ބައިސްކޯފުން އެންމެ ގަދަ 5 ޓީވީ ޝޯ

"ހުވާ"ގެ މަންޒަރެއް....

ގޭގައި ހަމަޖެހިލައިގެން އަމިއްލަ ޝެޑިއުލްއަށް ފިޓްވެގެން ދިވެހި ފިލްމެއް ބަލައިލެވޭނެ އެންމެ ފަސޭހަ ގޮތަކީ ހަމަގައިމުވެސް 'ބައިސްކޯފު' އެޕެވެ. ކޮންމެހެން ޓީވީއެއްވެސް ބޭނުމެއް ނުވެ އެވެ. ސްމާޓްފޯނަށް އިންޓަނެޓް ލިބޭނަމަ ސައިންއަޕް ވެލައިގެން ކޮންމެތާކު ހުރެވެސް ފިލްމެއް ބަލައިލަންވީ އެވެ. ނޫނީ ލަވައެއް ވެސް އަޑުއަހާލަންވީ އެވެ.

ބައިސްކޯފަށް ދިވެހި ފިލްމީ ދުނިޔެއިން ކިޔާލި ފޮނި މަރުހަބާއާ އެކު، ގިނަ ފިލްމް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ކުރީގެ އެތަށް މަސައްކަތަކާއި އަދި މުޅީން އާ މަސައްކަތްތައްވެސް މިހާރު ބައިސްކޯފުން ފެންނަންހުރެ އެވެ.

ދިވެހި ފިލްމާއި، ލަވައާއި، ޓީވީ ޝޯ ނުވަތަ ސީރީޒްތައް ބައިސްކޯފުން ފެންނަން ހުރިއިރު މިއަދު މި ހިމަނާލަނީ ބައިސްކޯފުގައި މިވަގުތު ހުރި އެންމެ މަގްބޫލު ޓީވީ ޝޯތަކުގެ ޗާޓެކެވެ.


1. ހުވާ

ފާތުމަތު ނަހުލާގެ ވާހަކައަކަށް ހަދާފައިވާ ސީރީޒް 'ހުވާ' އަކީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް އެވެ. އަދި މިއީ މިވަގުތު ބައިސްކޯފުގެ ޓީވީ ޝޯގެ ޗާޓުގެ އެއްވަނަވެސް މެއެވެ. ދިވެހި ފިލްމް އިންޑަސްޓްރީގައި މިވަގުތު ތިބި އެންމެ ކުޅަދާނަ ފަންނާނުންނާއި އެކު ގެނެސްދޭ މި ސީރީޒް އަކީ ދިވެހި ހުރިހާ ރަހަތަކަށްވެސް ފެތޭނެ ސީރީޒް އެކެވެ. ނަހުލާއާއި ފައިސަލް ޑައިރެކްޓްކުރި މިސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ނިމިފައިވާއިރު، ދެވަނަ ސީޒަނެއް އަންނާނޭ ކަމުގެ އުފާވެރި ހަބަރު މިހާރު ނަހޫ ވަނީ ދީފައެވެ.

ޖުމްލަ 40 ހަކަށް އެކްޓަރުން ފުރަތަމަ ސީޒަންގައި ހަރަކާތްތެރިވެފައިވާއިރު، މި ބައިތަށް ޝޫޓްކުރީ ބައިސްކޯފުން ތައްޔާރު ކުރި ހާއްސަ ސެޓެއްގަ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ޝީލާ، އައްޒަ، ރަވީ، ދޮންއައްޔަ، ރިޝްފާ، އާރިފާ، ފަދަ އެތަށް ތަރިންނެއް ހިމެނެ އެވެ.

ވެބް ސީރީޒްގެ މައިގަނޑު ތަރި ނިޔާޒް---

2.އެހެނަސް

މިއީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގުބާލް "އެހެނަސް ހަމަ ލޯބިވެޔޭ" ގެ ނަމުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ނެރުނު ވާހަކައިގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒެކެވެ. މި ސީރީޒްއިން ފެނިގެންދަނީ މުޖުތަމައުގައި ހިނގާ ގިނަ އިޖުތިމާއީ މައްސަލަތަކެއް ހިމެނޭހެން، ރަޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެކެވެ.

ސީރީޒްގެ މުހިންމު ރޯލްތަކުން މުޅީންހެން ހިމަނާފައި ވަނީ މި ދާއިރާއަށް މުޅީން އާ ތަރީންނެވެ. ދެ ސީޒަނެއް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ރަވީ ފާރޫގް އެވެ. ސީރީޒްގެ ލީޑް ތަރިއަކީ ވިޝާލް(ނިޔާޒް) އެވެ.

ކަރުހަކުރުގެ ބައެއް ކާސްޓުން---

3. ކަރުހަކުރު

ސިޓްކޮމް ކޮމެޑީއެއް ކަމުގައިވާ ކަރުހަކުރު މިހާރު އޮތީ ބައިސްކޯފު ޓީވީ ޝޯ ޗާޓުގެ ތިންވަނައިގަ އެވެ. މިއީ އޯކޭޒް އާއި ބައިސްކޯފް އެޕް ގުޅިގެން ރާއްޖޭއަށް މުޅިން އަލަށް ތަޢާރަފްކުރި ސީރީޒް އެކެވެ. ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް އާއި ދިވެހި އަދަބީ ކަންކަމުގެ ތެރެއިން މަގްބޫލް ކަން ހޯދި ރައުފަތު ސޯދިގް ފެނިގެންދާ މި ސީރީޒްއަކީ ދިވެހި މޮޅު ކޮމެޑީއެއް ބަލާލަން ބޭނުންވެފައި ތިބި ފަރާތްތަކަށް ވަރަށް ކަމުދާނޭ ސީރީޒް އެކެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް ސްކްރީން ރައިޓަރު މަހްދީ އަހުމަދުގެ ސްކްރިޕްޓަކަށް މި ސީރީޒް ޑައިރެކްޓްކުރަނީ ފިލްމާއި ޑްރާމާ އުފެއްދުމުގެ ރޮނގުން މަތީ ތައުލީމު ހާސިލްކޮށްފައިވާ މުހައްމަދު މުންތަޝިރު (މުންކޮ) އެވެ.

މެންދަންގެ ޕޯސްޓަރެެެއް..

4. މެންދަން

މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފަސް އެޕިސޯޑްގެ 'މެންދަން' ވެސް މިވަނީ ބައިސްކޯފުގައި އާންމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ. "ލޫދިފާ" ފަދަ ކާމިޔާބު ފިލްމުތައް އުފެއްދި ޕްރޮޑިއުސަރު ހުސައިން (ނޫރު) ނޫރައްދީން ޑައިރެކްޓްކޮށްފައިވާ މި ސީރީޒް އިން ދައްކުވައިދެނީ ކައިވެންޏަކަށް ފަހު، ފިރިމީހާގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބި، ބީރައްޓެހި ރަށަކަށް ދަރިފުޅާ އެކު ބިކަވާ އަންހެނެއްގެ ވާހަކަ އެވެ. "މެންދަން" ގެ މައިގަނޑު ރޯލްތަކުން ފެންނަނީ އެކްޓަރު އަހުމަދު އާސިމްގެ އަންހެނުންނާއި އަލީ (އަޖޫ) އަޖްނާޒެވެ.

ޝްޝްޝްގެ ޕޯސްޓަރެއް---

5.ޝްޝްޝް

ޗާޓުގެ ފަސްވަނައިގައި މިވަނީ ބިރުވެރި ސީރީޒްއެއްކަމުގައިވާ 'ޝްޝްޝް' އެވެ. އަމްޖަދު އިބްރާހިމް ގެ ޑައިރެކްޓްކޮށްފައިވާ މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ވެސް ބައިސްކޯފުންނެވެ.

މި ސީރީޒް އިން ފެނިގެންދަނީ އަލަތު ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންގެ ދިރިއުޅުމުގައި ކުރިމަތިވާ ބިރުވެރި ކަންތައްތަކެކެވެ. ސީރީޒްގެ ކާސްޓުންގެ ތެރޭގައި އަޒޭ، ޝީލާ އަދި ޒީނަތު ހިމެނެ އެވެ.

*ބައިސްކޯފު ޗާޓު މި ގެނެސްދެވެނީ ބައިސްކޯފުގެ އެހީތެރިކަމާއެކު މިހާތަނަށް މި އެޕް މެދުވެރިކޮށް ސީރީޒްތައް އެންމެ ގިނައިން ބަލާފައިވާ އަދަދުގެ މައްޗަށް ބިނާކޮށެވެ. ކުރިއަށް އޮތް ހަފްތާގައި އަނެއްކާވެސް ބައިސްކޯފުގެ ކޮންމެވެސް އެހެން ބާވަތެއްގެ ޗާޓު ގެނެސްދެވޭނެ އެވެ. އިންތިޒާރުކޮށްލާށެވެ!

comment ކޮމެންޓް