ބާސެލޯނާ އެއްވަރުވި އިރު ޗެމްޕިއަން ލިވަޕޫލް ހިތްދަތި ގޮތަކަށް ބަލިވެއްޖެ

ބާސެލޯނާއާއި ޑޯޓްމަންޑް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރޮޝިއާ ޑޮޓްމަންޑުން ބާސެލޯނާ މޮޅުވިޔަ ނުދީ ހިފެހެއްޓި އިރު ނަޕޮލީ އަތުން ލިވަޕޫލް ހިތްދަތި ގޮތަކަށް ބަލިވެއްޖެ އެވެ.

ވާދަވެރިކަން ބޮޑު ޓްރާންސްފާ މާކެޓަކަށް ފަހު ބޮޑެތި ބަދަލުތަކާ އެކު ހުރިހާ ޓީމުތަކަކުން ވެސް އައު ސީޒަނާއި ކުރިމަތިލި އިރު އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމެވެ. އެ ތަށި ހޯދުމަށްޓަކައި އެތައް މިލިއަނުން ހަރަދުކޮށްގެން ޓީމުތަކުން ކުރަން ޖެހޭ ދަތުރު ރޭ ފެށި އިރު ޔޫރަޕުގެ ނަން ހިނގާ ބޮޑެތި ޓީމުތަކުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ.

އެގޮތުން މިދިޔަ ސީޒަނުގެ ސެމީ ފައިނަލުން ކެޓި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން ޑޮޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ބާސެލޯނާއާއި ޑޯޓްމަންޑް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

ޖަރުމަނުގެ ސިގްނަލް އިޑުނާ ޕާކުގައި ރޭ ކުޅުނު މެޗަށް ބާސެލޯނާއިން ނުކުތީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނެލް މެސީ ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ފުރަތަމަ ހާފު ފެށިގެން ޑޮޓްމަންޑުން ބޮޑަށް ކުޅުނީ ކައުންޓާ އެޓޭކް ފުޓުބޯޅައެވެ. ބާސެލޯނާއިން ކުޅުނީ އެޓީމުގެ ރަސްމީ ޕާސިންގް ގޭމެވެ.

ދެ ޓީމުގެ ފަރާތުން ވެސް އެ ހާފުގައި އާދައިގެ ކުޅުމެއް ފެނުނު އިރު ގިނަ ހަމަލާތައް އުފައްދާފައި ވަނީ ޑޮޓްމަންޑުނެވެ. އެގޮތުން ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުގައި ޑޮޓްމަންޑުގެ ކެޕްޓަން މާކޯ ރުއެސް ވަނީ ނުރައްކާތެރި ބޯޅައެއް ގޯލަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އެންޑާ ސްޓްގަން ވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ. އަދި އެ ހާފު ނިމުމުގެ ކުރިން ބާސެލޯނާއަށް ކުރިން ކުޅުނު ޕަކޯ އަލްކަސާއަށް ވެސް ވަނީ ޑޮޓްމަންޑަށް ލީޑު ނަގައިދެން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ބާސެލޯނާއަށް އެ ހާފުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވާއަތް ފަރާތު ވިންގަކަށް ކުޅޭ ޖޯޑީ އަލްބާއަށް އަނިޔާވުމެވެ. އަލްބާގެ ބަދަލުގައި ސާޖިއޯ ރޮބާޓޯ ކުޅެން ނުކުތް އިރު އޭނާ ވަނީ ނެލްސަން ސަމޭޑޯއާ ފަޅި ބަދަލުކޮށްފަ އެވެ. އެހެން ކަމުން އަލްބާ ނެތްތަން ފޫބެއްދީ ސަމޭޑޯ އެވެ.

ދެވަނަ ހާފު ފެށިގެން ޑޮޓްމަންޑުން ޓީމު ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އެ ހަމަލާތައް ދިފާއު ކުރުމުގައި ބާސެލޯނާގެ ޑިފެންސުން ހުށިޔާރުކަމާ އެކު ކުޅެމުން ދަނިކޮށް ރުއެސްއަށް ސަމޭޑޯ ފައުލުކުރި ކަމަށް ނިންމާ ރެފްރީ ވަނީ ޑޮޓްމަންޑަށް ޕެނަލްޓީއެއް ދީފަ އެވެ. ރުއެސް ފޮނުވާލި އެ ޕެނެލްޓީ ސްޓެގަން ވަނީ ހިފަހައްޓައިފަ އެވެ.

ޑޮޓްމަންޑުން މޮޅަށް ކުޅެމުން ދަނިކޮށް ބާސެލޯނާއިން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެން އެރުވުމާ ގުޅިގެން މެޗުގެ އޮއެވަރަށް ބަދަލުތަކެއް އައެވެ. ކުރިއަށް ޖައްސައިގެން ކުޅުނު ޑޮޓްމަންޑު ފަހަތުގައި މަޑު ކުރަން މަޖުބޫރު ވުމުން ބާސެލޯނާއަށް އަނެއްކާ ވެސް ކުޅެގަންނަން ފުރުސަތު ލިބުނެވެ. ނަމަވެސް ރަށުން ބޭރުގައިު ކުޅޭ މެޗަކަށް ވުމުން ބާސެލޯނާ މަސައްކަތް ކުރީ ވީހާވެސް ހަމަޖެހިގެން ކުޅެވޭތޯ އެވެ.

މިދިޔަ ސީޒަނުގައި ހިތްދަތި ގޮތަކަށް ސެމީ ފައިނަލުގައި ބާސެލޯނާ ކަޓުވާލައި ފައިނަލަށް ގޮސް މޮޅުވެ ޗެމްޕިއަންކަން ވެސް ހޯދި ލިވަޕޫލް މިރޭ ކުޅުނު މެޗުން ވަނީ 0-2 ގެ ނަތީޖާ އަކުން ނަޕޮލީ އަތުން ބަލިވެފަ އެވެ.

މިދިޔަ ސީޒަނުގައި ވެސް ދެއްކި މޮޅު ކުޅުން ދައްކައި މިފަހަރުގެ ތަށި ދިފާއު ކުރުމަށް ނުކުތް ލިވަޕޫލް މިރޭގެ މެޗަށް ވެސް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު އިރު ނަޕޮލީގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ލިވަޕޫލާއި ނަޕޮލީ ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން

ނަޕޮލީއިން އެ މެޗުގައި ލީޑު ނެގީ މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޑަރްއިސް މާޓިންސް އެވެ.

ނަޕޮލީގެ ގޯލާ އެކު ލިވަޕޫލް ޕްރެޝަރަށް ވެއްޓުމުން އެކަމުގެ ފައިދާ ނަގައި އިތުރު ގޯލެއް އެ ޓީމުން ޖެހި އެވެ. ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު އެންމެ ފަހުން ހޯދި ވާގިލް ވެންޑައިކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ގޯލު ޖެހީ ފެނާންޑޯ ލޮރެންޓޭ އެވެ.

މީގެ އިތުރުން ވެސް ވާދަވެރި މެޗުތަކެއް ޗެމްޕިއަންސް ލީގުގައި ރޭ ވަނީ ކުޅެފަ އެވެ. އެގޮތުން އިންޓަ މިލާނާއި ސަލްވިއާ ޕެރަގޫ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ޗެލްސީއާއި ވެލެންސިއާ ބަައްދަލު ކުރި މެޗު 0-1 އިން ކާމިޔާވު ކުރީ ޗެލްސީ އެވެ.

comment ކޮމެންޓް