގޮތެއްގައި ހޮޓަލުގައި ހުންނާނީ ދުނިޔެއަށް ވުރެ ކުޑަ ގްރެވިޓީއެކެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިންނަށް ލޯ-ގްރެވިޓީ ބާސްކެޓްބޯލް ފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ވޮން ބްރައުން ސްޓޭޝަންގެ ޑިޒައިން އާކިޓެކްޓް ޓިމް އެލެޓޯ ވިދާޅުވި އެވެ.

"ދުނިޔޭގައި ނުކުރެވޭ ފަދަ ބައެއް ކަންތައްތައް ޖައްވުގައި ކުރެވޭކަން ދައްކުވައިދޭ ހަރަކާތްތަކާއި ކުޅިވަރުތައް [ހޮޓެލުގައި] އޮންނާނެ. އެގޮތުން ގްރެވިޓީ ދަށްވުމުން މާ މައްޗަށް ފުންމާ، ބަރު ތަކެތި އުފުލާ، ދުނިޔޭގައި ނުދުވެވޭ ގޮތްގޮތަށް ދުވެވޭނެ،" އެލެޓޯ ވިދާޅުވި އެވެ.

އަދި އެހޮޓަލުގައި ފަތުރުވެރިން ތިބޭ ކޮޓަރިތައް ހުންނާނީ ދުނިޔޭގެ ހޮޓާތަކުގައި ހުންނަ ގޮތަށް، ވީހާވެސް އަރާމުކޮށް ކަމަށާއި، ތަފާތަކަށް ވާނީ ބޭރު ބަލާލުމުން ޖައްވު ފެންނަން ހުރުން ކަމަށް އެލެޓޯ ފާހަގަ ކުރެއްވި އެވެ.

ވޮން ބްރައުން ސްޓޭޝަނުގައި ލޯ-ގްރެވިޓީ ބާސްކެޓްބޯލް ފަދަ ކުޅިވަރުތައް އޮންނާނެ -- ފޮޓޯ: ގޭޓްވޭ ފައުންޑޭޝަން

ގޭޓްވޭ ފައުންޑޭޝަނުން ބުނާ ގޮތުގައި ވޮން ބްރައުން ސްޓޭޝަން ހުޅުވާ ފުރަތަމަ ދުވަސްކޮޅު އެހޮޓަލަށް ދިޔުމުގެ އަގު ބޮޑުވޭނެ އެވެ. ނަމަވެސް އެކުންފުނިން އުއްމީދު ކުރަނީ މުސްތަގުބަލުގައި އެއީ "ކުރޫޒަކަށް ދިިޔުން ނުވަތަ ޑިޒްނީލޭންޑަށް ދިޔުން" ފަދަ ދަތުރަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ ޖައްވަކީ މީހުން އާއްމު ގޮތެއްގައި ދިރިއުޅެ، މަސައްކަތް ކުރާ ތަނަކަށް ހެދުމެވެ.

ގޭޓްވޭ ފައުންޑޭޝަންގެ އިތުރުން އެމެރިކާގެ އެހެން ސްޕޭސް ޓެކް ކުންފުންޏަކުންވެސް ދަނީ އަރޯރާ ސްޓޭޝަން ކިޔާ ލަގްޒަރީ ޖައްވީ ހޮޓަލެއް ލޯންޗު ކުރުމަށް ތައްޔާރުވަމުންނެވެ. އެކުންފުނިން ބުނާ ގޮތުގައި އެހޮޓެލް ލޯންޗު ކުރަން އުއްމީދު ކުރަނީ 2022ގަ އެވެ. އެސްޓޭޝަނުގައި ތިބެވޭނީ އެންމެ 12 މީހުންނަށް ކަމަށްވީ ނަމަވެސް ވޮން ބްރައުން ސްޓޭޝަނުގައި ގިނަވެގެން 450 މީހުންނަށް ތިބެވޭނެ އެވެ.

ވޮން ބްރައުން ސްޓޭޝަނުން ދާނީ ދުނިޔެ ވަށާ ބުރު ޖަހަމުން -- ފޮޓޯ: ގޭޓްވޭ ފައުންޑޭޝަން

ނަމަވެސް ޖައްވީ ފަތުރުވެރިކަމަކީ އަގު ބޮޑު ވިޔަފާރިއެކެވެ. އެގޮތުން އަރޯރާ ސްޓޭޝަނުގައި ތިބުމަށް 9.5 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. އަދި ޖައްވަށް މީހުން ފޮނުވުމަށް ތައްޔާރު ވަމުންދާ ރިޗާޑް ބްރޭންސަންގެ ވާޖިން ގެލެކްޓިކްއިން އެފަދަ ކޮންމެދަތުރަކަށް، ކޮންމެ މީހަކަށް 250،000 ޑޮލަރު ނަގާނެ އެވެ.

މީގެ އިތުރުން ނާސާއިންވެސް ވަނީ ޖައްވީ ފަތުރުވެރިކަމުގެ ރޭހުގައި ބައިވެރިވެ، 2020ގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އާއްމުންނަށް ހުޅުވާލާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް